މަރިޔަމް ހިމްނާގެ މަޖުބޫރު ވީމާ--

އަލޫކްގެ ކާރު ގޮސް ގޭޓުން ނުކުންނަންދެން ނަވީން ބަލަން ހުއްޓެވެ. އެއަށްފަހު ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން އޭނާ ފުންނޭވާއެއް ލިޔެވެ. އެހެންނަމަވެސް އެއީވެސް ހެދި ބޮޑުވަމުން އަންނަ ޒުވާނެއްކަމުން އަމިއްލަ ކަންތައް ބައެއްފަހަރު އެހެންމީހުންނާ ހިއްސާ ކުރަން ނޭދެނީއޭ ހިތަށް ވިސްނައިދެމުން ނަވީންވެސް ގޮސް ކާރަށް އަރާ ދުއްވާލައިފިއެވެ. އޭރުވެސް އަލޫކްގެ މިޒާޖަށް އައި ކުއްލި ބަދަލު އޭނާއަށް އުނދަގޫ ކުރަމުން ދިޔައެވެ.

އޮފީހަށް ގޮސް ނަވީން ކެބިންގައި މަޑުކޮށްލައިގެން އިނދެފައި އިބާއަށް ގުޅާލާ ގޭތެރޭގެ ހާލަތު ބަލާލިއެވެ. އޭނާ ރާފިހްގެ ވާހަކަވެސް އެހިއެވެ. ގޮނޑީގައި ލެނގިލަމުން އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. އެހެން އިންދާ އާހިލް އައެވެ. ގޮނޑީގައި އާހިލް އިށީނުމާއެކު ނަވީން ވާހަކަ ދެއްކިއެވެ. ކުރިއަށް ހުރި ބައެއް މަސައްކަތް ތަކުގެ ވާހަކަ ދައްކާލުމަށްފަހު ދެން މަޝްވަރާ ކުރަން ފެށީ ޔާސިރު ކުންފުނީގެ ޗެއަރ މަންކަމުން ދުރުކުރެވޭނޭ ގޮތްތަކާ ބެހޭގޮތުންނެވެ. ބޯޑުގެ މެންބަރުންގެ ތާއީދު އަދިވެސް ޔާސިރުއަށް އޮތްކަން އެމީހުންނަށް އެނގެއެވެ. އެހެންކަމުން އެންމެ ފުރަތަމަ ކަމަކީ ޔާސިރު އަށް އޮތް ތާއީދު ގެއްލުވާލުމެވެ. އެތަކެއް މަޝްވަރާއަކަށްފަހު އެ މީހުން ނިންމީ ބޯޑުގެ ވަކި ވަކި މީހުންނާ ބައްދަލުކުރުމަށެވެ.

"އަލޫކް ގެ އެހީތެރިކަން ލިބޭނަމަ އަހަންނަށްވެސް ފަސޭހަ ވާނެ" ނަވީން ބުނެލިއެވެ. އެއަށްފަހު އޭނާ އާހިލްއަށް ބަލާލިއެވެ.

"ދެން ކިހިނެތް ތި ގަސްތުކުރަނީ؟ އަލޫކްއަށް ކިޔައިދޭންތަ؟" އާހިލް ސުވާލުކޮށްލިއެވެ.

