ޝާހިދު، އެއް ދުވަހެއްގައި ޗައިނާ އަދި އިންޑިއާ ސަފީރާ ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޖަންގް ލިޖޮންގް އަދި އިންޑިއާ ސަފީރު ސަންޖޭ ސުދީރުއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިނިސްޓަރު ޝާހިދު މިއަދު އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ޗައިނާގެ ސަފީރާއެވެ. މިހާރު ރާއްޖޭގައި ކުރިއަށްދާ ދެ ގައުމާ ގުޅުންހުރި ޕްރޮޖެކްޓުތަކާއި، ދެ ގައުމަށްވެސް މަންފާ ލިބޭ ކަންކަމާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި ވާހަކަ ދައްކާފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޗައިނާގެ ސަފީރާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން --

އެއަށް ފަހު މިއަދު ޝާހިދު ވަނީ އިންޑިއާގެ ސަފީރާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމުގައި، އިންޑިއާގެ އެހީއާއެކު ރާއްޖޭގައި ކުރިއަށްދާ މަޝްރޫއުތަކާ ބެހޭގޮތުން މަޝްވަރާ ކުރެވުނުކަމަށް ޝާހިދު ވިދާޅުވިއެވެ.

އިގްތިސާދީ ދެ ގަދަ ބާރު ކަމަށްވާ ޗައިނާ އަދި އިންޑިއާ މި ފަހުން ބައިނަލްއަގުވާމީ މައިދާނުގައި ވެފައިވަނީ ވާދަވެރިންނަށެވެ. ދެ ގައުމުން ދަނީ އެކި މައިދާންތަކުގައި ނުފޫޒު ހޯދަން މަސައްކަތް ކުރަމުންނެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާގެ ސަފީރާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން --

ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގައި ސަރުކާރުން ވަނީ ވަރަށް ގިނައިން ޗައިނާގެ އެހީ ހޯދައިފައެވެ. މިހާރުގެ ސަރުކާރުގައި ތިބި އޭރުގެ އިދިކޮޅު ފަރާތްތަކުން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔެވެ. އެއީ ޗައިނާއަށް ރާއްޖެ ވަރަށް ބޮޑަށް ދަރާފާނެ ކަމަށް ބުނެއެވެ. އެ ދުވަސްވަރު ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ވަނީ ހީނަރުވެފައެވެ.

އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން ވަނީ އިންޑިއާއާ އެކު އޮތް ގުޅުން އަލުން ބަދަހި ކުރައްވައިފައެވެ. ދިވެހި ސަރުކާރުން މިހާރު އެކި ކަންކަމުގެ އިންޑިއާ ސަރުކާރުގެ ހިލޭ އެހީއާއި ލޯނު ހޯދައެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ދޫކުރި އެއް ބިލިއަން ޑޮލަރުގެ ކްރެޑިޓު ލައިނެވެ.

comment ކޮމެންޓް