ނަބިއްޔާގެ އޯގާވެރިކަމާ ބެހޭ އެއް ވާހަކަ

އިސްލާމް ދީނުގެ ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަޔަކީ މާތްރަސްކަލާނގެ އިންސާނުންގެ ގާތަށް ފޮނުއްވެވި އެތައް ހާސް ނަބީ ބެއިކަލުންނެއްގެ ތެރެއިން އެންމެ ފަހުގެ ނަބިއްޔާއެވެ. ނަބީ ރަސޫލުންގެ ރަން ސިލްސިލާގެ އެންމެ ފަހުގެ އަދި އެންމެ މުހިއްމު ބޮޅެވެ. ހައްގާއި ބާތިލާ ދެމެދުގައި ފެށުނީއްސުރެ ކުރެވެމުން އަންނަ ހަނގުރާމައިގައި، ހައްގުގެ އަޑާއި ދިދަ އުފުއްލެވި ބަރަކާތްތެރި ރަސޫލުންގެ މަސައްކަތްޕުޅު ފުރިހަމަ ކުރެއްވެވި މަތިވެރި ސާހިބާއެވެ. މާތްރަސްކަލާނގެ އެކަލޭގެފާނު ސިދުރަތުލް މުންތަހާގެ މަތިވެރި ދަރަޖަޔަށް އުފުއްލަވައި އެކަލޭގެފާނަށް ބަސް ވަޙީ ކުރެއްވިއެވެ. އެކަލޭގެފާނުގެ ހިތްޕުޅުގައި ޖައްސައި، އެކަލޭގެފާނަށް އަނިޔާވެރިވެ، އެކަލޭގެފާނަށް އިހާނެތިކޮށް ހިތުމަކީ އެކަލާނގެ ރަޙްމަތުން ދުރު ކޮށްލެވޭނޭ ސަބަބެއް ކަމުގައި އެންގެވިއެވެ.

މިފަދަ މަތިވެރި މަގާމެއް މުޙައްމަދުގެފާނަށް ދެއްވެވުނީ ކީއްވެގެން ބާވައެވެ!

އެއް މަންޒޫރަކުން ބަލާ ނަމަ، އޭގެ ސަބަބަކީ އިތުރު އެކަލޭގެފާނަކީ އެންމެ ފަހުގެ ނަބިއްޔާ ކަމުގައި މާކުރީއްސުރެ ކަނޑައަޅުއްވައި ލިޔުއްވައިފައި އޮތުމާ އެކު، މާތްރަސްކަލާނގެ އެކަލޭގެފާނު އެފަދަ މަތިވެރި މަގާމަކަށް ކުފޫ ހަމަވާނޭ ގޮތަށް ތަރުބިއްޔަތުވެވަޑައިގަތުމަށް އިރާދަ ކުރައްވައި، އެގޮތަށް ކަންކަން ހިންމެވި ހިންމެވުމެވެ. އެހެން މަންޒޫރަކުން ބަލާ ނަމަ، އެ މަގާމަކީ އިތުރު އެކަލޭގެފާނުގެ މަތިވެރި ޝަޚްޞިއްޔަތާއި، ފުރާފުރިހަމަ އަދި އާނަންދަ އަޚްލާޤާއި، ރޫޙާނީ ޠާހިރުކަމުގެ ސަބަބުން އެ މަގާމު އެކަލޭގެފާނަށް ހައްގު ވެވަޑައިގަތުމުގެ ސަބަބުން ދެއްވުނު މަގާމެކެވެ. މި ދެ ގޮތް ވެސް އެއް ވަރަކަށް ސައްހަ ކަމުގައި ބެލެވިދާނެއެވެ.

މުޙައްމަދު ނަބީ ކަލޭގެފާނުގެ މަތިވެރިކަމުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ކަމަކީ އެކަލޭގެފާނުގެ ހިތްޕުޅުހެޔޮކަމާއި އޯގާވެރިކަމެވެ. އެންމެހައި އިންސާނުންނާއި، އަދި ޖަނަވާރުތަކާ މެދު ވެސް އެކަލޭގެފާނުގެ ހިތްޕުޅުގައި އޮންނަ އިމެއް ނެތް ހަމްދަރުދީއެވެ. އުމުރުފުޅުން އެންމެ ތުއްޕުޅު އިރުއްސުރެ، ދުނިޔެ ދޫ ކުރައްވައި ސުވަރުގެ ވަޑައިގަތުމާ ހަމަޔަށް، ދެގޮތެއް ވުމެއް ނެތި، އެކަލޭގެފާނުގެ ބަސްފުޅުތަކާއި އަމަލުފުޅުތަކުން ފެނިގެން ދިޔަ ރަހުމުވެރިކަމެވެ. އިތުރު އެކަލޭގެފާނުގެ މަތިވެރި ސިޔަރަތު ކިޔައި މުތާލިއާ ކޮށްފި ކޮންމެ ތެދުވެރިޔަކަށް، އަޖާއިބު ވެހުރެގެން ބުނާން ޖެހޭނީ، މީސްތަކުންނާއި އެންމެހައި މަޚްލޫޤުންނަށް ރަހުމާއި ހަމްދަރުދީ އާއި އޯގާވެރިކަން ބެހެއްޓުމުގައި އިތުރު އެކަލޭގެފާނު ފަދަ މަތިވެރި މިސާލެއް، އެފަދަ ނަމޫނާއެއް ދުނިޔޭގެ ތާރީޚުން ފެންނާން ނެތް ކަމުގައެވެ.