"އިތުރު ގޮތެއް އޮތް ހެނެއް އަހަންނަކަށް ހިޔެއްނުވޭ... އަލޫކް އަހަރެމެން ކޮޅަށް ގެންނަން ޖެހޭނީ... އެކަން ކުރަން އެންމެ ފަސޭހަ ވާނީ ޔާސިރުގެ ހަޤީގަތް ފަޅާ އަރުވާލައިގެން... އެކަމަކު އެ ހަޤީގަތް އެނގުމަށްފަހު އަލޫކް ގެ އަމަލުތައް ހުންނާނީ ކިހިނެތްކަން އަހަންނަށް ނޭނގެނީ... އޭނަ ގަބޫލު ނުކޮށްފިއްޔާ ވެސް ވަރަށް ދެރަ ވާނެ.. ލޫކް އަހަންނާ ދެކޮޅަށް ތެދުވުން އެންމެ އުނދަގޫ ކަމަކަށް ވާނީ... އަނެއްކޮޅުން ދޮންމަންމަ ލައިލާ އެ ހުންނަނީ އަހަރެން އަތުން މި މަޤާމް އަތުލަން އަތުކުރި އޮޅާލާފަ... ލޫކް ދެކޮޅު ވެއްޖެއްޏާ އޭނައަށް ވަރަށް ފަސޭހަ ވާނެ ލޫކްގެ ސިކުނޑި ދޮވެލަން... އޭރުން ހުރިހާކަމެއް ގޯހުން ގޯހަށް ދާނީ... ޔާސިރުގެ ރާޑަރަށް މަންމަ އެރި ހިސާބުން އަހަރެމެންގެ މުޅި ގޭމް ޕްލޭން އެބަޖެހޭ ވަރުގަދަ ކޮށްލަން... އޭނަ އަކީ މުދަލުގެ ދަހިވެތި ކަމުގަ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެ މީހެއް... އަނެއްކޮޅުން ޝަކީބު... އޭނަ މަތިން ހަނދާންވިޔަސް ގޮސް މަރާލަން ބޭނުންވަނީ... އެންމެ ހިތަށް އުނދަގޫވަނީ މަންމައަށް އެހާލު ޖެއްސި މީހުން އެނގި ތިބެ ހެކި ނެތުމުން އެމީހުން މިނިވަންކަމުގަ ދޫކޮށްލަން ޖެހޭތީ... އެންމެ ހެއްކެތް ލިބޭނަމަ. މަންމައަށް އެ ހާލު ޖެއްސި ސަބަބު އެނގޭނަމަ... މިހާރު އެމީހުންގެ މައްޗަށް ދައުވާއެއް ކުރިޔަސް ފައިސާ ބޭނުންކޮށްގެން މިނިވަންވާނެ... ކޮރަޕްޝަން ނޫން ކަމެއް ނެތް ކުންފުނިތެރޭ" ނަވީން ދެފަރާތަށް ބޯ ހޫރާލިއެވެ. ކުންފުނީގެ އެތެރޭގެ ތެރޭގައި ހުރި އެފަދަ ނޭދެވޭ އަމަލުތައް ނައްތާލަން އޭނާ ކިތަންމެ މަސައްކަތެއް ކުރިނަމަވެސް ކާމިޔާބު ނުވަނީ ބޮޑެތި އެންމެންނަކީ އެބަޔަކަށް ލިބޭ ފައިދާއަކަށް ވިސްނާ ބަޔަކަށް ވާތީއެވެ. ލިބޭ އެއްޗަކީ ހަލާލު ހެއްޗެއްތޯ ނޫނީ ހަރާމް އެއްޗެއްތޯ ބަލާލުމެއްވެސް ނޯވެއެވެ. އެތައް އިރަކު އެފަދަ ވާހަކަ ތަކެއްގައި ނަވީންމެން ތިއްބެވެ. އެންމެ ފަހުން ނިންމީ އަލޫކް އަށް ކޮންމެވެސް ވަރަކަށް ހަޤީގަތް ކިޔައިދޭށެވެ. ރިސްކެތް ނަގަން ދެމީހުންވެސް ނިންމީ ވަރަށް ވިސްނުމަށް ފަހުއެވެ. އެންމެ ފަހުގެ އުންމީދަކީ އެއީއެވެ. މޮޅުވުމަށް އެމީހުންގެ ބައިވެސް އެބަ ބޮޑުކުރަން ޖެހެއެވެ.

