އަމާޒަކީ ރާއްޖޭގެ ކަނޑުގެ 20 ޕަސެންޓް ހިމާޔާތްކުރުން: މިނިސްޓަރު

ނޯވޭގެ ވެރިރަށް އޯޒްލޯގައި ކުރިއަށްދާ "އަވަރ އޯޝަން ކޮންފަރެންސް" ގައި ޑރ. ހުސެއިން ރަޝީދު ހަސަން---- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

ރާއްޖޭގެ ކަނޑުގެ ދިރުންތައް ދެމެހެއްޓެނިވި ގޮތަކަށް ބޭއްވުމުގެ ގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ 20 ޕަސެންޓް ހިމާޔާތްކުރުން އަމާޒު ކަނޑައަޅާފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހަސަން ރަޝީދު ހުސެއިން ވިދާޅުވެއްޖެ އެވެ.

ނޯވޭގެ ވެރިރަށް އޯޒްލޯގައި ކުރިއަށްދާ "އަވަރ އޯޝަން ކޮންފަރެންސް" ގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ދިރުންތައް ދެމެހެއްޓެނިވި ގޮތަށް ކުރިއަށްގެންދިއުމަށް ވަރަށް ފުޅާ ދާއިރާއެއްގައި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރާވައިފައިވާ ކަމަށެވެ.

އަދި އެ ހަރަކާތްތައް ކުރިއަށް ގެންދާނި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަންއާ ގުޅިގެންކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އެ ކޯލިޝަންއަކީ ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް ދުނިޔޭގެ ތަޖުރިބާކާރުން ހިމެނޭގޮތަށް ހިންގަމުންދާ އިއްތިހާދެކެވެ.

ކަނޑުގެ ސަރަހައްދުގެ 20 ޕަސެންޓް ހިމާޔާތްކުރުމަށް އަލިއަޅުވާލައްވައި މިނިސްޓަރު ވިދާޅުވީ އޭގެ ސަބަބުން ރާއްޖޭގެ ކަނޑުގައި އުޅޭ މަހުގެ އަަދަދު ގިނަވެ ކަނޑުގެ ދިރުންތައް އިތުރުވެ އަދި ކަނޑުގެ ދިރުމުގެ މައްޗަށް އާމްދަނީއާއި ދިރުއުޅުން ބިނާވެފައިވާ މީހުންނަށް ރައްކާތެރިކަން ލިބޭނެ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ދުނިޔޭގެ ކަނޑުތަކަކީ ގުދުތަރުގެ އެންމެ މުއްސަނދި އަދި އެންމެ ބޮޑު އަދި އަގުބޮޑު ވަސީލަތް ކަމަށެވެ. އަދި އެފަދަ ކަނޑުތައް ރައްކާތެރިކުރަން ތިބޭ ބަޔަކަށް އަޅުގަނޑުމެން ތިބޭއިރު އެ ތަރިކަ ކުރިއަށް އޮތް މުސްތަގުބަލަށްވެސް ގެންދިއުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެންގެ ޒިންމާއެއް ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ.

" ކަނޑުތަކަށް ކުރާ ކޮންމެ އަސަރެއް އަޅުގަނޑުމެންނަށްވެސް ކުރާނެ." މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް