ޕުލިސިޗްގެ ހެޓްރިކާ އެކު ބާންލީ އަތުން ޗެލްސީއަށް ފަސޭހަ މޮޅެއް

ޗެލްސީއާއި ބާންލީ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 2-4 އިން ކާމިޔާބު ކުރީ ޗެލްސީ --- ފޮޓޯ// ޑޮމް ފެރަލް

އިނގިރޭސި ޕްރިމިއާ ލީގުގެ 10 ވަނަ މެޗު ވީކްގެ ކުޅުން ރޭ ފެށި އިރު ވަރުގަދަ މެޗުތަކެއް ވަނީ ކުޅެފަ އެވެ. އެގޮތުން މެންޗެސްޓާ ސިޓީން ތިން ގޯލުގެ ލީޑަކާ އެކު އެސްޓޮން ވިލާ ބަލިކުރި އިރު ދާދި ފަހުން ޗެލްސީއަށް ގުޅުނު އެމެރިކާގެ ތަރި ކުރިސްޓިއަން ޕުލިސިޗްގެ ހެޓްރިކަކާ އެކު އެ ޓީމު ވަނީ ބާންލީ އަތުން ފަސޭހަކަމާ އެކު މޮޅުވެފަ އެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުގައި ރޭ ޗެލްސީން ބާންލީގެ މައްޗަށް ކުރި ހޯދީ 2-4 ގެ ނަތީޖާ އަކުންނެވެ. މި މޮޅާ އެކު އެ ޓީމު މިވަގުތު ތާވަލުގެ ހަތަރު ވަނައިގައި އޮތީ 20 ޕޮއިންޓާ އެކު އެވެ. އެ ޓީމާއި އެއްވަރަކަށް ޕޮއިންޓް ލިބިގެން ލެސްޓާ ސިޓީ ތިންވަނައިގައި އޮތީ ފައިދާ ގޯލު ގިނަވީމަ އެވެ. ލެސްޓާއިން ވަނީ އެޓީމުން އެންމެ ފަހުން ކުޅުނު މެޗުގައި ސައުތަމްޓޮން ކޮޅަށް ނުވަ ގޯލު ޖަހައިފަ އެވެ.

މިފަހަރުގެ ސީޒަނާއި ކުރިމަތިލި އިރު އެންމެ ބޮޑު އަނދަވަޅެއްގައި އޮތީ ޗެލްސީ އެވެ. ކުޅުންތެރިން ނުގެނެވޭ ގޮތަށް ކުލަބު ސަސްޕެންޝަނުގައި އޮތުމާ އެކު އެ ކުލަބުގައި ތިބި މުހިއްމު ބައެއް ކުޅުންތެރިންތަކެއް ވަނީ އެހެން ކުލަބުތަކަށް ބަދަލުވެފަ އެވެ. އެގޮތުން އެ ޓީމަށް ގިނަ ދުވަސްތަކެއް ކުޅެދިން އެޑެން ހަޒާޑް އެ ޓީމު ދޫކޮށް ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވި އިރު ތަޖުރިބާކާރު ޑިފެންޑަރު ޑޭވިޑް ލުއިޒް ވެސް ވަނީ އާސެނަލަށް ބަދަލުވެފަ އެވެ.

ޗެލްސީއާއި ބާންލީ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު 2-4 އިން ކާމިޔާބު ކުރީ ޗެލްސީ --- ފޮޓޯ// ޑޮމް ފެރަލް

އަދި އެ ދަނޑިވަޅުގައި ޓީމުގެ ކޯޗެއްގެ ގޮތުގައި ހުރި މޯރީޒިއޯ ސަރީ ވަނީ ޓީމު ދޫކޮށްލަައިފަ އެވެ. އެހެން ނަމަވެސް ޓީމާއި އަލަށް ހަވާލުވި ޗެލްސީގެ ކުރީގެ މިޑްފީލްޑަރު ފްރޭންކް ލަމްޕާޑް އަންނަނީ ޒުވާން ސްކޮޑަކާ އެކު ތަފާތު ކުޅުމެއް ދައްކަމުންނެވެ.

ރޭގެ މެޗުގައި ވެސް ޗެލްސީން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ފުރަތަމަ ހާފުގައި ޗެލްސީން ދެ ގޯލު ވަނީ ޖަހައިފަ އެވެ. އެ ދެ ގޯލު ވެސް ޕުލިސިޗް ޖެހި އިރު ދެވަނަ ހާފު ފެށުނު ތަނާ އޭނާ ވަނީ ތިންވަނަ ގޯލެއް ޖަހައި އޭނަގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.

ޗެލްސީގެ ތިން ގޯލާ އެކު ވެސް އެ ޓީމުން ދިޔައީ ޓީމު ކުރިއަށް ޖައްސައިގެން އެޓޭކް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ވިލިއަން ވަނީ ޗެލްސީގެ ހަތަރުވަނަ ގޯލު ޖަހައި މެޗު ގާތްގަނޑަކަށް ޔަގީންކޮށްފަ އެވެ.

ނަމަވެސް މެޗު ނިމެން ދަނިކޮށް ބާންލީން ވަނީ ކުޅުން ރަނގަޅުކޮށް ދެ ގޯލެއް ޖަހައި ފަރަގު ކުޑަ ކޮށްފަ އެވެ. މި ދެ ގޯލު އެ ޓީމަށް ޖަހައިދިނީ ޖޭ ރޮޑްރިގުއޭޒް އާއި ޑުވައިޓް މެކްނީލް އެވެ.

މީގެ އިތުރުން ވޭތުވެދިޔަ ދެ ސީޒަނުގެ ވެސް ޗެމްޕިއަންކަން ހޯދި ސިޓީން ވަނީ ރޭ އެސްޓޮން ވިލާ 0-3 ގެ ނަތީޖާ އަކުން ބަލިކޮށްފަ އެވެ. އެ މޮޅާ އެކު ސިޓީ މިވަގުތު ތާވަލުގެ ދެވަނައިގައި އޮތީ 22 ޕޮއިންޓާ އެކު އެވެ. އެއްވަނައިގައި އޮތް ލިވަޕޫލަށް އެއް މެޗު މަދުން ކުޅެ ލިބިފައި ވަނީ 25 ޕޮއިންޓެވެ.

ރޭގެ މެޗުގައި ސިޓީން ޖެހި ގޯލުތައް އެ ޓީމަށް ޖަހައިދިނީ، ރަހީމް ސްޓާރލިންގް އަދި ކެވިން ޑެ ބްރުއިނާގެ އިތުރުން އިލްކާއީ ގުންޑޮވާން އެވެ.

comment ކޮމެންޓް