ދޮގާއި ތެދު ވަކި ކުރުން

ކީރިތި މާތް ނަބިއްޔާއާ މެދުގައި ދޮގުވެރި ވާހަކަތައް ދެއްކުމަކީ، އިތުރު އެކަލޭގެފާނުގެ ރިސާލަތުގެ ދައުވަތު އިއްވެވި ދުވަހުއްސުރެ ފެށިގެން މިއަދާ ހަމަޔަށް އަބަދުވެސް ހިނގާ ކަމެކެވެ. މިއީ އަޅުގަނޑުމެން ހައިރާން ވާކަށް ޖެހޭ ކަމެއް ވެސް ނޫނެވެ. ކީރިތި ޤުރްއާނާއި ސުންނަތުން އަޅުގަނޑުމެންނަށް މިކަމާ ބެހޭގޮތުން އެންގެވި އެންގެވުންތައް އިހަށް ބަހައްޓައިފައި، ހުރިހައި ޒަމާންތަކަކާއި ހުރިހައި މަކާންތަކެއްގައި އިންސާނީ މުޖުތަމައުތަކުގައި ކަން ހިނގާ ގޮތާއި އިންސާނުންގެ އުޅުމާއި ސުލޫކު ހުންނަ ގޮތަށް އެކަނި ބަލައިލިޔަސް، އަޅުގަނޑުމެންނަށް އެނގޭ ކަމަކީ ހައްގާއި ހެޔޮމަގަށް ފުރަގަސް ދީ، ދޮގާއި މަކަރާއި އަނިޔާވެރިކަން އިޚްތިޔާރު ކުރާ އިންސާނުންނަކީ ވަރަށް ގިނަ އެއްޗެއް ކަމެވެ. ނަފްރަތާއި ހަސަދަޔަކީ ވަރަށް ގިނަ ބައެއްގެ އަމަލުތަކުގެ އިމާރާތް އޭގެ މައްޗަށް ބިނާ ވެގެންދާ ބިންގާ ކަމެވެ.

މިއަދުގެ ދުނިޔެއަށް ބަލައިލާ އިރު، ކީރިތި މާތް ނަބިއްޔާގެ އިސްތަށިފުޅުގައި އެކިއެކި ދޮގު ތުހުމަތުތައް އަޅުވައި، އެ ތުހުމަތުތަކުގެ ވާހަކަ ފޮތްތަކާއި، ރިޕޯޓުތަކާއި، އިންޓަރނެޓްގައި ޝާއިއު ކުރެވޭ ލިޔުންތަކާއި، ޓީވީ އަދި ރޭޑިޔޯ ޕްރޮގްރާމްތަކުގެ ޒަރީއާއިން މުޅި ދުނިޔެއަށް ފެތުރުމުގައި އިސްކޮށް ތިބީ ހުޅަނގުގެ ގައުމުތަކުގެ ބައެއް ފަރާތްތަކެވެ. ރޮބަރޓް ސްޕެންސަރ އާއި، އަޔާން ހިރްސީ އަލީ އާއި، ޕަމެލާ ގެލަރ އާއި، ޑޭވިޑް ހޮރޮވިޓްޒް އާއި، ޑެނިއެލް ޕައިޕްސް އާއި، ފްރޭންކް ގެފްނީ އާއި، ޑޭވިޑް ޔެރުޝަލްމީ އާއި، ސްޓީވެން އެމަރސަން ފަދަ މީހުންނެވެ. މިއިން ކޮންމެ މީހަކީ ހުޅަނގުގެ ދުނިޔޭގައި "ސެލެބްރިޓީ" ހައިސިއްޔަތު ލިބިގެން ތިބި މަޝްހޫރު މީހުންނެވެ. އިސްލާމް ދީނާ ބެހޭ އެއްވެސް އިލްމީ "ކޮލިފިކޭޝަނެއް" ނެތުމާ އެކުގައިމެ، ދުނިޔޭގެ އެންމެ ބޮޑެތި މީޑިޔާ އިދާރާތަކުގެ ޓީވީތަކާއި ރޭޑިޔޯތަކާއި ނޫސްތަކުގައި އެންމެ އަޑުގަދަ މީހުންނެވެ. މި މީސްމީހުންނާއި އެމީހުން އިސްލާމް ދީނާ ދެކޮޅަށް ކުރާ މަސައްކަތަށް ފައިސާ ލިބޭ ގޮތްތައް ކުރު ގޮތަކަށް މި މަޒުމޫނުންނާއި މި ސަފުހާގައިވާ އެތައް މަޒުމޫނުތަކަކުން ވިދާޅުވެލައްވާށެވެ. އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާން ކުދީން މިހާރު އިސްލާމް ދީނާ ބެހޭ މައުލޫމާތު ހޯދާ މައިގަނޑު ދެ މަސްދަރުގެ ތެރެއިން އެއް މަސްދަރަކީ މި މީސްމީހުންގެ ލިޔުންތަކާއި ވާހަކަތަކެވެ. މުސްލިމުންގެ ސަފުތަކުގެ ތެރެއިން ނުކުމެ، އެ ސަފުތައް ދޫ ކޮށްލައި އިސްލާމް ދީނަށާއި ކީރިތި މާތް ނަބިއްޔާއަށް އެއްޗެތި ގޮވާން އުޅޭ ގާތްގަނޑަކަށް އެންމެންގެ ވެސް ދީނީ "އުސްތާޒުންނަކީ" މިފަދަ މީސްމީހުންނެވެ.

