ބަދަލަކާއެކު ފުވައްމުލަކު ރިންގް ރޯޑުގައި ތާރު އަޅަން ފަށައިފި

ފުވައްމުލަކު ނައިބު ތުއްތު ހިނގުމުގައި ތާރު އެޅުމުގެ މަސައްކަތް-- ފޮޓޯ: އެމްޓީސީސީ

ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ފުވައްމުލައް ސިޓީގެ ނައިބު ތުއްތު ހިނގުން (ރިންގް ރޯޑް) ހެދުމުގެ މަޝްރޫއުގެ ތާރު އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްޓީސީސީން ބުނީ މި މަހުގެ 25 ވަނަ ދުވަހު އެ މަސައްކަތް ފަށާފައިވަނީ ސަރުކާރުން އެ މަޝްރޫއުގެ ޑިޒައިނަށް ގެންނަން ނިންމި ބަދަލާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އެ ބަދަލަކީ ވެއްޔާއި ސިމެންތި ބޭނުންކޮށްގެން ކުރިން އަޅަން ރޭވި "ބޭސް ކޯސް" ފަށަލަ، ހިލަ ބޭސް ކޯސް (އެގްރިގޭޓް ބޭސް ކޯސް) ފަށަލައަކަށް ބަދަލު ކުރުމެވެ.

އެމްޓީސީސީން ބުނީ އެގްރިގޭޓް ބޭސް ކޯސް މެޓީރިއަލް ބޭނުންކޮށްގެން އެ މަޝްރޫއު ކުރިއަށްގެންދަން ނިންމީ މީގެ ކުރިން އެފަދަ މަޝްރޫއުތައް ހިންގުމުގައި ލިބުނު ތަޖުރިބާގެ އަލީގައި، މަޝްރޫއުގެ ފެންވަރު ރަނގަޅުކުރުމަށް ކަމަށެވެ.

ގާތްގަނޑަކަށް 32 މިލިއަން ރުފިޔާ ޚަރަދުވާ އެ މަޝްރޫއުގެ ދަށުން 24،300 އަކަމީޓަރުގެ ރިންގް ރޯޑެއް ހެދުމާއެކު، ލެޑް ބައްތި ޖެހުމާއި ފެން ހިންދާ ނިޒާމު ޤާއިމު ކުރުމަށް ވަނީ ނިންމާފަ އެވެ.

އިއްޔެ ފެށި ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ކުރިން އެ މަގުގައި ތާރު އަޅާ ނިންމާފައި އޮތް ހިސާބުން ފެށިގެން، ތިން ބަޔަކަށް ބަހާލުމަށްފަހު މަގު ބަންދުކޮށްގެންނެވެ.

comment ކޮމެންޓް