އިރުފާން އާއި އޭނާގެ އެކުވެރިންގެ ބަންދަށް 15 ދުވަސް ޖަހައިފި

ގޮތްނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން ހޯދަމުންދިޔަ މ. ކުރިރުއްގޭ އިރުފާން ރުޝްދީ -- ފޮޓޯ/ ޕޮލިސް

މަރުގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން ހޯދަން އިއުލާން ކުރި މ. ކުރިރުއްގޭ، އިރުފާން ރުޝްދީގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

މަރުތައް ބަލާ ކޮމިޝަނުން އިރުފާން ހޯދަން އިއުލާނު ކުރީ 3 ޖޫން 2016ގައި 14 އަހަރުގެ ފާތިރު މުހައްމަދު އަލީ މަރާލި މައްސަލައިގެ ތަހުގީގަށް އޭނާއާ ސުވާލު ކުރުމަށެވެ.

އިރުފާން ހޯދަމުން ދަނިކޮށް އޭނާ ފެނުނީ، ގދ. ކާޑެއްދޫގެ ހުޅަނގުން 12 ނޯޓިކަލް މޭލު ބޭރުން ތެޔޮ ހުސްވެ، ހާލުގައި ޖެހިގެން އެމްއެންޑީއެފްގެ އެހީއަށް އެދުނު "ބުލޫ ވޭވް" ނަމަކަށް ކިޔާ ލޯންޗްގައި ހުއްޓައި އިއްޔެ ފަތިހު އެވެ.

އެ ލޯންޗްގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ގދ. ތިނަދުއަށް އެ ލޯންޗް ގެނެސް، އިރުފާން ހިމެނޭ ގޮތަށް އޭގައި ތިބި ހަތަރު މީހުންނާ ސުވާލު ކުރި އެވެ. އަދި މިއަދު އެ ހަތަރު މީހުންގެ ބަންދަށް އެ ރަށު މެޖިސްޓްރޭޓު ކޯޓުން 15 ދުވަސް ޖަހައިފައިވާ ކަމަށްް ފުލުހުން ބުންޏެވެ.

އިމިގްރޭޝަންގެ ރިކޯޑްތަކުން ދައްކާ ގޮތުން އިރުފާން 2015 ވަނަ އަހަރު ރާއްޖެއިން ފުރައިގެން ދިޔަ ފަހުން އަނބުރާ ރާއްޖެ ނާދެ އެވެ. ނަމަވެސް، 2016 ވަނަ އަހަރު މާލޭގައި ހިނގި މާރާމާރީއެއްގެ ސީސީޓީވީ ފުޓޭޖުން އިރުފާން ފެންނަ ކަމަށް މަރު ކޮމިޝަނުން ބުނެ އެވެ.

comment ކޮމެންޓް