އަޅުގަނޑުމެންގެ މައްޗަށް މިއަދު އޮތް އެންމެ ބޮޑު އެއް ވާޖިބަކީ އިތުރު މާތް ނަބިއްޔާގެ ސިޔަރަތު، މުއުތަބަރު އަދި ސައްހަ ފޮތްފޮތުން އަޅުގަނޑުމެންގެ ދަރީންނަށް އުނގަންނައިދިނުމެވެ. އެފަދަ ފޮތްތައް ވަރަށް ގިނައެވެ. މިއަދު އިނގިރޭސި ބަހުން ވެސް އެފަދަ ފޮތްތައް އެބަހުއްޓެވެ. ކިޔުންތެރީން ކުރެ، އެއީ ކޮން ފޮތްތަކެއް ބާވައޭ، މި ސުވާލު ހިތްޕުޅުގައި އުފެދިދާނޭ ބެއިފުޅުންނަށް ޓަކައި އެ ފޮތްފޮތުގެ ވާހަކަ ހިސާބަކަށް މި ތަނުގައި ދަންނަވައިލުމަކީ ގޯހެއް ކަމަށް އަޅުގަނޑު ނުދެކެމެވެ. ވަކި ތަރުތީބަކުން ލިސްޓު ކުރުމެއް ނެތި ދަންނަވާ ނަމަ، އިންޑިޔާގެ މަޝްހޫރު އިސްލާމީ މުފައްކިރު އަދި ޢާލިމް މައުލާނާ އަބުލްކަލާމް އާޒާދު ސިޔަރަތުގެ މައުޟޫޢުގައި ލިޔުއްވި ލިޔުއްވުންތަކާއި، މައުލާނާ ވަޙީދުއްދީން ޚާން އިތުރު ނަބިއްޔާގެ ހަޔާތްޕުޅާ ބެހޭގޮތުން ލިޔުއްވައިފައިވާ ލިޔުންތަކާއި، ޢައްލަމާ ޝިބްލީ ނުޢްމާނީ އާއި ސައްޔިދު ސުލައިމާން ނަދުވީ ލިޔުއްވި ސިޔަރަތާއި، މުޙައްމަދު ޙުސައިން ހައިކަލްގެ ސިޔަރަތާއި، މައުލާނާ މުޙައްމަދު ޢަލީ ލާހޫރީގެ ސިޔަރަތާއި، ޕްރޮފެސަރ ޑރ. މުޙައްމަދު ޙަމީދުﷲގެ ސިޔަރަތާއި، ސީރިޔާގެ މުސްލިމް ޢިލްމުވެރިޔާ ޢާދިލް ޞަލާޙީގެ ސިޔަރަތާއި، މާރޓިން ލިންގްސްގެ ސިޔަރަތު ފާހަގަ ކޮށްލަމެވެ. މީގެ އިތުރުން އެމެރިކާގެ މުސްލިމް އިލްމުވެރިއެއް ކަމުގައިވާ ޔަޙްޔާ އެމެރިކް ލިޔުއްވި "ކްރިޓިކަލް ލައިވްސް - މުޙައްމަދު" މި ފޮތަކީ ޒުވާން ކުދީންނަށް ސިޔަރަތު ތައާރަފު ކޮށްދިނުމަށް ވަރަށް ރަނގަޅު ފޮތެކެވެ.

