6 މިލިއަން ކިއުބިކް މީޓަރަށް 53 މިލިއަން، 7 މިލިއަން ކިއުބިކު މީޓަރަށް 50 މިލިއަން

ވެލާނާ އެއާޕޯޓުގެ ސީޕްލޭން ޓާމިނަލް ބަދަލުކުރާ ސަރަހައްދުގެ ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލު ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިގަތުމަށް ގުޅީފަޅުގެ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ ހަފްތާ ވަނީ ނެދަލެންޑްސްގެ، ބޮސްކާލިސްއާ ހަވާލުކޮށްފަ އެވެ. އެ މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ، 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށެވެ. އެ އެއްބަސްވުމުގެ ދަށުން، ބޮސްކާލިސްއިން ޖެހެނީ، 180 ދުވަހުގެ ތެރޭގައި ހަ މިލިއަން ކިއުބިކް މީޓަރުގެ ވެލި އަޅައިގެން ގުޅީފަޅުން ބިން ހިއްކައި ރިވެޓްމަންޓް ޖަހައި ތޮށިލުމެވެ.

އެ މަޝްރޫއާ އެކު ބޮޑުވި ޝަކުވާއަކީ އެއްވެސް ބިޑަކާ ނުލައި އެ މަސައްކަތް ވަކި ކުންފުންޏަކަށް ސަރުކާރުން ދިނުމެވެ. އެއާ އެކު، ބައެއް ފަރާތްތަކުން ބުނީ، ސަރުކާރާއި ރައްޔިތުން ހިއްސާވާ އެމްޓީސީސީގެ ކޮންނަ ބޯޓް މަހާޖައްރާފުން އެ މަޝްރޫއު ހިންގާ ނަމަ، 44 މިލިއަން ޑޮލަރަށް އެކަން ނިންމާލެވޭނެ ކަމަށެވެ. އޭރުން ނުވަ މިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެ އެވެ.

އެކަމަކު، އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވާ ގޮތުގައި މަހާޖައްރާފުގެ ކެޕޭސިޓީ ހުރި ގޮތުން އެ މަސައްކަތް ނިންމަން ދެ އަހަރު ނުވަތަ 600 އެއްހާ ދުވަސް ނަގާނެ އެވެ.

ސަރުކާރުން ބޭނުން ވަނީ އަންނަ އަހަރުގެ ކުރީކޮޅު ބަނދަރު ހެދުމުގެ މަސައްކަތް ފަށައިގަންނާށެވެ. އެކަން ކުރެވެން އޮތީ މިއަހަރު ނިމޭހާ ތަނަށް ނޫނީ އަންނަ އަހަރުގެ ފެބުރުއަރީ މަހަށް ބިން ހިއްކުން ނިންމާލެވިގެން އެވެ.

އެއީ ކިތަންމެ އަވަހަށް ފަށަން ބޭނުންވާ މަޝްރޫއެއް ނަމަވެސް ސުވާލަކީ، ބޮސްކާލިސްއަށް އެ މަޝްރޫއު ހަވާލުުކުރީ އެންމެ އެކަށޭނަ އަގުގައި ހެއްޔެވެ؟ އެކަން ކަށަވަރު ކުރަން، މީގެ ކުރިން ހިންގި އެ ޒާތުގެ މަޝްރޫތަކާއި މި މަޝްރޫއުގެ އަގުތަކާއި ހިސާބުތައް އަޅައި ކިޔަމާ ހިނގާށެވެ.

މިފަހުގެ ތާރީހެއްގައި މާލޭ ސަރަހައްދުގައި ހިންގި އެންމެ ބޮޑު އެއް ބިން ހިއްކުމުގެ މަޝްރޫއަކީ ހުޅުމާލޭގެ ދެވަނަ ފޭސް ތަރައްގީ ކުރުމުގެ މަޝްރޫއަށް ބޭނުންވާ 245 ހެކްޓަރުގެ ބިން ހިއްކުމެވެ. މީގެ ހަތަރު އަހަރު ކުރިން 2015ގައި ބެލްޖިއަމްގެ ޑުރެޖިން އިންޓަނޭޝަނަލްއާ ހަވާލުކޮށްގެން ހިންގި އެ މަޝްރޫއުގެ އަގަކީ، 50 މިލިއަން ޑޮލަރެވެ. އެއީ ހިއްކި ސަރަހައްދުގެ ވަށައިގެން ރިވެޓްމަންޓް ޖެހުމާ އެކު އެވެ.

ހުޅުމާލޭ ދެވަނަ ފޭސްގައި ބިން ހިއްކުމާއި ގުޅީފަޅުގެ ބިން ހިއްކުން ތަފާތުވާ އޮތީ އެންމެ ކަމެކެވެ. އެއީ ހުޅުމާލޭގެ ބިން ހިއްކުމަށް ފަސް އަޅަން ޖެހުނީ ތިން މީޓަރަށެވެ. އެހެން ނަމަވެސް، "ސަން"އާ ވާހަކަ ދެއްކެވި ތަޖުރިބާކާރުން ވިދާޅުވި ގޮތުގައި ގުޅީފަޅުގައި ބިން ހިއްކުމަށް އެވްރެޖްކޮށް އަށް މީޓަރަށް ފަސް އަޅަން ޖެހޭނެ އެވެ. އެތަނުގެ ފުންމިން ތިން މީޓަރާއި 12 މީޓަރާ ދޭތެރޭ ހުންނާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