*****

"ލޫކް.... ހާދަ ދުރުން އުޅެނީ.. އަނެއްކާ ކަމެއް ގޯސްވީތަ؟ ބައްޕައާވެސް އެހާ ވާހަކަ ދައްކާ ތަނެއް ނުފެނޭ" ނަވީން އަހާލިއެވެ. އޭނާއަށް އަލޫކްގެ މިޒާޖަށް އައި ބަދަލު މާނަ ކުރާކަށް ނޭނގުނެވެ. އެހެންކަމުން އަހާލީއެވެ.

ދެމީހުން ތިބީ ގޭގެ ޓެރެސްގައެވެ. ހަވީރުގެ ވަގުތަށް ވުމާއެކު އަރާމު ވައިރޯޅިތަކެއް ޖެހެމުން ދިޔައެވެ.

"ދޮންބެ... ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެފަ އެބައޮތް... އެކަމަކު ގޭތެރޭގަ މި ވާހަކަ ދައްކާކަށް ބޭނުމެއް ނޫން... ވަކިން ދެމީހުން އެކަނ ތިބެގެން ވާހަކަ ދެއްކޭނެ ގޮތެއް ނޯންނާނެތަ؟" އަލޫކް ކަންބޮޑުވީ އެއްޗެކޭ ބުނެވޭ ގަޑީގައި ގޭ އެއްވެސް މީހަކަށް އަޑު އިވިދާނެތީއެވެ. އެކަންތަކާ ހެދި އޭނާ ހުރީ ބޯ ގޮވާފައެވެ. ދޮންބެއާ ހިއްސާކޮށްލުމުން ސިކުނޑިއަށް ވެސް ލުއި ވާނެއެވެ.

"އިބާ މެންގެއަށް ދެވޭނެ؟ މިރޭ؟" ފުރުސަތުގެ ބޭނުން ހިފާ ނަވީން އަހާލިއެވެ. ނަސީބަކުން އަލޫކް އެއްބަސްވިއެވެ. ނުވައެއް ޖަހާއިރު އޭނާ އެގޭން ދިމާކުރާނަމޭ އަލޫކް ބުނެލިއެވެ. ނަވީންވެސް ބޯ ޖަހާލުން ފިޔަވާ އިތުރު ކަމެއް ނުކުރެއެވެ. އޭނާ ދުރަށް ނަޒަރު ހުއްޓާލައިގެން ހުރި އަލޫކްއަށް ވަރަށް ފުންކޮށް ބަލާލިއެވެ. މިހާރަކަށް އައިސް އަލޫކް ހުންނަނީ އަބަދުވެސް ކޮންމެވެސް ފިކުރެއްގައެވެ. ޚާއްސަކޮށް ޔާސިރު އާ ވަރަށް ދުރުކަން އޭނާއަށް އޮތީ ފާހަގަ ކުރެވިފައެވެ. ޔާސިރު ހުންނަ ތަނެއްގައިވެސް އަލޫކް ހުންނަން ބޭނުންނުވާފަދައެވެ. ވާހަކަ ދައްކަން ފަށާއިރަށް ކޮންމެވެސް ބަހަނާއެއްދައްކާފައި ދުރަށް ދާނެއެވެ.

"ލޫކް... އައި ނޯ ލޫކްއަށް ކޮންމެވެސް ކަމެއް އެނގިއްޖެކަން... އެހެންނޫނީ ތި ފަދަ ބޮޑު ބަދަލެއް ނާންނާނެ... ބައްޕަގެ ކޮންމެވެސް ހަޤީގަތެއ އެނގިގެން ނޫނީ ތިހެނެއް ލޫކްއެއް ނޫޅޭނެ. މުޅި މީހާގެ މަޖާ މިޒާޖު ގެއްލިއްޖެ.. އަބަދު މޫނުމަތިން ފެންނަނީ ސީރިއަސްކަން...ތި މޫނުމަތިން ބައްޕައަށް ކޮންމެވެސް ވަރެއްގެ ނަފްރަތެއް ކުރާކަށް ދޮންބެއަށް އެނގި ހާމަވެއްޖެ... އެކަމަކު ނޭނގެނީ އެއީ ކޮންކަމެއްކަން... ކީއްވެގެންކަން ލޫކްއަށް ތިހާ ބޮޑު ބަދަލެއް އަންނަން ޖެހުނީ..." ނަވީން ހިތާ ހިތުން ވާހަކަ ދެއްކިއެވެ. އޭނާ ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލިއެވެ.