އަނިޔާގެ ބަދަލުގައި ހަމްދަރުދީ

ދޮގުވެރީން ކޮންމެ ގޮތަކަށް ވާހަކަ ދެއްކިޔަސް، ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަޔަކީ އޯގާވެރިކަމާއި ރަޙްމާއި ހަމްދަރުދީގެ އެންމެ ރިވެތި ނަމޫނާއެވެ. މިހެން މި ދަންނަވަނީ "އިންޑޮކްޓްރިނޭޓް" ވެފައި ހުރެގެން، "ޑޮގްމެޓިކް" އަސާސެއްގައޭ، އެއްވެސް ވަރަކަށް އަގުލީ ނުވަތަ "ރޭޝަނަލް" ތަހުލީލެއް ކުރުމަކާ ނުލައޭ ބައެއް މީހުން ހީކޮށްފާނެއެވެ. ނަމަވެސް އެއްގޮތަކަށް ވެސް އެހެންނެއް ނޫނެވެ. މިހެން މި ދަންނަވަނީ އިތުރު އެކަލޭގެފާނުގެ ހަޔާތްޕުޅު އެކީއެކަށް ބަލައި ދިރާސާ ކުރުމަށް ފަހު، އެކަލޭގެފާނަށް ދިމާ ވެވަޑައިގަތް ބޮޑެތި އަދި ކުދިކުދި ކަންކަމާއި، އެ ކަންކަމުގައި އެކަލޭގެފާނު އަމަލު ކުރެއްވެވި ގޮތާއި، އެކިއެކި ހާލަތްތަކުގައި ދުޝްމަނުންނާއި، އެކުވެރީންނާއި، ރައްޓެހީންނާއި، ބީރައްޓެހީންނާއި، ތިމާގެފުޅު ބެއިފުޅުންނާއި، އެނޫން މީހުންނާ މެދު އިތުރު އެކަލޭގެފާނު ކަންތައްތައް ކުރެއްވި ގޮތާ މެދު ފަރުވާތެރިކަމާ މެދު ވިސްނުމުން، މި ނޫން އެހެން ގޮތަކަށް ދެންނެވޭން ނެތަތީއެވެ.

ވިސްނަވާށެވެ. މައްކާގެ މުޝްރިކުން ތޭރަ އަހަރު ވާންދެން އިތުރު އެކަލޭގެފާނަށް ނަފްސާނީ ގޮތުންނާއި، ޖިސްމާނީ ގޮތުންނާއި، ފިކުރީ ގޮތުން ހިސާބެއް ނެތްހައި އަނިޔާތައް ކުރިއެވެ. ތޭރަ އަހަރު ވާންދެން ކޮންމެ ދުވަހަކު، ހަމަ ކޮންމެ ދުވަހަކު އެކަލޭގެފާނަށް މައްލަވަކޮށް، ފުރައްސާރަ ކޮށް، ހުތުރު އެއްޗެތި ގޮވިއެވެ. އާއްމު މުޖުތަމައުގައި އުޅުއްވުމަށް ނުކުޅަދާނަފުޅު ވާވަރަށް އެކަހެރި ކޮށް މަލާމާތް ކުރިއެވެ. ހަށިކޮޅަށް ގެއްލުން ދީ ލެއި އޮހޮރުވިއެވެ. އެކަލޭގެފާނުގެ އެކުވެރީންނަށް ސިލްސިލާ ގޮތެއްގައި ވޭންދެނިވި އަނިޔާތައް ކުރިއެވެ. އެ އަނިޔާގައި އެއިގެ ތެރެއިން އެތައް ބެއިފުޅަކު ޝަހީދު ކުރިއެވެ. އެކަލޭގެފާނުގެ ލޮބުވެތި ދަރިދަރިކަނބަލުންގެ ތެރެއިން އެއް ބެއިފުޅަކު ދުނިޔެ ދޫ ކުރެއްވެވީ އެފަދައިން އެމީހުން ކުރި އަނިޔާތަކުގެ ސަބަބުންނެވެ.