މި ދެ މަޝްރޫއު އަޅާ ކިޔާއިރު، އެއްގޮތް އެންމެ މުހިންމު ފެކްޓާއަކީ، ބިން ހިއްކަން ޖެހޭނީ ތަންކޮޅެއް ދުރުން ފަސް ނަގައިގެން ގެނެސް، ހޮޕާ ޑްރެޖަރުގެ އެހީގަ އެވެ. ހުޅުމާލޭ ފޭސް 2 ހިއްކަން ފަސް ނެގީ ވެސް، ހުޅުމާލެއާ ދުރުން ވާދޫ ކަނޑުން ވެލިނަގައިގެން އެވެ. ޕްލޭނިން މިނިސްޓްރިއިން ލަފާކުރާ ގޮތުގައި ގުޅީފަޅު ހިއްކުމަށް ވެސް ވެލި ނަގަން ޖެހެނީ 50 މީޓަރު ފުނުން އެވެ. ހުޅުމާލެ 2 ވަނަ ފޭސް ހިއްކީ ވެސް މިހާ ފުނުން ވެލިނަގައިގެން އެވެ.

ބިމުގެ ބޮޑު މިނަށް ބަލާ އިރު، ގުޅީފަޅު ފުން ވުމުގެ ސަބަބުން ހަ މިލިއަން ކިއުބިކް މީޓަރުގެ ވެލި އަޅައިގެން ގުޅީފަޅުން ހިއްކާލެވޭނެ ކަމަށް ލަފާވަނީ، އެންމެ ގިނަ ވެގެން ވެސް 75 ހެކްޓަރުގެ ބިން ކަމަށެވެ. ސަބަބަކަށް ވަނީ، ގުޅީފަޅަށް ގާތްގަނޑަކަށް އަށް މީޓަރަށް ވެލި އަޅަން ޖެހުމެވެ. އެއީ ރާއްޖޭގެ ބޮޑު ރަށެއްގެ ސައިޒެވެ. އާންމުކޮށް ބިން ހިއްކުމުގެ މަޝްރޫއުތަކުގެ އަގު ކަނޑައަޅަނީ ތަނެއް ހިއްކަން، އަޅަން ޖެހޭ ވެލީގެ އަދަދަށް ބަލައިގެން އެވެ.

ހިއްކަން ޖެހޭ ތަނުގެ ފުން މިނާއި އޮޔެވަރު ފަދަ ކަންކަމާ ހުރެ މަސައްކަތުގެ އުނދަގޫކަން ބޮޑުވެ މަސައްކަތުގެ އަގު ބޮޑުވުން ގާތްކަމަށް ވެސް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ހުޅުމާލޭގެ ދެވަނަ ފޭސް ހިއްކި ސަރަހައްދަކީ ތިން މީޓަރު ފުންތަނެއް ކަމަށްވާ އިރު، އެތަން ހިއްކަން އަޅާފައި ހުންނާނީ، ގާތްގަނޑަކަށް 7.4 މިލިއަން ކުއިބިކް މީޓަރުގެ ވެލި ކަމަށް ލަފާކުރެވެ އެވެ. އެ މަޝްރޫއު ޑްރެޖިން އިންޓަނޭޝަނަލްއިން ވެސް ނިންމީ ހަތް މަސް ދުވަހުގެ ތެރޭގަ އެވެ. އެ މަޝްރޫއަށް އެ ކުންފުންޏަށް ދެއްކީ 50 މިލިއަން ޑޮލަރެވެ.

ވަރަށް އެއްގޮތް ސިފަތަކެއް ހުރި މި ދެ މަޝްރޫއު އަގުގެ ގޮތުން އަޅާކިޔާ ނަމަ، ގުޅީފަޅު ހިއްކުމުގެ މަޝްރޫއުގެ އަގު ތިން މިލިއަން ޑޮލަރު ބޮޑެވެ. އަދި ހުޅުމާލެ ހިއްކުމަށް ބޭނުން ކުރި ވެލި ގުޅީފަޅު ހިއްކުމަށް ބޭނުންވާނެ ވެލީގެ އަދަދަށް ވުރެ ގިނަ އެވެ. އެހެން ކަމަށްވާ ނަމަ، ހުޅުމާލެ ހިއްކުމަށް ވުރެ، ގުޅީފަޅު މަޝްރޫއު އަގުބޮޑު ވާނަމަ އޮތީ އެންމެ ސަބަބެކެވެ. އެއީ ހުޅުމާލެއަށް ވުރެ ގުޅީފަޅުގެ ފުންކަމެވެ. އެކަމަކު ގުޅީފަޅުން ހިއްކަނީ ހުޅުމާލޭގައި ހިއްކި ބިމަށް ވުރެ ސައިޒްގެ ގޮތުން ކުޑަބިމެކެވެ. އެހެންވެ، އަޅަން ޖެހޭ ވެލިވެސް މަދުވެ އެވެ. އެކަމަކު ގުޅީފަޅު މަޝްރޫއު ތިން މިލިއަން ޑޮލަރު އަގުބޮޑެވެ.

comment ކޮމެންޓް