ސީނިއާ ކުޅުންތެރިން ސަސްޕެންޑެއް ނުކުރޭ، އެކަމަކު ސްކޮޑުން ބާކީ

ގައުމީ ކުރިކެޓް ޓީމްގެ ކުޅުންތެރިން --- ފޮޓޯ// ކުރިކެޓް އެސޯސިއޭޝަން

ގައުމީ ކްރިކެޓް ޓީމުގެ ކޯޗަކަށް ހުރި ދެކުނު އެފްރިކާގެ އާސިފް ޚާން ގެ މައްސަލައިގައި ބޯޑާ ދެކޮޅަށް ސީނިއާ ޓީމުގެ ކުޅުންތެރިން ނުކުތް ނަމަވެސް އެއްވެސް ޓީމެއް އަދި ކުޅުންތެރިއަކުވެސް ސަސްޕެންޑް ނުކުރާ ކަމަށާއި، ސައުތް އޭޝިއަން ގޭމްސްއަށް ސްކޮޑު އެކުލަވާލުމަކީ އެކަމާ ގުޅުން ހުރި ކަމެއް ނޫން ކަމަށް ބޯޑުގެ ޖެނެރަލް ސެކްރެޓަރީ އަލީ ފާއިޒް (ފަޔާ) ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ ޑިސެމްބަރު މަހު ނޭޕާލުގައި ބާއްވަން ހަމަޖެހިފައި އޮތް ސައުތް އޭޝިއަން ގޭމްސްގައި ވާދަކުރާނެ ގައުމީ ކުރިކެޓު ޓީމުގެ ސްކޮޑު މިއަދު ވަނީ އިއުލާން ކޮށްފަ އެވެ. ނަމަވެސް އެ ސްކޮޑުގައި ގައުމީ ޓީމުގެ ސީނިޔާ ސްކޮޑުގައި މީގެ ކުރިން ހިމެނުނު އެއްވެސް ކުޅުންތެރިއަކު ނެތެވެ. ބަދަލުގައި ޓީމުގައި ހިމެނެނީ، މުޅިން ވެސް 16 އަހަރުން ދަށާއި 19 އަހަރުން ދަށުގެ ކުޅުންތެރިންނެވެ.

އެއާ އެކު ސޯޝަލް މީޑިއާގައި ހޫނުވެގެން ދިޔައީ ސީނިއާ ޓީމުގެ ކުޅުންތެރިން ސަސްޕެންޑް ކޮށްފައިވާ ކަމުގެ ވާހަކަތަކުންނެވެ. ސަބަބަކީ ދެކުނު އޭޝިއާގެ މުބާރާތަށް ގިނަ ދުވަސްތަކެއް ވަންދެން ޕްރެކްޓިސް ކުރުމުން އައި ސީނިއާ ސްކޮޑުގެ އެއްވެސް މެންބަރެއް ނުހިމަނާ ކުއްލިއަކަށް ކުރިކެޓު ބޯޑުން ސްކޮޑު އިއުލާން ކުރީމަ އެވެ. ސީނިއާ ޓީމުގެ ބައެއް ކުޅުންތެރިން ވަނީ އެކަމާ މެދު ކުރިކެޓު ބޯޑަށް ބޮޑެތި ތުހުއްމަތު ތަކެއް ކޮށްފަ އެވެ.

އެގޮތުން ސީނިއާ ޓީމުގެ ބައެއް ކުޅުންތެރިން ބުނި ގޮތުގައި ކުރިކެޓު ބޯޑުން މިއަދު ނިންމި އެ ނިންމުމަކީ އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ކުރިން ހުރި ދެކުނު އެފްރިކާގެ އާސިފް ހާން ކުޅުންތެރިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުކުރެވޭ މައްސަލައިގައި ބޯޑާ ދެކޮޅަށް އެ ކުޅުންތެރިން ތެދުވުމުން އެޅި ޒާތީ ފިޔަވަޅެކެވެ.