މި ހުރިހައި އަނިޔާތަކެއް ތަހައްމަލު ކުރެއްވުމަށް ފަހު، އާޚިރުގައި ނަސްރު ލިބިވަޑައިގަތީ އިތުރު އެކަލޭގެފާނަށެވެ. އެ ނަސްރާ އެކު މުޅި ޢަރަބިކަރަ އެކަލޭގެފާނުގެ ބާރުފުޅުގެ ދަށަށް ދިޔައެވެ. އެކަލޭގެފާނުގެ ދުޝްމަނުންގެ މައްޗަށް، އެކަލޭގެފާނު އެދިވަޑައިގަތް ކޮންމެ ނިޔާއެއް ކަނޑައަޅުއްވައި އެ ނިޔާއެއް އެދިވަޑައިގަތް ގޮތަކަށް ތަންފީޒު ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތެވެ. ޢަރަބި ކަރައިގައި އޮތް އެންމެ ވަރުގަދަ ދައުލަތަކީ އެކަލޭގެފާނުގެ ދައުލަތް ކަމުގައި ވިއެވެ. ނަމަވެސް ހަމަ އެކެއްގެ ކިބައިން ވެސް ބަދަލެއް ނުހިއްޕަވައެވެ. ބައެއްގެ ފުށުން އިމެއް މިނެއް ނެތް އަނިޔާވެރިކަން ތަހައްމަލު ކުރާ ކޮންމެ މީހެއްގެ ކިބައިންމެ އާއްމު ގޮތެއްގައި ފެންނަ "ހިތިކަން" އެކަލޭގެފާނުގެ ބަސްފުޅުތަކުން ވިޔަސް އަމަލުފުޅުތަކުން ވިޔަސް ނުފެނެއެވެ. އާރާއި ބާރުގެ ކުންނުގައި އެކަލޭގެފާނު ހުންނަވައި، އެކަލޭގެފާނަށް ޙަސަދަ ލައިގެން އުޅުނު އެންމެ ބޮޑެތި އަނިޔާވެރީންނަށް ވެސް އެކަލޭގެފާނުގެ ފަރާތްޕުޅުން ފެނުނީ ޢަފޫ ކުރެއްވުމާއި މަޢާފު ކުރެއްވުމުގައި، މުޅި އިންސާނިއްޔަތު ފަޚުރުވެރި ވާވަރުގެ މަތިވެރި ނަމޫނާއެކެވެ.

އިތުރު މާތް ނަބިއްޔާގެ އޯގާވެރިކަމުގެ ވާހަކަތައް ކިޔައިދިނުމަށް އާދައިގެ މަޒުމޫނެއް ނުފުދެއެވެ. އިތުރު އެކަލޭގެފާނުގެ ސިޔަރަތު ލިޔުއްވި އިސްލާމީ އިލްމުވެރީންގެ ލިޔުއްވުންތައް ދިރާސާ ކޮށްލުމުން އަޅުގަނޑުމެންނަށް ފެނިއެނގިގެންދާ ހަގީގަތަކީ، އެ މައުޟޫޢުގައި އެކަނި އެތައް ސަތޭކަ ސަފުހާއެއްގެ ފޮތް ލިޔެވިދާނޭކަމެވެ. ނަމަވެސް ކުރު ގޮތަކަށް، އެއިގެ ތެރެއިން އެއް ކަމަކަށް ބަލައިލަމާ ހިންގަވާށެވެ. އެއީ އިތުރު އެކަލޭގެފާނުގެ ޞަޙާބީންނާ މެދުގައި އެކަލޭގެފާނު ބެހެއްޓެވި އޯގާވެރިކަމެވެ. މިއީ އިތުރު އެކަލޭގެފާނުގެ ޝަޚްޞިއްޔަތުގައި މީސްތަކުންނަށް ހަމްދަރުދީ ވެވަޑައިގަތުމާއި، ރަޙުމު ކުރެއްވުމާއި، އޯގާވެރިކަމުގެ ސިފަ ހުރި މިންވަރު ދައްކުވައިދޭ އެންމެ ބޮޑު އެއް ހެއްކެވެ.

