ޝިމާގެ މައްސަލަ: ފުލުހުން ލ. އަތޮޅުގައި އިތުރު މަސައްކަތްތަކެއް ކުރަނީ

ގެއްލިގެން ހޯދަމުންދާ ޝީމާ: އޭނާ ގެއްލުނު މައްސަލައާ ގުޅޭ މަސައްކަތްތަކެއް ފުލުހުން ދަނީ ކުރަމުން -- ފޮޓޯ/ ފޭސްބުކް

ޑިންގީއެއްގައި ގަމުން ފުރައިގެން މާމެންދޫއަށް ދަނިކޮށް، ގާދޫ ކަނޑަށް ޑިންގީ ބަންޑުން ޖަހާލުމުން ގެއްލުނު އައިމިނަތު ޝިމާ ނާފިޒުއަށް ވީ ކިހިނެއްތޯ ބެލުމަށް ފުލުހުން ލ. އަތޮޅުގައި އިތުރު މަސައްކަތްތަކެއް ފަށައިފިއެވެ.

ޝިމާ ގެއްލުނީ އިބްރާހިމް ފަޒީލް ނަމަކަށް ކިޔާ މީހަކާ އެއްކޮށް ޑިންގީގައި ދަނިކޮށެވެ. ޑިންގީ ދުއްވަން އިން ފަޒީލް ވަނީ އެ ހާދިސާގައި ސަލާމަތްވެފައެވެ. އޭނާ ސަލާމަތްވީ ފަތާފައި ގޮސް ކައިރީގައި އޮންނަ ސިކްސް ސެންސަސް ލާމު ރިސޯޓަށް އަރައިގެންނެވެ.

ފުލުހުން ބުނީ ޝިމާ ގެއްލުނު މައްސަލައާ ގުޅުންހުރި މަސައްކަތްތަކެއް މިހާރު ފުލުހުން ލ. އަތޮޅުގައި ކުރަމުންދާ ކަމަށެވެ. އެކަމަކު، އެ މަސައްކަތްތަކުގެ އެއްވެސް ތަފްސީލެއް ފުލުހުން ނުދެއްވައެވެ.

މީގެ ކުރިންވެސް ފުލުހުން ޝިމާ ގެއްލުނު ކަމަށް ބުނާ ސަރަހައްދު ބަލާފައިވެއެވެ. އަދި އެކަމަށް ޑައިވިން ރޮބޮޓުވެސް ބޭނުންކޮށްފައިވެއެވެ.

ޝިމާ ގެއްލުނު މައްސަލައިގައި އޭނާގެ އެންމެ ބޮޑަށް ތުހުމަތު ވަނީ އޭނާއާ އެކު ޑިންގީގައި ހުރި ފަޒީލަށެވެ. ފަޒީލްއަކީ މީގެ ކުރިން ޖިނާއީ އެކި އެކި ކުށްތަކުގެ ތުހުމަތުގައި ޖަލަށްލާފައިވާ މީހެކެވެ.

ޝިމާ ގެއްލުނު ފަހުން ފަޒީލްއާއި އިތުރު ބަޔަކު ޝިމާގެއް ކޮއްކޮ ކިޑްނެޕްކޮށް ޑިންގީއަކަށް އަރުވައިގެން ދަނިކޮށް ފުލުހުން އެ މީހުން ހުއްޓުވައި ހައްޔަރުވެސް ކުރިއެވެ. އެ މައްސަލައިގައި ފަޒީލްގެ މައްޗަށް ދައުވާ ކުރަން މިހާރު ވަނީ ނިންމައިފައެވެ.

އެކަމަކު، ފަޒީލް ވަނީ ޝިމާގެ މައްސަލައިގައި ތުހުމަތުތައް ދޮގުކޮށްފައެވެ. އޭނާ ބުނެފައި ވަނީ ޝިމާ ސަލާމަތްކުރަން އޭނާ މަސައްކަތް ކުރި ކަމަށެވެ.

comment ކޮމެންޓް