"ދޮންބެ... ދޮންބެ މީހަކަށް އިތުބާރު ކުރާނަމަ އިތުބާރު ކުރާނީ ކާކަށް؟ މި ބުނީ މިސާލަކަށް އެއްވެސް ޝައްކެތް ނެތި...." ވަކި ހިސާބަކަށް ބުނެފައި ބުނާނެ ގޮތެއް ނޭނގިގެން އަލޫކް ވާހަކަ ހުއްޓާލިއެވެ.

"ލޫކް... އެންމެ ހީ ނުކުރާ މީހަވެސް ވެދާނެ ފަރުދާގެ ފުރަގަހުގައި ހުރެ ކޮންމެވެސް ނުބައި އަމަލެއް ހިންގަމުން ދާ މީހެއްކަމަށް. ބައެއްފަހަރު ތިމާގެ ލޮލުގެ ކުރިމައްޗަށް ފެންނަމުން ދަނީ ހަޤީގަތެއް ނޫން ކަމަށް ވެސް ވެދާނެ... ލޫކް ބިރުގަންނަންނީ ދޮންބެ ލޫކްއަށް އިތުބާރު ނުކޮށްފާނެތީގަ؟ ނޫން... އެކަކަށް ނުކުރިޔަސް އައި ޓްރަސްޓް ޔޫ... ލޫކްއަށް ތި އުނދަގޫ ކުރާ ވާހަކަ ކިޔައިދިނުމުން ދޮންބެ ލޫކް އަށް އިތުބާރު ކުރާނެކަމުގައި މިހާރުވެސް ޔަޤީންކަން ދެން... އެއީ އައި ނޯ ދެޓް ޔޫ ވޯންޓް ލައި... ލޫކް ދޮގު ނަހަދާނެކަން އެނގޭ... އެއަށް ވުރެ ތެދުވެރި... އެވަރު ޔަޤީންކަން އޮވޭ... " ނަވީން ޔަޤީންކަން ދިނެވެ.

"ވަރަށް ބޮޑު ތެދެއް... މިއަދު އެނގިއްޖެ ކިތަންމެ ގާތުގައި އުޅުނަސް އިތުބާރު ކުރަން ނުވާނެކަން" އަމިއްލަ ނަފްސަށް އަޑު އިވޭވަރަށް އަލޫކް ބުނެލިއެވެ.

"ކީކޭ؟" އަލޫކް ކީ އެއްޗެއް ނޭނގި ނަވީން އަހާލިއެވެ. ދެފަރާތަށް ބޯ ހޫރާލުމަށްފަހު އަލޫކް ކުޑަކޮށް ހީލިއެވެ. އެއަށްފަހު އޭނާ އިތުރަށް އެއްޗެކޭ ނުބުންޏެވެ. މަޣްރިބް ނަމާދަށް ގޮވުމުނ ދެބެން މިސްކިތަށް ދާން ނައްޓާލީ ދާދި އެކުއެކީގައެވެ. ގެއަށް އައީ އިޝާނަމާދުވެސް ކޮށްލައިގެންނެވެ. އިބާ އެގަޑީގައި ގުޅުމުން ނަވީން ނައްޓާލީ އެގެއަށް ދިޔުމަށެވެ. އަލޫކް ދިޔައީ ރޭގަނޑުގެ ކެއުން ގޭން ނިންމާލައިގެންނެވެ.

