މެދުމިނަށް އިސްކަންދިނުމަށް ދީނީ އިލްމުވެރިންނަށް ވޯކްޝޮޕްއެއް ބާއްވައިފި

މެދުމިނަށް އިސްކަންދިނުމަށް ދީނީ އިލްމުވެރިންނަށް ބޭއްވި ވޯކްޝޮޕްގެ ތެރެއިން--- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އިސްލާމް ދީނުގެ މެދުމިނަށް އިސްކަންދިނުމަށް ރާއްޖޭގެ ދީނީ އިލްމުވެރިން އަހުލުވެރިކުރުމަށް ވޯކްޝޮޕްއެއް ބާއްވައިފިއެވެ.

އިސްލާމިމް މިނިސްޓްރީން ބުނީ އެ ވޯކްޝޮޕް ބާއްވާފައިވަނީ ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީއާ ގުޅިގެން ކަމަށެވެ.

" އޯގާތެރިކަމާއި މެދުމިން" މިނަމުގައި މިދިޔަ ބުރާސްފަތު ދުވަހުން ފެށިގެން އިއްޔެއާ ހަމައަށް ކުރިއަށް ގެންދިޔަ އެ ވޯކްޝޮޕްއަކީ އިލްމުވެރިން ތާޒާ ކުރުމަށް ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން ހިންގި ޕްރޮގްރާމެއް ކަަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އެ ވޯކްޝޮޕްގެ މަގުސަދުތަކުގެ ތެރޭގައި އިސްލާމް ދީނަށް ދައުވަތު ދިނުމުގެ މައިދާނުގައި އިލްމުވެރިން އޯގާތެރިކަމާއި މެދުމިން އިސްކުރުމާއި ހިކުމަތްތެރިކަމާއެކު ދައުވަތު ދިނުމުގެ މައްޗަށް ބާރުއެޅުން ހިމެނޭކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އެ ވޯކްޝޮޕްގައި ކުރިއަށް ގެންދިޔަ މައުލޫތަކުގެ ތެރޭގައި ﷲގެ މަގަށް ގޮވާލުމުގެ މާތްކަމާއި، ދައުވަތުގެ މައިދާނުގައި އިލްމުވެރިން ސަމާލުވާން ޖެހޭ މުހިންމު މައުލޫތަކުގެ މަތިން ހަނދާންކޮށްދިނުން ހިމެނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ ވޯކްޝޮޕްގައި ރާއްޖޭގެ ގިނަ އިލްމުވެރިން ބައިވެރިވެލެއްވި ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ވޯކްޝޮޕްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

comment ކޮމެންޓް