ނަމަވެސް އެކަން ދޮގު ކުރައްވަމުން ކުރިކެޓު ބޯޑުގެ ޖީއެސް ފަޔާ "ސަން" އަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ، ގައުމީ ޓީމުގެ އެއްވެސް ޓީމެއް އަދި ކުޅުންތެރިއަކު ވެސް ސަސްޕެންޑު ކޮށްފައި ނުވާނެ ކަމަށާއި ސްކޮޑު އިއުލާން ކުރުމުގައި އެއްވެސް ޒާތީ ކަމެއް ނޫޅޭނެ ކަމަށެވެ. އަދި ސައުތް އޭޝިއަން މުބާރާތަށް ސްކޮޑު އެކުލަވާލުމަކީ މުޅިން އެހެން ކަމެއް ކަމަށާއި ސޯޝަލް މީޑިއާގައި ފަތުރަމުން ގެންދާ ވާހަކަތަކަކީ ތެދު ހަބަރުތަކެއް ނޫން ކަމަށެވެ.

ސައުތް އޭޝިއާ ގޭމްސްގައި ވާދަކުރާ ދެކުނު އޭޝިއާގެ ގައުމުތަކުގެ 23 އަހަރުން ދަށުގެ ޓީމުތައް ވާދަކުރާ މުބާރާތަކަށްވީ ނަމަވެސް، ރާއްޖެ އަކީ ޓެސްޓް ކްރިކެޓް ނުކުޅޭ ގައުމަކަށްވާތީ އޮލިމްޕިކް ކޮމިޓީގެ މަސައްކަތުން ރާއްޖޭގެ ސީނިއާ ޓީމަށް އެ ގޭމްސް އަށް ދެވޭނެ ފުރުސަތު އޭރު އޮތީ ފަހިވެފަ އެވެ. އެހެން ކަމުން ސީނިއާ ޓީމުގެ ކުޅުންތެރިން ތިބީ ސަރަހައްދީ ބޮޑެތި ގައުމުތަކާ މި މުބާރާތުގައި ވާދަ ކުރުމުގެ ބޮޑު އުންމީދެއްގަ އެވެ.

އަދި މި މުބާރާތަށް ދިއުމުގެ ކުރިން އިންޑިއާގެ އިންޑިއާގެ ޗެންނާއީގައި ހައި ޕާފޯމަންސް ޓްރެއިނިން ހެދުމުގެ ފުރުސަތު ނޭޝަނަލް ޓީމަށް ލިބޭނެ ކަމަށް ކުރިކެޓު ބޯޑުން ބުނުމުން ކުޅުންތެރިން ތިބީ ވަޒީފާ އިން ރިލީޒް ވެސް ހޯދައިގެން ކަމަށް ބައެއް ކުޅުންތެރިން ވަނީ ބުނެފަ އެވެ.

އިންޑިއާގެ ކޭމްޕަށް ދިއުމަށް ފުރުސަތު ދިން ސްކޮޑް:

1. ހުސައިން މަފާޒް

2. މުހައްމަދު ޝަދޫފް

3. އިބްރާހިމް ރާއިދް އަހްމަދު

4. އަލީ އިމާން

5. މުހައްމަދު އީވާން އަލީ

6. ރައްސާމް ރަޝީދު

7. ހުސައިން ޝާދިން

8.މުހައްމަދު ހުސައިން ހަނޫން

9. އިބްރާހިމް ޝައުފް

10. އަލީ ރާފިލް ރައުފް

11. ލުއައްޔު އަހްމަދު

12. މުހައްމަދު ރައްޔާން ތޮލާލް

13. އަލީ ޔާނިއު އަހްމަދު

14. ނާއިލް ނާސިރު

15. އަހްމަދު ޒާދް

16. އާޒިން މުހައްމަދު ރަފީގް

17. ޝިއުސް ފަރީދް

18. އިސްމާއިލް ޒަބީހު (ރިޒާވް)

19. އަހަމަދު ސަދާން (ރިޒާވް)

20. އުމަރު ބިން އަބަދުލް އަޒީޒް (ރިޒާވް)

comment ކޮމެންޓް