ކާރުގައި އަލޫކް ދިޔައީ އެކަންޏެވެ. މަގުގެ އެއްފަރާތުގައި ޕާރކްކޮށްލުމަށްފަހު އޭނާ ގޮސް އެގެއަށް ވަނެވެ. ބެލް ޖެހުމާއެކު ލަސްތަކެއްނުވެ ދޮރު ހުޅުވާލިއެވެ. ދޮރު ހުޅުވާލި އިބާއަށް ބަލާލުމަށްފަހު ލުއި ހިނިތުންވުމެއް ދީފައި އަލޫކް ވާހަކަ ދެއްކިއެވެ.

"ދޮންބެ ދައްތަ ހުންނަނީ ދޮރު ވާނަކަށްތަ؟ އެހާ އަވަހަށް ދޮރު ހުޅުވަނީ؟" އަލޫކް ދިމާކޮށްލިއެވެ. އެއާއެކު އިބާ ކުޑަކޮށް ލަދުގަތެވެ. އަލޫކް އޭނާއަށް ދިމާވީވެސް އެންމެ ދުވަހަކުއެވެ. އެހާ އަވަހަށް ބީރައްޓެހިކަން ފިލީހެއްޔެވެ؟ އިބާ ހުރި ގޮތުން އަލޫކް ގާތަށް ކޮންމެވެސް ވަރަކަށް ހިނިއަންނަ ގޮތް ވިއެވެ.

"ސޮރީ އެއީ މަޖަލަކަށް. ދޮންބެ ކޮބާ؟" ރީތިކޮށް އެތެރެއަށް ވަދެ އޭނާ ސޯފާތަކާ ދިމާ ނަޒަރު ހުއްޓާލިއެވެ. ދޮންބެއާއި ދޮންބެ ގެ ސެކެޓްރީގެ އިތުރުން އަދިވެސް އިތުރު މީހަކު އިނެވެ. އޭނާ ކުޑަކޮށް ހިންހަމަ ނުޖެހޭ ގޮތް ވިއެވެ. އޭނާ ބޭނުންވަނީ ދޮންބެ އާަ އެކަނި ބައްދަލުކުރާށެވެ. އާއިލާގެ އެފަދަ ސިއްރުތައް ބޭރު މީހުންގެ ތެރޭގައި ފާޅު ކުރާނީވެސް ކިހިނަކުންހެއްޔެވެ؟ ބަދުނާމު ވާނީ ޔާސިރު އެކަންޏެއް ނޫނެވެ. އާއިލާވެސް މެއެވެ.

"ދޮންބެ މީ ކޮންކަމެއް؟" އަލޫކް އަހާލިއެވެ. އޭނާ ގޮސް ސޯފާތަކުގެ ކައިރިއަށް ހުއްޓުނެވެ.

"ލޫކް ގާތު ދޮންބެވެސް ވާހަކަ އެއް ދައްކަން ވެފަ އެބައޮތް؟" ނަވީން ބުނެލިއެވެ. އޭނާ ފަހަރަކު މީހެއްގެ މޫނަށް ބަލާލިއެވެ.

"ދޮންބޭ... އަހަރެން ބޭނުންވީ އެކަނި ބައްދަލުކުރާށޭ ބުނީމެއްނު..." އަލޫކް ބުނެލިއެވެ. މައްސަލައެއް ނެތޭ... ލޫކްއަށް އެކަނި ބައްދަލުކުރަން ފުރުސަތު ދޭނަމޭ... އެކަމަކު އެހަށް" ނަވީން ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ.

"ފަހުން ވާހަކަ ދައްކާނީ..." އަލޫކް ދާ ހިނގައިގަތެވެ.

"ޔާސިރުގެ ކޮން ހަޤީގަތެއް އަލޫކްއަށް އެނގިގެން ތިއުޅެނީ" ހުއްޓުން އެރީ ނަވީން ވާހަކަ ދެއްކި އަޑު އިވިފައެވެ. ބައްޕައަށް ޔާސިރުއޭ ކިޔާފައި ނަވީން މުޚާތަބް ކުރުމުން އޭނާ އަށް ވެސް ސިހުން ލިބުނެވެ. ކުއްލިއަކަށް ފަހަތަށް އެނބުރި އޭނާ އަށް ބުމަ އުފުއްލާލެވުނެވެ.