ޞަޙާބީންގެ ވަފާތެރިކަމުން ލިބޭ ހެކި

ކީރިތި ޤުރްއާނުގެ ސޫރަތުލް އާލިޢިމްރާނުގެ 159 ވަނަ އާޔަތުގެ މާނައިގައި އޮންނަނީ "ހިތްޕުޅު ހަރުކަށި، ޚުލްގުފުޅު ނުބައި ބެއިކަލަކު ކަމުގައި ކަލޭގެފާނު ވެވަޑައިގެންނެވި ނަމަ، ކަލޭގެފާނުގެ އަރިޔަހުން އެއުރެން ވަކި ވެގެން ހިނގައްޖައީހެވެ" މިހެންނެވެ. މި އާޔަތުގައި އިޝާރާތް ކުރެވިފައި އެވަނީ އިތުރު މާތް ނަބިއްޔާގެ ހިތްޕުޅު ހެޔޮކަމާއި، އޯގާވެރިކަމާއި، އެންމެހައި މީސްތަކުންނާ މެދުގައި އެކަލޭގެފާނު ބެހެއްޓެވި ހަމްދަރުދީ އާއި ރަހުމްވެރިކަމުގެ އެންމެ ބޮޑު، އެންމެ ވަރުގަދަ، އަދި އެންމެ އަލިގަދަ އެއް ހެއްކަށެވެ. އެ ހެއްކަކީ އިތުރު އެކަލޭގެފާނުގެ އާލުންނާއި އަސްހާބުން އެކަލޭގެފާނު ދެކެ ލޯބި ވެވަޑައިގަތް، އަދި އެކަލޭގެފާނަށް ތެދުވެރި ވެވަޑައިގެން، އެކަލޭގެފާނަށް ވަފާތެރި ވެވަޑައިގަތް މިންވަރެވެ. މައްކާގައި ދިގު ތޭރަ އަހަރު ވާންދެން އިތުރު އެކަލޭގެފާނަށް ތަބަޢަ ވެވަޑައިގަތް ބެއިފުޅުން މުޝްރިކުންގެ އަނިޔާވެރިކަން ތަޙައްމަލު ކުރެއްވި އިރު ވެސް، އިތުރު އެކަލޭގެފާނުގެ ފަރާތްޕުޅުން ހިނގި ކަމަކުން ހިތްހަމަ ނުޖެހިގެން ހަމަ އެކަކު ވެސް އިސްލާމް ދީނާ ދުރަކަށް ނުދެއެވެ. މަދީނީ ދައުރުގައި ވެސް ހަމަ އެފަދައެވެ. އިތުރު އެކަލޭގެފާނުގެ ހުރިހައި އަނބިއަނބިކަނބަލުން ވެސް، އެކަލޭގެފާނުގެ ހަޔާތްޕުޅުގައި ވެސް، އަދި އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމަށް ފަހުގައި ވެސް، އެކަލޭގެފާނު ސިފަ ކުރެއްވީ މީސްތަކުން ކުރެ އެންމެ ހިތްޕުޅު ހެޔޮ، އެންމެ އޯގާވެރި، އެންމެ ފުރިހަމަ އިންސާނާގެ ގޮތުގައެވެ.

އިންސާނީ ޠަބީޢަތާއި، އިންސާނުންގެ މެދުގައި ކަންކަން ހިނގާ ގޮތް ދެނެތިބި ނަފްސާނީ ޢިލްމުވެރީންނާއި އިޖުތިމާޢީ ޢިލްމުވެރީންގެ ވާހަކަތަކުގެ އަލީގައި ވިސްނައިލުމުން، އަޅުގަނޑުމެންނަށް އެނގޭ ކަމަކީ އިންސާނެއްގެ ކިބައިގައި އެހެން މީހުންނާ މެދުގައި ހަރުކަށި ވުމާއި، ބައެއް ފަހަރުފަހަރު ނަމަވެސް ރަޙުމެއް ހަމްދަރުދީއެއް ނެތި، ނުވަތަ ރުޅިވެރިކަމާ އެކު ކަންކަން ކުރުމުގެ ސިފަ ހުރެއްޖެ ނަމަ، އެމީހެއްގެ ތިމާގެއިންނާއި އެކުވެރީން ކުރެ ކޮންމެވެސް ބަޔަކު، ކޮންމެވެސް އިރެއްގައި އެ މީހަކާ ވަކި ވެގެން، އެ މީހަކު ދޫ ކޮށްލައިފައި ދިޔުން އެއީ ނުހިނގައިނުދާނޭ ކަމެއްކަމެވެ. ޚާއްޞަ ގޮތެއްގައި، އެމީހެއްގެ ފަރާތުން ފައިސާޔާއި މުއްސަނދިކަން ފަދަ މާއްދީ ފައިދާތައް ނުލިބޭ ނަމައެވެ. އެ މީހަކީ ދައުލަތެއްގެ ވެރިޔެއްގެ މަގާމުގައި ހުރި މީހެއް ނަމަ، އެފަދަ މީހަކާ ދެކޮޅަށް ނުކުމެ، އޭނާގެ ފުށުން ލިބުނު އަނިޔާއަކާ މެދު ޝަކުވާ ކޮށް، އޭނާޔާ ދެކޮޅުވެރި ވާނޭ ބަޔަކު ނުނުކުމެ ދިޔުމަކީ ކަނޑައެޅިގެން މުސްތަޙީލު ކަމެކެވެ. ދުނިޔޭގެ ތާރީޚު ބައްލަވާށެވެ. މި ބަހުގެ ހެކި ފެނިވަޑައިގަންނަވާނެއެވެ.

