މަޝްރޫއުތައް ދިނުމުގައި އެމްޑީޕީ މެމްބަރުންގެ ބަސް އޮންނަން ޖެހޭ: އަސްލަމް

އޮކްޓޫބަރ 26، 2019: އެމްޑީޕީ ނައިބް ރައީސް ކަމަށް ވާދަކުރާ އަސްލަމްގެ ކެމްޕެއިން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުން ހިންގާ އެކި އެކި މަޝްރޫއުތައް ދިނުމުގައި އެމްޑީޕީ މެމްބަރުންގެ ބަސް އޮންނަ ޖެހޭ ކަމަށް އެމްޑީޕީގެ ނައިބު ރައީސް ކަމަށް ވާދަ ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ލީޑަޝިޕް އިންތިހާބުގައި ނައިބު ރައީސް ކަމަށް ވާދަކުރާއިރު ކެމްޕެއިން ކުރިއަށް ގެންދާނެ ގޮތަކާ މެދު އެމްޑީޕީގެ އާންމު މެމްބަރުންގެ ހިޔާލު ހޯދުމަށް މިރޭ އެމްޑީޕީ ހަރުގޭގައި އަސްލަމް ވަނީ ބައްދަލުވުމެއް ބާއްވާފަ އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، ރަށްރަށުގައި މަޝްރޫއުތައް ހިންގާ އިރު އެ މަޝްރޫތައް ދީފައިވަނީ ކޮން ބަޔަކަށް ކަމެއްވެސް އެނގެނީ އެއްބަސްވުންތަކުގައި ސޮއި ކުރާ ހިސާބުން ކަމަށާއި އެއީ އެކަން އޮންނަ ޖެހޭ ގޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އެކަންކަމުގައި އެމްޑީޕީ މެމްބަރުންގެ ބަސް އޮންނަ ޖެހޭނެ ކަމަށާއި އެކަމުގައި ވަކާލާތު ކުރުމުގައި ދެމިހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރަށްރަށުގައި އޮންނަ މަޝްރޫއުތަކަކީ އެ ރަށްރަށުގެ ރައްޔިތުންގެ ބައިވެރިވުމާއި އެމީހުންގެ މަޝްވަރާއާއެކު އެކުލަވާލެވޭ މަޝްރޫއުތަކަށް ވާން ޖެހޭނެ. ވަކިން ހާއްސަކޮށް އެމްޑީޕީގެ [މެމްބަރުންގެ] ބަސް ކިޔުން މިކަމުގައި އޮންނަން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. އެކަމުގައި ވަކާލާތު ކުރުމުގައި ދެމިހުންނާނަން،" ބައެއް މަޖިލިސް މެމްބަރުންނާއި އެމްޑީޕީ ގައުމީ މަޖިލިސް ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި އަސްލަމް ވިދާޅުވިއެވެ.

އޮކްޓޫބަރ 26، 2019: އެމްޑީޕީ ނައިބް ރައީސް ކަމަށް ވާދަކުރާ އަސްލަމްގެ ކެމްޕެއިން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަސްލަމް ވިދާޅުވީ، ހަތް އަހަރުގެ މަސައްކަތަށްފަހު މިއަދު ގާއިމުވެފައި އޮތީ އެމްޑީޕީގެ ސަރުކާރެއް ކަމަށާއި ސަރުކާރުން އެމްޑީޕީގެ އާންމު މެމްބަރުންގެ އިހުސާސްތައް ބަލަން ޖެހޭ ކަމަށެވެ. އެމްޑީޕީ ނެތިދިޔުމަކީ ސަރުކާރަށްވެސް ދިމާވާނެ އެންމެ ބޮޑު ގޮންޖެހުން ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަދު މިއޮތީ ކޯލިޝަންގެ ސަރުކާރެކޭ ކީ ނަމަވެސް އެމްޑީޕީގެ ސަރުކާރެއް. ތިބޭފުޅުންގެ މަސައްކަތުން ތިބޭފުޅުން ހޯއްދަވާ އިހުތިޔާރު ކުރެއްވި އެމްޑީޕީގެ ރައީސުލްޖުމްހޫރިއްޔާއެއް މިއަދު މި ގައުމުގެ ރައީސުލްޖުމްހޫރިއްޔާއަކަށް އެ ހުންނެވީ. ސަރުކާރުން އެމްޑީޕީގެ އާންމު މެމްބަރުންގެ އިހުސާސްތައް ދެނެގަންނަ ޖެހޭނެ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ޕާޓީގެ ވެރިކަމެއް އޮންނަ އިރު ސަރުކާރާއެކު މެމްބަރުން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ސަރުކާރުންވެސް ޕާޓީއާ މަޝްވަރާކޮށްގެން ކަންތައް ކުރިއަށް ގެންދިޔުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.

"ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، އަޅުގަނޑުމެންގެ ޕާޓީގެ އެންމެ އިސްވެރިޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރަށްވެސް އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ، ޕާޓީއާއެކު މަޝްވަރާ ކުރައްވައިގެން ކުރިއަށްދާށޭ. އިރާދަކުރެއްވިޔާ އަޅުގަނޑުމެންގެ ލީޑާޝީޕެއްގައި ސަރުކާރަށް އަޅުގަނޑުމެންގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން ލިބިގެންދާނެ،" އަސްލަމް ވިދާޅުވިއެވެ.