"ދޮންބެ މި އަހަނީ ކޮން ހަޤީގަތެއްހޭ އަލޫކް އަށް އެނގުނީ؟ އަހަންނަށް ޔަޤީން ކޮންމެވެސް ކަމެއް ވެއްޖެކަން. އަދި އެކަން ގުޅިފައިވަނީ ޔާސިރުއާކަން... އެހެންވެ އަލޫކް މި ގެނައީ.... މި އެންމެންނަށް ނޭނގޭ އެއްޗެއް އަލޫކް އަށް އެނގެނީ ކޯންޗެއްކަން ބަލަން ބޭނުންވާތީ؟" ނަވީން ދެންވެސް ވާހަކަ ދެއްކިއެވެ. ނަވީންގެ ވާހަކަތައް ހުރި ގޮތުން ނަވީންއަށްވެސް ވަރަށް ބޮޑު އެއްޗެއް އެނގޭކަން އަލޫކް އަށް ދެނެގަނެވުނެވެ.

"އަލޫކް އަށް އެނގޭތަ މިގޭގަ ގެންގުޅެނީ ކާކުކަން... މިގޭގަ ގެންގުޅޭ ބަލި އަންހެން މީހަކީ ކާކުކަން... އަދި އެ މީހާގެ ހާލަތުގެ ޒިންމާ ނަގަން ޖެހޭނީ ކާކުކަން؟ ޝީޒް މައި މަމް... ލޫކް...އެއީ އަހަރެންގެ މަންމަ.... މާހިރާ..." ނަވީން ގެ ޖުމްލައާއެކު އަލޫކްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނާ އަށް ކީކޭ ހޭ އަހާލެވުނެވެ.

"އާނ... އެއީ އަހަރެންގެ މަންމަ... އެ މަންމަ ގެ ހާލަތުގެ ޒިންމާ ނަގަން ޖެހޭނީ ޔާސިރު... ލޫކް މިރޭ މިގެއަށް މިގެނައީ މި ހަޤީގަތް ހާމަ ކުރަން ވެގެން... ޔާސިރުގެ ނުބައި ރޭވުމުން މި ދުނިޔެއާއި ވަކިވީ ކިތައް ފުރާނަކަމެއް ނޭނގެ" ނަވީން ބުނެލިއެވެ. އޭނާ ބޮލުގެ އިސްތަށިގަނޑުގެތެރެއަށް އަތް މަހާލިއެވެ.

"އިޓްސް ޓްރޫ... ހީ ކިލްޑް ޕީޕަލް" ބޮލުގައި ހިފައްޓާލުމަށްފަހު ދޫކޮށްލާ ތުނިކޮށް ފަޅަން ފަށާފައިވާ ތުނބުޅީގައި އަތް ހިންގާލަމުން އަލޫކް ބުނެލީ މާޔޫސްވެފައިވާ ރާގަކަށެވެ. އޭނާ ހަމަހަޤީގަތުގައިވެސް ދެރަވެއްޖެއެވެ. ވަރަށް ބޮޑަށް ހިތުގައި ވެސް ޖެހުނެވެ.

އެރޭ ކަންހިނގާދިޔަ ގޮތާ ނަވީންމެންނަށް އެނގޭ މިންވަރަށް އަލޫކްއަށް ކިޔައިދިނެވެ.

"ލޫކް... އޭނަ އަތުން އެ ޕަވާރ އަތުލަން ދޮންބެ ބޭނުން... ހުރިހާ ގޮތަކުން އޭނަ ބަލިކަށި ކޮށްލަން ބޭނުންވަނީ... އައި ނީޑް ޔޯ ހެލްޕް" ނަވީން އަލޫކްއަށް ބަލާލިއެވެ. ސޯފާގައި އިށީނދެ އިން އަލޫކް ބޯ ޖަހާލިއެވެ. އަދިވެސް އިވިގެން ދިޔަ ހަޤީގަތް ޤަބޫލުކުރަން އޭނާއަށް އުނދަގޫވެފައިއިންފަދައެވެ. އެހެން ތިއްބާ ކޮޓަރީގެ ދޮރު ހުޅުވާލާފައި މާހިރާ ނުކުތެވެ.

