ޖަޕާން ދަތުރުފުޅަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

ޖަޕާނަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެއަށް ވަޑައިގަތުން-- ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސާލިހުއާއި އަނބިކަނބަލުން ފަޒުނާ އަހްމަދު، ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފި އެވެ.

ރައީސްގެ އެ ދަތުރުފުޅަކީ ޖަޕާނުގެ އާ އެމްޕެރާ ނަރުހީޓޯ ރަސްމީގޮތުން ތަހުތަށް އިސްކުރުމަށް ބޭއްވި އިހްތިފާލުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ. އެ ދަތުރުފުޅު ރައީސް ފެއްޓެވީ މި މަހުގެ 20 ވަނަ ދުވަހު އެވެ.

އެ ދަތުރުފުޅުގެ އެންމެ ބޮޑު އެއް މަގުސަދަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ތަފާތު ދާއިރާތަކުން އެހީތެރިކަން ހޯއްދެވުމާއި ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހީންނަށް އެގައުމުތަކުގައި ރަނގަޅު ފެންވަރުގެ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަގު ތަނަވަސްކޮށްދެއްވުން ކަމަށް މީގެ ކުރިން ރައީސް ސޯލިހު ވިދާޅުވެފައިވެ އެވެ.

އެގޮތުން އެ ދަތުރުފުޅުގައި ރައީސް ސޯލިހު ވަނީ ޖަޕާނު ސަރުކާރުގެ އިސްބޭފުޅުންނާ ބައްދަލު ކުރައްވައި، ތަރައްގީގެ އެކި ރޮނގުތަކުން ރާއްޖެއަށް އެހީ ހޯދުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ.

އެ ދަތުރުފުޅުގެ ތެރެއިން ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާ ބައްދަލުކުރައްވައި، ޖަޕާނަށް ދާ ދިވެހިންނަށް ވިސާގެ ކަންތައް ލުއިފަސޭހަކުރުމާ ގުޅޭގޮތުން ރައީސް ސޯލިހު ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

އަދި ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުތައް އިތުރުކުރުމާ ގުޅޭގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެ އެވެ.

ޖަޕާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ އެގައުމުގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ވެސް ބައްދަލު ކުރައްވާފަ އެވެ.

comment ކޮމެންޓް