ކޯލިޝަން ސަރުކާރުން ޕީޕީއެމްގެ ޝިއާރުތަކަށް އަމަލު ކުރާކަށް ނުޖެހޭ: ރައީސް ނަޝީދު

ނަޝީދު: ކޯލިޝަން ސަރުކާރުން ޕީޕީއެމްގެ ޝިއާރުތަކަށް އަމަލު ކުރާކަށް ނުޖެހޭ ކަމަށް ވިދާޅުވު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޯލިޝަން ސަރުކާރުން އިދިކޮޅު ޕީޕީއެމްގެ ޝިއާރުތަކަށް އަމަލު ކުރަން ނުޖެހޭނެ ކަމަށް ރައްޔިތުން މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝިދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިގޮތަށް ވިދާޅުވެފައި މިވަނީ، އިސްލާމް ދީނާ ހިލާފު ވާހަކަތަކެއް ހިމަނައި، ރިޕޯޓެއް ނެރުނު މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް އުވާލުމަށް އިދިކޮޅު ފަރާތްތަކާއި އެ ނޫންވެެސް ފަރާތްތައް ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނުކުތީ ތިން ބަޔާކާއެކު އެއްބައިވަންތަ ކަމުގެ ސަރުކާރެއް އުފެއްދުމަށް ކަމަށެވެ. އަދި އެ ސަރުކާރުގައި ދީނީ ކަންކަން ގެންދާނެ ގޮތަކީ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ހުށަހެޅުމަށް ކަމަށް އެމްޑީޕީން ގަބޫލު ކުރި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އޭގައި ޕީޕީއެމްގެ ސިޔާސީ ޝިއާރުތައް ނުވަތަ 2015 ގައި ނެރުނު ރިޕޯޓަކަށް އަމަލު ކުރާކަށް ނުޖެހޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އެ ގޮތަށް ވިދާޅުވި އިރު، އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީ އިން އިއްޔެ ނެރުނު ނޫސްބަޔާނުގައި ވަނީ، އިދިކޮޅަށް ހިތްވަރު ލިބޭ ގޮތަށް ހިޔާލު ފާޅު ނުކުރުމަށް އެޕާޓީގެ މެންބަރުންނަށާއި އިންތިހާބީ މަގާމުތަކުގައި ތިއްބެވި ޕާޓީގެ ބޭފުޅުންނަށް އިލްތިމާސްކޮށްފައެވެ.

އެމްޑީއެންއިން 2016 ވަނަ އަހަރު ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓަކީ، ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި، އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށަގެންފައިވާ މިންވަރު ބެލުމަށްޓަކައި އެ ޖަމިއްޔާއިން ކުރި ދިރާސާއެއްގެ މައްޗަށް ނެރުނު ރިޕޯޓެކެވެ. ރިޕޯޓުގައި، އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށްފައިވާތީވެ، އެމްޑީއެން އުވާލުމަށް ގޮވައި ޝޯޝަލް މީޑިއާގައި ދަނީ ބޮޑު ކެމްޕެއިންނެއްވެސް ކުރަމުންނެވެ. އަދި ޕީޕީއެމްއާއި އަމިއްލަ ބައެއް ފަރާތަކުން ވަނީ އެ ޖަމިއްޔާ އުވާޅުމަށް ގޮވާލާ އެއްވުންތައްވެސް ބާއްވާފައެވެ.

އެމްޑީޕީން މީގެ ކުރިން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ މަސައްކަތް ހުއްޓުވައި، އެފަދަ ތަންތަން އުވާލުމަށް ތާއީދު ނުކުރާކަމަށެވެ. މުޖުތަމައުގައި ނަފުރަތު އުފެދޭ ވާހަކަތައް ދެއްކުމަކީ ގައުމުގެ ހަމަ ޖެހުން ގެއްލި އަމަންއަމާން ކަމަށް ގެއްލުންވާނެ ކަމެއް ކަމަށް އެމްޑީޕީއިން ވަނީ ބުނެފައިވެ އެވެ. އަދި ދަނޑިވަޅުގެ ބޭނުންކޮށް ގައުމު ހަލަބޮލިކޮށް ރައްޔިތުންގެ މެދުގައި ނަފްރަތު އުފައްދަން މަސައްކަތް ކުރުމަކީ އެ ޕާޓީން ހިތާމަ ކުރާ ކަމެއް ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

ސަރުކާރުން އެމްޑީއެންގެ ރިޕޯޓު ކުއްވެރިކޮށްފައިވާއިރު، ފުލުހުން އެ މައްސަލަ ބަލާ ނިމެންދެން އެ ޖަމިއްޔާ މިހާރު ވަނީ ވަގުތީ ގޮތުން ސަސްޕެންޑްކޮށްފައެވެ.

ފުލުހުން މިހާރު ދަނީ، ތަހުގީގު ބޭނުމަށް އެ ރިޕޯޓު ތިން ދީނީ އިލްވެރިން މެދުވެރިކޮށް ދިރާސާ ކުރަމުން އެވެ. ފުލުހުން ބުނެފައިވަނީ އެ ދިރާސާ ރިޕޯޓު ނިމުން ފިޔަވަޅު އަޅާނެ ކަމަށެވެ. އެ ރިޕޯޓު ހަފްތާއެއްހާ ދުވަހުގެ ތެރޭ ނިމޭނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެ ރިޕޯޓުގެ ބޭނުން ބަޔަކު ދަނީ ނާޖާއިޒު ގޮތުގައި ހިފަމުނެވެ. އަދި އެކަން ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

comment ކޮމެންޓް