ޓްރާންސްޕޯޯޓުގެ މުވައްޒަފުން ވަކިކުރާ މައްސަލައިގައި ސީއެސްސީއާއި މިނިސްޓްރީ ހާޒިރުކުރަނީ

ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީ ބައްދަލުވުން --- ފޮޓޯ/ މަޖިލިސް

ޓްރާންސްޕޯޓު މިނިސްޓްރީގެ ބައެއް މުވައްޒަފުން ފަރުވާކުޑަކަމަށް ބުނެ ވަކިކުރަން ނޯޓިސް ދިން މައްސަލައިގައި ސިވިލް ސާވިސް ކޮމިޝަނާއި އެ މިނިސްޓްރީގެ ބައެއް ޑިޕާޓްމަންޓްތަކުގެ ވެރިން ހާޒިރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމައިފި އެވެ.

ހާޒިރީއާއި އެނޫންވެސް ސަބަބުތަކާހުރެ ޓްރާސްންޕޯޓު މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ޓްރާންސްޕޯޓު އޮތޯރިޓީގެ 11 މުވައްޒަފަކު ވަކިކުރުމަށް ނޯޓިސް ދިން މައްސަލައިގައި މަޖިލީހަށް މުވަޒަފުންގެ ފަރާތުން ފޮނުވި ސިޓީއަކާ ގުޅިގެން އެ މައްސަލަ ކޮމިޓީން މިހާރު އަންނަނީ ބަލަމުންނެވެ.

އެކަމާ ގުޅިގެން މިއަދު ކޮމިޓީގެ ބައްދަލުވުމުގައި ދަނގެތީ ދާއިރާ މެމްބަރު ކާނަލް (ރޓޑ) މުހައްމަދު ނާޒިމް ހުށަހެޅުއްވީ، ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުންނާއި މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަދި ޓްރާންސްޕޯޓު އޮތޯރިޓީގެ ފިޔަވަޅު އަޅަން ނިންމި ޑިޕާޓްމަންޓުގެ އިސްފަރާތަތަކެވެ. މަހިބަދޫ ދާއިރާ މެމްބަރު އަހްމަދު ތޯރިގު ތާއީދު ކުރެއްވި އެ ހުށަހެޅުއްވުން ފާސްވީ ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން ކާނަލް ނާޒިމް ވިދާޅުވީ، 11 މުވައްޒަފަކު ވަޒީފާ ގެއްލިގެންދާއިރު އެކަމުގެ ތެރެއަށް މުވައްޒަފުންގެ ބެލެނެވެރި ފަރާތް ކަމުގައިވާ ސިވިލް ސާވިސް ކޮމިޝަނުން ވަންނަން ޖެހޭ ކަމަށެވެ. އަދި ސިވިލް ސާވިލް ކޮމިޝަން ހާޒިރުކުރަން ބޭނުންވަނީ، މުވައްޒަފުން ވަކިކުރުމުގައި ފުރިހަމަ ކުރަންޖެހޭ ކަންކަން ބެލުމަށްޓަކައި ކަމަށެވެ.

ނާޒިމް ވިދާޅުވީ، މުވައްޒަފުން ފޮނުވާފައި ހުރި ސިޓީތަކުން އެ މުވައްޒަފުން ވަޒީފާ އަދާކުރާ މައުހައުލަކީ އެންމެ އެކަށީގެންވާ ތަނެއް ނޫންކަން އެނގޭ ކަމަށެވެ. އަދި އެއީ މުވައްޒަފުންގެ މަސައްކަތު މައުހައުލު އޮންނަ ޖެހެނީ އެގޮތަށްކަން ގަބޫލުފުޅު ނުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

އެ މުވައްޒަފުން ފޮނުވި ލިޔެކިޔުންތަކާއެކު، ޓްރާންސްޕޯޓު އޮތޯރިޓީގެ މަސައްކަތުގެ މާހައުލު ދައްކުވައިދޭ ފޮޓޯ ފޮނުވާފައި ހުއްޓެވެ. އެގޮތުން އިމާރާތް ބާވެ ލަކުޑި ފްލޯތައް ގަނބައިގަތުމާއި، ވާރޭ ވެހޭ ދުވަސްދުވަހު ކަރަންޓު ކެނޑުމާއި ސްވިޗުބޯޑުތަކަށް ވާރޭ ވެހުމާއި، ސީލިންގްއިން ފެން ފޭބުން ފަދަ ކަންކަން އެ މުވައްޒަފުން ފާހަގަކޮށްފައި ހުއްޓެވެ. އޭގެ އިތުރުން އޮފީސްތެރޭގައި މީދަލުގެ އުނދަގޫ ބޮޑުވުމާއި މޭޒުތައް މަތިން މީދާ ދުވުމާއި، ފައިލް ބަހައްޓާނެ ތަންތަން ނެތުމުގެ ސަބަބުން މުވައްޒަފުންގެ މޭޒުތަކުގެ އަޑި ފުރި، ތަނުގައި އުޅެން ދަތިވާކަމަށް އެމީހުން ފާހަގަކޮށްފައިވެއެވެ.

ދަނގެތި ދާއިރާގެ މެމްބަރު ނާޒިމް ވިދާޅުވީ މިކަންކަމަކީ ކަންބޮޑުވާންޖެހޭ ކަންކަން ކަމަށާއި، މިކަންތައް ހަގީގަތުގައިވެސް ހިނގަނީ މިފަދައިންތޯ ބެލުމަކީ ކޮމިޓީގެ މަސްއޫލިއްޔަތެއް ކަމަށެވެ.

ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވައިކަރަދޫ ދާއިރާ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވީ، މުވައްޒަފުން ވަކި ކުރާނެ ހާލަތެއް މެދުވެރިވެފައިވާ ކަމަށާއި ނަމަވެސް މުވައްޒަފުންނަށް ނޯޓިސް ދީފައިވަނީ އިޖުރާއަތްތައް ފުރިހަމަނުކޮށް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"މިހާރު މިއޮތް ހާލަތަކީ ވަކި ކުރުމުގެ ފިޔަވަޅު އެޅޭނެ ހާލަތެއް. 90 ދުވަސް ތެރޭ 300 މިނުޓް ގަޑި ޖެހިފަ މިއޮތީ. އެ ހާލަތަކީ [ގަވައިދުގައި ބުނާ ގޮތުން] ވަކި ކުރެވޭނެ ހާލަތެއް. އެހެން ނަމަވެސް އޭގެ ކުރިން ކުރަން ޖެހޭނެ ކަންތައްތަކެއް އެބަހުރި،" ޒިޔާދު ވިދާޅުވިއެވެ.

ޒިޔާދު ވިދާޅުވީ، މުވައްޒަފުން އިހުމާލުވިކަން އެނގެން އެބަ އޮތް ކަމަށާއި ނަމަވެސް މުވައްޒަފުންގެ މަތީގައި ތިއްބެވި ބޭފުޅުން މުވައްޒަފުންނާ މެދު އިހުލާމާލުވެފައިވާ ކަމަށެވެ. އެގޮތުން ގަޑި ޖެހުމުން އައި އިރު، މުވައްޒަފަންނަށް އެއްވެސް އިންޒާރެއް ދީފައި ނުވާކަން މިހާތަނަށް ލިބުނު މައުލޫމާތުތަކުން އެނގޭ ކަމަށާއި އެކަން މިނިސްޓްރީ މެދުވެރިކޮށް ސާފުކުރަން ޖެހޭކަމަށް ޒިޔާދު ވިދާޅުވިއެވެ.

ކޮމިޓީ ބައްދަލުވުމުގައި މުވައްޒަފުން ވަކި ކުރަމަށް ފޮނުވި ނޯޓިސްއަށް އަމަލުކުރަން ފަސްކުރުމަށްވެސް ނާޒިމް ހުށަހެޅުއްވިއެވެ. ނަމަވެސް އެކަމަކީ ކޮމިޓީގެ މެންޑޭޓު ތެރޭގައި ހިމެނޭ ކަމަކަށް ނުވާކަމަށް މުގައްރިރު ފާހަގަކުރެއްވުމުން އޭނާ އެ ހުށަހެޅެއްވުން އަނބުރާ ގެންދެއްވީއެވެ.

މުވައްޒަފުން ވަޒީފާ އިން ވަކިކުރާ މައްސަލަ ކޮމިޓީން ބަލަމުން އަންނަ އިރު، މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ ހާޒިރީއިން ފަރުވާކުޑަކަމަށް ފާހަގަކުރެވޭ މުވައްްޒަފުންނާ މެދު ސިވިލް ސާވިސްގެ ގާނޫނާއި ގަވާއިދުގެ ތެރެއިން އަމަލުކުރާނެ ކަމަށެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން މުވައްޒަފުން ވަކިކުރަން އުޅޭކަމަށްބުނެ އެ މިނިސްޓްރީގެ ބައެއް މުވައްޒަފުން ވަނީ ރައީސް އޮފީހަށްވެސް ޕެޓިޝަން ހުށަހަޅާފައެވެ.

މި މައްސަލައިގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ މީގެ ކުރިން ވިދާޅުވެފައިވަނީ، މިނިސްޓްރީގައި ގިނައީ، ވަރަށް ދަށް ފެންވަރުގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށާއި އެފަދަ މުވައްޒިފުންނާ މެދު ފިޔަވަޅު އެޅަން ޖެހުނަސް ފަހަތަށް ނުޖެހޭނެ ކަމަށެވެ.

comment ކޮމެންޓް