ވަޒީރެއްގެ މައްޗަށް ތުހުމަތެއް ކުރެވުނީމާ ލަސްނުކޮށް ތަހުގީގު ކުރަންޖެހޭ: މަހްލޫފް

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ވަޒީރެއްގެ މައްޗަށް ތުހުމަތެއް ކުރެވުމުން، ލަސްނުކޮށް ސުވާލުކޮށް އެކަން ތަހުގީގު ކުރަންޖެހޭ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ.

މަހްލޫފް މިހެން ވިދާޅުވެފައިވާއިރު އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ތެރޭގައި މި ސަރުކާރުގެ ހަތް ބޭފުޅަކު ހިމެނޭ ކަމަށް، ތަހުގީގީ އިދާރާތަކުން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ހާމަކޮށްފައެވެ.

ނަމަވެސް އެ ބޭފުޅުންގެ ނަންތައް އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މަހްލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގޯހެއް އުޅޭނަމަ ފިޔަވަޅު އަޅައި، ދައުވާކޮށް އަދަބުވެސް ދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް "ވަގު ސަރުކާރެއް" ދިފާއުނުކުރަން ފާޅުގައި އެ ވާހަކަ ދެއްކި ފުރަތަމަ މީހަކީ އޭނާކަން މަހްލޫފް ވަނީ ފާހަގަކުރައްވައިފައެވެ.

"ވަގު ސަރުކާރެއް ދިފާއުނުކުރަން ފާޅުގައި އެވާހަކަ ދެއްކި ފުރަތަމަ މީހަކީ އަޅުގަނޑު. ރައްޔިތުންނަށް ހަގީގަތް ސާފުކޮށްދޭން ޖެހޭ،" މަހްލޫފް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލަ ތަހުގީގުކޮށް އޭސީސީއިން އާންމު ކުރި ރިޕޯޓުގައި ހިޔާނާތުގެ ފައިސާ މަހުލޫފުގެ އެކައުންޓަށް ޖަމާވި ކަމަށް ފާހަގަކޮށްފައިވާތީ މީގެ ކުރިން މަހްލޫފު ވަނީ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް ގޭގައި މަޑުކުރަން އެންގިއެވެ.

އެސްއޯއެފްގެ އެކައުންޓުން މަހުލޫފުގެ އެކައުންޓަށް 33،000 ޑޮލަރު (508،860 ރުފިޔާ) ޖަމާވިކަމަށް އޭސީސީ ރިޕޯޓުގައިވެއެވެ.

މަހްލޫފް އޭރު ވިދާޅުވީ އެ ފައިސާ އަކީ އޭނާގެ އާއިލާގެ ބޭފުޅަކު ހިންގި ފިހާރައަކަށް ޑޮލަރު ގަންނަން ކޮށްފައިވާ މުއާމަލާތެއް ކަމަށާއި އަދި އެ މުއާމަލާތް މަހުލޫފުގެ އެކައުންޓު މެދުވެރިކޮށް ކޮށްފައި ވަނީ އޭނާގެ ކޮއްކޮ (ވިޔަފާރި ކުރި ފަރާތުގެ) ޑޮލަރު އެކައުންޓެއް ނެތުމުން ކަމަށެވެ.

އަދި ވައްކަމެއް ކޮށްފައި ނޯންނާނެ ކަމަށާއި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ބެލުމަށް ފަހު ގޯހެއް ހެދިފައިވާކަން ސާބިތުވެއްޖެ ނަމަ އިސްތިއުފާ ދެއްވާނެކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

ފަހުން އޭސީސީން ވަނީ މަހްލޫފްގެ ކޮރަޕްޝަންގެ މައްސަލައެއް ނެތް ކަމަށް އަންގައިފައެވެ.

comment ކޮމެންޓް