އެކަމަކު އިތުރު އެކަލޭގެފާނުގެ ޢާއިލާގެ ބެއިފުޅުންނާއި ޞަހާބީން ކުރެ ހަމަ އެއްވެސް ބެއިފުޅަކު އެކަލޭގެފާނު ތިމަންނާޔާ މެދުގައި އިހާނެތިކަމެއް ކުރެއްވިޔޭ ވިދާޅުވެ ކުރެއްވި ހަމަ އެންމެ ޝަކުވާއެއް ވެސް ނެތެވެ. އެ ބެއިކަލުންނަކީ އެކަލޭގެފާނުގެ ފަރާތްޕުޅުން މުދައުވެރިކަމެއް ފަދަ މާއްދީ އެއްވެސް ފައިދާއެއް ލިބިވަޑައިގަތް ބެއިކަލުންނެއް ނޫނެވެ. ތާރީޚު ހެކިދޭ ފަދައިން، އިތުރު މާތް ނަބިއްޔާގެ ޞަޙާބީންނަކީ އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ވެސް، އަދި އެކަލޭގެފާނު ސުވަރުގެ ވަޑައިގެންނެވި ފަހުން ވެސް، ޒުހުދުވެރިކަމުގައި އަރައިތިއްބެވި، ދުނިޔެއާއި ދުނިޔޭގެ މާއްދީ އިއްޒަތާއި ކަންކަމާ ނިކަން ދުރުގައި ތިއްބެވި ބެއިފުޅުންނެވެ. އިސްލާމީ ދައުލަތުގެ ވެރީންގެ ގޮތުގައި ތިއްބެވި އިރުވެސް، އެ ބެއިބެއިކަލުންގެ ދިރިއުޅުއްވުން ހުރީ އެގޮތުގައެވެ. އިތުރު އެކަލޭގެފާނު ދުނިޔެ ދޫ ކުރައްވައި ވަޑައިގަތުމަށް ފަހުގައި ވެސް، ޞަޙާބީންގެ މެދުގައި އިތުރު އެކަލޭގެފާނާ މެދުގައި ލޯބިފުޅު ހުރި ވަރީ، އިތުރު އެކަލޭގެފާނުގެ ހަނދުމަފުޅު ގެނުވާނޭ އެއްޗެއް، ކަމެއް، މީހަކާ ދިމާ ވެވަޑައިގަތަސް އެ ބެއިފުޅުން ކުޑަކުދީން މަންމަ ނުފެނުމުން ރޯ ފަދައިން ކީރިތި ކުރައްވައި އުޅުއްވިއެވެ. މިފަދަ އެތައް ހާދިސާއެއް ތާރީޚު ފޮތްތަކުގައި ބަޔާން ކުރެވިފައި ވެއެވެ. އެއް ހާދިސާޔަކީ މާތް ޞަޙާބީއެއް ކަމުގައި ވާ ބިލާލް ރަޟިޔަﷲ ޢަންހުއާ ގުޅޭ ޙާދިސާއެކެވެ.

ޚަލީފާ ޢުމަރު ބިން އަލްޚައްޠާބު ރަޟިޔަﷲ ޢަންހު ޤުދުސް ފަތަހަ ކުރެއްވި ހާދިސާޔަށް ފަހު، ބިލާލުގެފާނު ދިމިޝްޤުގައި ވަޒަންވެރި ވެވަޑައިގަތެވެ. އެއިގެ ފަހުން އެތައް އަހަރެއް ވާންދެން އެކަލޭގެފާނު އުޅުއްވީ ދިމިޝްޤުގައެވެ. މަދީނާޔަކަށް ވަޑައެއްނުގަންނަވައެވެ. އެހެން ވެފައި ވަނިކޮށް، އެއް ރެޔަކު އެކަލޭގެފާނަށް ހުވަފެންފުޅެއްގައި އިތުރު މާތް ނަބިއްޔާ ފެނިވަޑައިގަތެވެ. އެ ހުވަފެންފުޅާ ވިދިގެން، ބިލާލުގެފާނު ވަގުތުން ދަތުރުފުޅު ހައްދަވައިގެން ވަޑައިގަތީ މަދީނާޔަށެވެ. މަދީނާޔަށް ވަޑައިގަތް ރޭގެ ފަތިސް ވާންދެން އެކަލޭގެފާނު އިތުރު ނަބިއްޔާގެ ބަރަކާތްތެރި މަޤްބަރާކޮޅުގެ އަރިޔަހުގައި އިންނެވިއެވެ. ފަތިސް ނަމާދު ވަގުތު ވުމުން، އެކަލޭގެފާނު މަސްޖިދުއް ނަބަވީގައި، އެތައް އަހަރަކަށް ފަހު، ބަންގި ދެއްވިއެވެ. ކައިރި ހިސާބުތަކުގައި އުޅުއްވި ޞަހާބީންނަށް އެކަލޭގެފާނުގެ އަޑުފުޅު އިވިވަޑައިގަތުމުން، އިތުރު ނަބިއްޔާގެ ދުވަސްވަރުގެ ހަނދުމަފުޅު އައު ވެގެން، އެތައް ބެއިފުޅަކު ވަގުތުން މިސްކިތަށް މިސްރާބު ޖެއްސެވީ ގިސްލައްވައި ކީރިތި ކުރައްވަމުންނެވެ.