އޮކްޓޫބަރ 26، 2019: އެމްޑީޕީ ނައިބް ރައީސް ކަމަށް ވާދަކުރާ އަސްލަމްގެ ކެމްޕެއިން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަސްލަމް އިތުރަށް ވިދާޅުވީ، 2012 ވަނަ އަހަރު އެމްޑީޕީގެ ވެރިކަން ވައްޓާލުމަށްފަހު އަނެއްކާވެސް އަލުން ވެރިކަމަށް އައީ ވަރަށް ގިނަ ބަޔެއްގެ ބުރަ މަސައްކަތުން ދިގު ދަތުރަކަށްފަހު ކަމަށެވެ. އެގޮތުން އެ ދަތުރުގައި މުޒާހަރާތަކުގައި އަނިޔާވެ، ބައެއް މީހުން މަރުވެ، އެތަށް ބަޔެއްގެ ވަޒީފާތައް ގެއްލި، އެތައް ބަޔެއްގެ ވިޔަފާރިތައް ފުނޑުފުނޑުވި ކަމަށެވެ.

"އެކި ތަންތަނުން އެކި މީހުން ލިސްޓު ހައްދައިގެން، ވަޒީފާ މި ހަމަޖެހެނީ ހަމަ ޖެހެނީ [ބުނަނީ]... އަޅުގަނޑުމެންނަށް އެންމެ ކުޑަމިނުން ޕާޓީގެ މި މަސައްކަތުގައި ދެމިތިބުމުގެ ސަބަބުން އެމީހާގެ ވަޒީފާ ގެއްލިދިޔުމުން އެމީހާގެ ހައްގު ހޯދުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެންގެ އެންމެންގެ ޒިންމާއެއް. ސަރުކާރުގެވެސް ޒިންމާއެއް. ޕާޓީގެ ވެސް ޒިންމާއެއް،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، އަދިވެސް ވަޒީފާ ގެއްލުނު މީހުންނަށް ވަޒީފާ ނުލިބޭކަމުގެ ޝަކުވާ ރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބެމުންދާ ކަމަށެވެ. އަދި ވަޒީފާ ލިބުން ލަސްވާތީ އެކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރުއްވިއެވެ. އަދި ފުނޑުފުނޑުވި ވިޔަފާރިތަކަށްވެސް ހައްގު ބަދަލު ލިބެންޖެހޭ ކަމަށް އެނާ ވިދާޅުވިއެވެ. އެ ހައްގުތައް ހޯދުމަގައި ދެމި ހުންނަވާނެ ކަމުގެ ޔަގީން ކަން އޭނާ ދެއްވިއެވެ.

އޮކްޓޫބަރ 26، 2019: އެމްޑީޕީ ނައިބް ރައީސް ކަމަށް ވާދަކުރާ އަސްލަމްގެ ކެމްޕެއިން ފެށުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕާޓީ ހަރުދަނާ ކުރުމުގެ ގޮތުން ކުރަން ޖެހޭ ބައެއް ކަންތަތައްވެސް އަސްލަމް ފާހަގަ ކުރެއްވިއެވެ. އެގޮތުން ގޮފިތައް ވަރުގަދަކޮށް، މަދުވެގެން އަހަރަކު އެއްފަހަރު ޕާޓީގެ ކޮންގްރެސް ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަސްލަމް ވަނީ ޕާޓީގެ ރައީސް ކަމަށް ދެވަނަ ދައުރަކަށް ކުރިމަތިލެއްވި ރައްޔިތުންގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާކަން މީގެ ކުރިން އިއުލާން ކުރައްވާފައެވެ. އަދި މިރޭ ވެސް އޭނާގެ ސަޕޯޓަރުންގެ އަރިހުން އެމަނިކުފާނަށް ތާއީދު ކުރެއްވުމަށް އަސްލަމް ވަނީ އެދިވަޑައިގެންފައެވެ.

"ރައީސް ނަޝިދަކީ، މި ޕާޓީގެ ހަގީގީ ބާނީ. މި ޕާޓީ އުފެއްދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ވަރުގަދަ ލީޑަރެއް. އެމަނިކުފާނު ނެތިދިޔައިއްޔާ މުޅި ޕާޓީ އެތައް ގުނައަކަށް ބަލިވެ ނިކަމެތިވެދާނެ،" ރައީސް ނަޝީދަށް ތާއީދުކޮށް އަސްލަމް ވިދާޅުވިއެވެ.

އެމްޑީޕީގެ ނައިބު ރައީސްކަމަށް އަސްލަމްގެ އިތުރުން ދެން ކުރިމަތިލައްވަނީ ދެވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އޮފީހު މިނިސްޓަރު މުހައްމަދު ޝިފާޒެވެ. އެމްޑީޕީ ލީޑާޝިޕް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ މަހު 22 ވަނަ ދުވަހުއެވެ. އެ އިންތިހާބުގައި 84.000 އަށް ވުރެ ގިނަ މެމްބަރުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވެއެވެ.

comment ކޮމެންޓް