"ނަވީން މަންމަ... ކިހިނެތް ހަދާދޭންވީ؟" އިބާ މާހިރާ ގާތަށް ޖެހިލިއެވެ. އެއަށްފަހު އަހާލިއެވެ. އެއާއެކު މާހިރާ ދައްކާލީ ހުސް ޖަގެވެ. އޭނާ އިބާއަތަށް ޖަގު ދިނުމަށްފަހު ސިޓިން ރޫމަށް ނަޒަރު ހިންގާލިއެވެ. އާއްމުކޮށް ނުފެންނަ ޒުވާނަކު ފެނުމުން އިރުކޮޅަކު މަޑުޖެހިލުމަށްފަހު އޭނާ ނަވީންއަށް ބަލާލާފައި ނަވީންއާއި ގާތަށް މިސްރާބުޖެހިއެވެ.

"ނަވީން ނައިސްގެން އަހަންވެސް އެހިއޭ މިއަދު... އަހަރެން ބުނިން ބިޒީ ވެގެން ނާދެވުނީއޭ... އެހީމަ ބުނީ ބިޒީ އަކީ ކޯންޗެއްހޭ؟" މިއަދިގެ ހާދިސާ ހިއްސާކުރަމުން އިބާ ޖަގަށް ފެން އެޅިއެވެ. ނަވީންގެ ތުންފަތް މައްޗަށް ލުރި ހިނިތުންވުމެއް ވެރިވިއެވެ.

"މަންމާ...އާދެބަލަ މިތާ އިށީންނަން" ނަވީން އެދުނެވެ. ވަށައިގެން ބަލަން ހުރުމަށްފަހު އިރުގަނޑެއްފަހުން އައިސް ނަވީން ގާތުގައި މާހިރާ އިށީނެވެ. ނަވީން މަންމަގެ ކޮނޑުގައި އަތް އަޅުވާލަމުން ކިހިނެތްހޭ އަހާލިއެވެ. އެއާއެކު މާހިރާ ބުމަ އަރުވާލީ ބުނި އެއްޗެއް ނޭނގުނު ފަދައަކުންނެވެ.

"އައި އެމް ސޮރީ... ބަޓް ދޮންބެ މަންމައަށް..." އަލޫކްއަށް ސީދާ ސުވާލު އަހާކަށް ނުކެރުނެވެ.

"ސްކިޒޮފްރޭނިއާ... ހެލޮސިނޭޝަންސް އެންޑް ސެވެރަލް އަދަރ މެންޓަލް ޑިސްއޯރޑަރސް" ނަވީން ކުރުގޮތަކަށް ބުނެލިއެވެ. އޭނާއަށް އަލޫކް އެ އަހާ އެއްޗެއް އެނގުނީއެވެ.

"މަންމަ އެއީ ނަވީން ކޮއްކޮ އިނގޭ... އަލޫކް" އަލޫކް ދައްކާލަމުން ނަވީން ބުނެލިއެވެ. އެބުނި އެއްޗެއް މާހިރާއަށް ދޭހަވިހެނެއް ހިޔެއްނުވެއެވެ. އޭނާ ގެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނޭ ވިއްޔާއެވެ. އެހެން އިނދެފައި އަލޫކްއަށް ބަލާލާފައި ކުޑަކޮށް ބޯ ޖަހާލިއެވެ. އަލޫކްވެސް މާހިރާއަށް ބަލާލާފައި ހީލިއެވެ.

އެރެއަށް ފަހު އަނެއްކާވެސް ނަވީންމެންގެ ގްރޫޕަށް އިތުރު މެންބަރެއް އިތުރުވީއެވެ. ބޯޑު މެންބަރުންނާއި ބައްދަލުކުރަން ދާ ގޮތަށް ނިންމީ ނަވީން އާއި އަލޫކްއެވެ.

ޖެހިގެން އައި ހަފްތާގައި ސްކޫލްތައް ބަންދުވުމާއެކު ނަވީންގެ އާއިލާ އެކުގައި ރާއްޖޭން ބޭރަށް ފުރައިފިއެވެ. ޔާސިރުއާއި އަލޫކްގެ އިތުރުން ނަވީން ފިޔައެވެ. ނަވީން ދާން ބޭނުންނުވުމާއެކު އޭނާ މަޑުކުރީއެވެ. ޔާސިރު މަޑުކުރީ މުހިންމު ކަމަކު ރާއްޖޭން ބޭރުގެ ބައެއް ބައްދަލުކުރަން އަންނަން ކުއްލި ގޮތަކަށް ހަމަޖެހުމާއެކުގައެވެ. އަލޫކް ވެސް މަޑުކުރީ އެހެންވެއެވެ. އޮފީސް ތަންކޮޅެއް ކުރިން ނިންމާލާފައި ނަވީން ދިޔައީ މަންމަ ކައިރިއަށެވެ. އާހިލް ނިމުނީ ތަންކޮޅެއް ލަސްވިފަހުންނެވެ. އަލޫކްއާއި ނަވީންއާއި އެކީ ދާންވެގެން ނަވީން ދިޔައީ ނަވީންގެ ކާރުގެ ތަޅުދަނޑި އާހިލްއާއި ހަވާލުކޮށްފައެވެ. އޭނާ ޕާރކުކޮށްފައި އޮތް ނަވީންގެ ކާރާ ހިސާބަށް ދެވުނުތަނާ ފޯނެއް އައެވެ. ގުޅަނީ ރާފިހްއެވެ. ފޯނު ނަގާ ކަންފަތުގައި ޖައްސާލަމުން ހަލޯ އޭ ކިޔާލިއެވެ. އޭނާ ފުރަގަސްދީގެން ހުރުކުން އެ ދިމާލަށް އައި ޔާސިރުއޭނާގެ ލޮލުގައި އަޅައެއް ނުގަތެވެ.

"ކޮންތާކު؟ އަހަރެންގެ ގޭން ބައެއް އެއްޗެހި ހިފައިގެން ދާންވެގެން ގެއަށް އައިސް މިއުޅެނީ... ދެންމެ ނަވީން އަށް ވެސް ގުޅާލިން ކޮފީއަކަށް ދާންވެގެން... ގުޅާލިއިރު އޭނަ އިބާ ކައިރީގަ ހުރީ..." ރާފިހް ފޯނުން ބުނެލިއެވެ.

"އާނ... އަހަރެންވެސް މި ދަނީ އިބާމެންގެއަށް ދާން... ނަވީން މަންމަ ކުޑަކޮށް ހުން އައިސްގެން އުޅޭ ވާހަކަ ބުނީމައާއެކީ އެގެއަށް ގޮސްލަން ވެގެން" އާހިލް ބުނެލިއެވެ. އޭރު އޭނާއަށް މި ހުރެވުނު ތަނަކާ މެދު ވިސްނައެއް ނުލެވުނެވެ. ހިތުގައި އޮތް ބަސްތައް ދުލުން ބޭރުކޮށްލެވުނީ ދެވަނަ ވިސްނުމެއް ނެތިއެވެ.

އާހިލްއަށް ނޭނގުނު ކަމަކީ ދެންމެ އޭނާގެ ދުލުން ނުކުތް އެ ބަސްތައް ޔާސިރުގެ ކަންފަތުގައި ޖެހުނު ކަމެވެ.

(ނުނިމޭ...)

https://sun.mv/126191

comment ކޮމެންޓް