މާތް ނަބިއްޔާ މަދީނާޔަށް ހިޖުރަ ކުރެއްވީއްސުރެ އެކަލޭގެފާނު ސުވަރުގެ ވަޑައިގެންފުމަށް ދާންދެން، އެކަލޭގެފާނުގެ ޚިދުމަތުގައި އުޅުއްވި އަނަސް ބިން މާލިކު ރަޟިޔަﷲ ޢަންހުގެ ހެކިބަހަކީ ވެސް ރަންއަކުރުން ފަވައިލެވޭ ހެކިބަހެކެވެ. އިތުރު އެކަލޭގެފާނުގެ ހިތްޕުޅުހެޔޮކަމާއި އޯގާވެރިކަމާ މެދު އަނަސްގެފާނުގެ އަރިއަހުން ވާރިދު ވެގެންވާ އެއް ޙަދީޘުގައި ވެއެވެ. "އަހުރެން ﷲގެ ރަސޫލާޔަށް ދިހަ އަހަރު ވާންދެން ޚިދުމަތް ކުރީމެވެ. ދުވަހަކު ވެސް އިތުރު އެކަލޭގެފާނު އަހުރެންނާ ދިމާޔަށް "އެވަނި ކަމެއް ކުރީ ކީއްވެގެން ހެއްޔޭ، މިވަނި ކަމެއް ނުކުރީ ކީއްވެގެން ހެއްޔޭ" މިހައި ވަރުގެ ބަސްފުޅެއް ވެސް ނުރުހުންތެރިކަމުގައި ވިދާޅެއްނުވެއެވެ. ހިތްޕުޅު ހަމަނުޖެހިގެން "އުފް" މި މިންވަރު ވެސް ދުވަހަކު ވެސް ވިދާޅެއްނުވެއެވެ.

މާތް ނަބިއްޔާގެ އޯގާވެރި، ބަރަކާތްތެރި، ތެދުވެރި ތަޢުލީމާއި ތަރުބިއްޔަތުގެ ނަތީޖާއަކީ މަދީނާގެ ބިމުގައި ދުނިޔެ ދުށް އެންމެ މަތިވެރި "ބަޠަލުންގެ ނާސަރީ" އުފެދުމެވެ. މި ދެންނެވީ އެމެރިކާގެ ޕްރިންސްޓަން ޔުނިވަރސިޓީ އާއި ހާރވަރޑް ޔުނިވަރސިޓީގައި ޚިދުމަތް ކުރެއްވެވި މަޝްހޫރު ޕްރޮފެސަރ ފިލިޕް ކޭ. ހިއްޓީގެ ޢިބާރާތަކުންނެވެ. ހިއްޓީ އޭނާގެ "އަ ޝޯރޓް ހިސްޓްރީ އޮފް ދި އެރެބްސް" ގައި ވިދާޅުވެފައި ވަނީ ކީރިތި ނަބިއްޔާގެ ޞަޙާބީންނަކީ ޢަރަބިކަރައިގައި އިތުރު އެކަލޭގެފާނު އުފެއްދެވި ބަޠަލުންގެ ނާސަރީން ތަރުބިއްޔަތު ވެގެން، ނުކުމެ ދުނިޔޭގެ ބޮޑު ދެބާރު ބަލި ކޮށްލި، އެފަދަ ދެވަނައެއް ނެތް ބަޠަލުންތަކެއް ކަމުގައެވެ. އެއީ އިތުރު އެކަލޭގެފާނުގެ އޯގާތެރި ޤިޔާދަތުގެ ނަތީޖާއެވެ. ޙަސަދަވެރީންނާއި ނަފުރަތްތެރީން ކޮންމެ އެއްޗެއް ކިޔަސް، އެ ބެއިފުޅުންނަކީ ދުނިޔޭގެ ބިމުގައި ހެޔޮކަމާއި ޢަދުލުއިންޞާފާއި އޯގާވެރިކަމުގެ ދިދަ އުފުއްލެވި މުޙުސިނުންނެވެ. އެ ބެއިފުޅުންނަކީ އެލެގްޒޭންޑަރ އޮފް މެސެޑޯނިޔާ، ނުވަތަ ޗަންގީޒް ޚާން، ނުވަތަ އަޓީއްލާ ދަ ހަން ފަދައިން، ބާރާއި މުއްސަނދިކަމުގެ ދަހިވެތިކަމުގައި ނުކުތް "ހަނގުރާމަވެރީންނެއް" ނޫނެވެ. އެއީ އިންސާނިއްޔަތުގެ ޗެމްޕިޔަނުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް