ޓެކްސް ކޮމިޝަނަރަކަށް ފަތުހުﷲ އަދި ޑެޕިއުޓީއަކަށް އަސްމާ އައްޔަނުކުރަން ރުހުންދީފި

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަމާގަށް އައްޔަނު ކުރުމަށް ކޮމެޓީ އިން ފާސްކުރި ފަތުހުﷲ -- ފޮޓޯ: މީރާ

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަމާގަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކުރީގެ ޑިރެކްޓަރު ފަތުހުﷲ ޖަމީލް އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ފަތުހުﷲއަށް ރުހުން ދިނުމަށް ފާސްވީ މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަނުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވީ ފަތުހުﷲ ޖަމީލް ގެ ނަމުގެ އިތުރުން ކަސްޓަމްސްގެ އެސިސްޓެންޓް ކޮމިޝަނަރު އިސްމާއިލް ނާޝިދުގެ ނަންފުޅެވެ.

ނަމަވެސް މަޖިލީހުގެ އިގްތިސޯދީ ކޮމެޓީ އިން ފާސްކޮށްފައިވަނީ، އެ މަގާމަށް ފަތުހުﷲއަށް ރުހުން ދިނުމަށެވެ.

މިއަދު ވަނީ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އަސްމާ ޝަފީއު އައްޔަން ކުރުމަށް ވެސް ރުހުން ދީފައެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގައި އަސްމާއަށް ރުހުން ދިނުމަށް ފާސްވީ މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ.

ޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހަ ބޭފުޅެއްގެ ނަން ރައީސް ވަނީ ފޮނުއްވައިފައެވެ. އެ ބޭފުޅުންނަކީ:

  • މުހައްމަދު ސިރާޖު މުނީރު / ދަނޑިމަގު، ނިއުލައިޓް، ޏ. ފުވައްމުލައް
  • އަސްމާ ޝަފީއު / ވައިޖެހޭގެ، ހއ. އިހަވަންދޫ
  • އިސްމާއިލް ސާޖިދު / މއ. ވިލާރޮދި
  • އަހްމަދު ޝަރީފް / އަނބުގަސްދޮށުގެ، ނ. މަނަދޫ
  • އަހްމަދު ވާފިރު / ވ. އެލަމް
  • ހަމްދީ އަގީލް / ހ. ރަންގަލި 4

އަސްމާއަށް މަޖިލީހުގެ އަޣްލަބިއްޔަތު ލިބުމުން، ދެން ހުރި ނަންތަކަށް ވޯޓަށް އަހާފައެއް ނުވެއެވެ.

ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް މީހަކު ހޯދުމަށް މިދިޔަ މަހު އިއުލާނުކުރީ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހަކާ އެކު އެވެ. އޭރު އެ މަގާމުގައި ހުންނެވީ ޔަޒީދު މުހައްމަދެވެ. ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ހުންނެވީ ހަސަން ޒަރީރެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް މިފަހުން މަޖިލީހުން ގެނައި ބަދަލުގައިވާ ގޮތުގައި ބިލް ތަސްދީގުކުރާ ތާރީހުން ފެށިގެން، 30 ދުވަހުގެ ތެރޭގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްޒޭޝަނާއި އޭނާގެ ޑެޕިއުޓީގެ މަގާމަށް ރައީސް ބޭފުޅުން ހަމަޖައްސަވަން ޖެހެ އެވެ.

comment ކޮމެންޓް