އިނގިރޭސިވިލާތް އީޔޫއިން ވަކިވާ ތާރީހު ފަސް ކުރަން އީޔޫއިން އެއްބަސްވެއްޖެ

އިނގިރޭސިވިލާތް އީޔޫއިން ވަކިވާ ތާރީހު ފަސް ކުރަން އީޔޫއިން ވަނީ އެއްބަސްވެފައި -- ފޮޓޯ: އޭއެފްޕީ

އީޔޫ (އޮކްޓޯބަރު 28): އިނގިރޭސިވިލާތް ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ވަކިވާ ތާރީހު އަންނަ އަހަރުގެ ޖެނުއަރީ 31އަށް ފަސް ކުރަން އެ އިއްތިހާދުން އެއްބަސްވެއްޖެ އެވެ.

ޔޫރަޕިއަން ކައުންސިލްގެ ރައީސް ޑޮނަލްޑް ޓަސްކް މިއަދު ކުރެއްވި ޓުވީޓެއްގައިވާ ގޮތުން އީޔޫއިން ވަނީ އިނގިރޭސިވިލާތުގެ އެދުމުގެ މަތިން ބްރެކްސިޓް ފަސް ކުރަން އެއްބަސްވެފަ އެވެ. އަދި ލިޔުމަކުން އެނިންމުން ރަސްމީކޮށް އަންގާނެ އެވެ.

އިނގިރޭސިވިލާތް އީޔޫއިން ވަކިވާން ނިންމީ 29 މާޗް 2017ގައި އެގައުމުގައި ނެގި ފެންނަ ނުފެންނަ ވޯޓެއްގައި، 51.9 ޕަސެންޓު މީހުން އީޔޫއިން ވަކިވާން ވޯޓު ދިނުމުންނެވެ. އޭރު އެގައުމުން ނިންމީ މި އަހަރުގެ މާޗް 29ގައި އީޔޫއިން ވަކިވާށެވެ.

ނަމަވެސް އީޔޫއިން ވަކިވުމާ ބެހޭ ގޮތުން ކުރީގެ ބޮޑުވަޒީރު ތެރީސާ މޭ އެކުލަވާލެއްވި އެއްބަސްވުމަށް އިސްލާހުތައް ގެނެސް، ތިން ފަހަރެއްގެ މަތިން ޕާލިމެންޓުގައި ވޯޓަށް އެހި ނަމަވެސް އެ އެއްބަސްވުމަށް ރުހުން ދޭން މެމްބަރުން ދެކޮޅު ހެދި އެވެ. އޭގެ ސަބަބުން ބްރެކްސިޓް ފަސް ކުރަން މޭ އެދިލެއްވުމުން، އީޔޫއިން ނިންމީ މިމަހުގެ 31އަށް ބްރެކްސިޓް ފަސްކުރާށެވެ.

އޭގެ ފަހުން މޭ ބޮޑުވަޒީރު ކަމުން އިސްތިއުފާ ދެއްވައި، ބޮރިސް ޖޯންސަން ވެރިކަމަށް ވަޑައިގަތެވެ. އަދި ޖޯންސަންގެ އާ އެއްބަސްވުމަށްވެސް ޕާލިމެންޓުގެ ރުހުން ނުލިބުމުން އަނެއްކާ ވެސް ބްރެކްސިޓް ފަސް ކުރަން އެދުނީ އެވެ.

comment ކޮމެންޓް