ގައުމީ ޓީމާއެކު ދިއުމަށް ވިކްޓަރީން ނާހިލްއަށް ރިލީޒް ނުދިން

ގައުމީ ޓީމުގެ ޒުވާން ޑިފެންޑަރު އަހުމަދު ނާހިލް އިބްރާހިމް --- ފޮޓޯ// އެފްއޭއެމް

ގައުމީ 19 އަހަރުން ދަށުގެ ޓީމުން ސީނިއާ ސްކޮޑަށް ނެގި ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ޑިފެންޑަރު އަހްމަދު ނާހިލް އިބްރާހިމްއަށް ކުލަބުން ރިލީޒް ނުދިނުމުން އޭނާ ނުލައި ގައުމީ ޓީމު ކޭމްޕް ކުރުމަށް މެލޭޝިޔާއަށް ފުރައިފި އެވެ.

މިދިޔަ މަހު ބޭއްވި 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާއި އޭޝިއާގެ 19 އަހަރުން ދަށުގެ ކޮލިފިކޭޝަންގައި އޭނާ ވަނީ 19 އަހަރުން ދަށުގެ ޓީމާއެކު ނާހިލް ދެއްކި މޮޅު ކުޅުމާ އެކު ގައުމީ ޓީމުގެ ސީނިއާ ސްކޮޑަށް އެ ޓީމުތަކުން ނެގި ތިން ކުޅުންތެރިންގެ ތެރޭގައި އޭނާ ވަނީ ހިމަނާފައެވެ. ނަމަވެސް ވިކްޓަރީން އިއްޔެ ލީގުގައި ކުޅެން އޮތް މެޗަށް އޭނާ ދަނޑަށް ހާޒިރުނުވުމުން އަދަބެއްގެ ގޮތުގައި އެކުލަބުން ވަނީ ނާހިލްއަށް ގައުމީ ޓީމާއެކު ދިއުމަށް ރިލީޒް ނުދޭނެކަން އެފްއޭއެމްއަށް އަންގައިފައެވެ.

ގައުމީ ޓީމުގެ ޒުވާން ޑިފެންޑަރު އަހުމަދު ނާހިލް އިބްރާހިމް --- ފޮޓޯ// އެފްއޭއެމް

ނާހިލް، ވިކްޓަރީގެ މެޗަށް ނުދިޔައީ ހަތަރު މަސް ވަންދެން ކްލަބުން ކުޅުންތެރީންނަށް މުސާރަ ދީފައި ނުވާތީއެވެ. ނާހިލްގެ އިތުރުން ވިކްޓަރީގެ އިތުރު ކުޅުންތެރިންވެސް ވިކްޓަރީގެ މެޗުތަކަށް ހާޒިރެއް ނުވެއެވެ.

ޓީމާއެކު މެލޭޝިޔާއަށް ނުދެވުނު ނަމަވެސް ނާހިލް ވަނީ އެންމެ ފަހު ވަގުތުވެސް ގައުމީ ޓީމާއެކު ހަރަކާތްތެރިވެފަ އެވެ އެގޮތުން އޭނާ ވަނީ ޓީމު ފުރަން ދިއުމުގެ ކުރިން އެފްއޭއެމް ހައުސްގައި މިރޭ ބޭއްވި ބައްދަލުވުމުގައި ޓީމާއެކު ބައިވެރިވެފައެވެ.

އެ ބައްދަލުވުމުގައި އެ ވާހަކައަށް އަލިއަޅުވާލަމުން ޓީމުގެ ކޯޗު ޕީޓަރ ސެގާރްޓް ބުނީ ނާހިލްއަކީވެސް ޓީމަށް މުހިންމު ކުޅުންތެރިޔެއް ކަމަށެވެ. އަދި އޭނާއަށް ކުލަބުން ރިލީޒް ނުދިނުމުން ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށެވެ.

"އަހަރެން މިހުރީ ވަރަށް ބޮޑަށް މާޔޫސްވެފައި. ޓްރެއިނިންގްއަށް ދާން 27 ކުޅުންތެރިން ސްކޮޑު އަހަރެން ނެގި އިރު ދެ ކުޅުންތެރިންނަށް ނުދެވޭ. އެއީ ވަރަށް ބޮޑު ގެއްލުމެއް. ޓީމު ފުރިހަމަ ވާނީ އެ 27 ކުޅުންތެރިންނާ ވެސް އެކު،"

ކޯޗު ބުނީ މިއަދު ނާހިލްއަށް ޓީމާ އެކު ނެދުވުނު ނަމަވެސް އަވަސް މުސްތަގުބަލެއްގައި ވިކްޓަރީއާއި އެފްއޭއެމްއާ ދެމެދު އެކަމަށް އެއްބަސްވުމަކަށް އައިސް ނާހިލް ޓްރެއިނިންގް ކޭމްޕައަށް އާދެވޭ ގޮތް ވާނެ ކަމަށެވެ.

ނާހިލްގެ އިތުރުން ގައުމީ ޓީމާ އެކު މިރޭ ދަތުރުކޮށްފައި ނުވަނީ ގްރީން ސްޓްރީޓްސްގެ އިބްރާހިމް ލަބާން ޝަރީފްއެވެ. ނަމަވެސް އޭނާގެ ބަދަލުގައި ޔުނައިޓެޑް ވިކްޓަރީގެ ހަސަން ތޮލާލްއަށް ވަނީ ޓީމުން ޖާގަދީފައެވެ.

ގައުމީ ސްކޮޑުގައި ވިކްޓަރީ ސްޕޯޓްސް ކްލަބުން ހިމެނެނީ ނާހިލް އެކަންޏެވެ.

ސިރިއާއާ ދެކޮޅަށް ކުޅެން އެކުލަވާލި ސްކޮޑުން ސީނިއާ ޓީމަށް ނެގި 19 އަހަރުން ދަށުގެ ޓީމުގެ އަނެއް ކުޅުންތެރިޔަކީ އީގަލްސްގެ ސްކޮޑުގައި ލިސްޓްކޮށްފައިވާ ސާވީ އިބްރާހިމްއާއި ފޯކައިދޫގެ ފޯވާޑް ހަސަން ނަޒީމް (ޗޯޓު)އެވެ. މި ދެ ކުޅުންތެރިން ވެސް ވަނީ ގައުމީ ޓީމާއެކު މިރޭ މެލޭޝިޔާއަށް ފުރާފައެވެ.

comment ކޮމެންޓް