މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާ ކުރިއަރާފައިވާކަމަށް އެމްއެމްއޭގެ ކުއާޓާލީ ބިޒްނަސް ސާވޭ ރިޕޯޓުގައި ބުނެފި އެވެ.
އެމްއެމްއޭ އިން އާންމު ކުރި ކުއާޓާލީ ބިޒްނަސް ސާވޭ ރިޕޯޓުގައި ބުނީ މި އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު ތިންވަނަ ކުއާޓަރުގައި ކޮންސްޓްރަކްޝަން ދާއިރާ ކުރިއަރާފައިވާ ކަމަށާއި އަންނަ ކުއާޓަރުގައި އެ ދާއިރާ އިތުރަށް ކުރިއަރާނެ ކަމަށް ލަފާކުރެވޭކަމަށެވެ.
ކޮންސްޓްރަކްޝަން ދާއިރާ ކުރިއެރުމުގައި އޮތް އެންމެ ބޮޑެތި ގޮންޖެހުންތަކަކީ ފައިސާ ހޯދުމަށް ހުރި ދަތިތައް ކަމަށާއި ހުނަރުވެރި މަސައްކަތްތެރިން ނުލިބުމާއި މަސައްކަތުގެ ސާމާނުގެ އަގު ބޮޑުވުމަކީވެސް ދައްޗެއް ކަމަށް ފާހަގަ ކޮށްފައިވެ އެވެ.
އިމާރާތްކުރުމުގެ ދާއިރާ ކުރިއަރާއިރު އެދާއިރާގެ މަސައްކަތްތައްވެސް މިހާރަށްވުރެ އިތުރުވާނެ ކަމަށް ވަނީ ބުނެފަ އެވެ. ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން ރާއްޖޭގެ އުފެއްދުންތެރިކަމުގެ ދާއިރާ ނުވަތަ މެނުފެކްޗަރިން ސެކްޓާ ވަނީ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ތިންވަނަ ކުއާޓަރުގައި ދަށަށް ގޮސްފަ އެވެ. ނަމަވެސް އަންނަ ކުއާޓަރުގައި އެ ސިނާއަތް ކުރިއަރާނެ ކަމަށް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ލަފާކޮށްފަ އެވެ.
މި ސިނާއަތަށް އޮތް އެންމެ ބޮޑެތި ގޮންޖެހުންތަކަކީ ޑިމާންޑު ނެތުމާއި މަސައްކަތުގެ އަގު ލިބުުން ލަސްވުމެވެ.
އެމްއެމްއޭގެ ކުއާޓާލީ ބިޒްނަސް ސާވޭ އަކީ ރައްޖޭގެ އިގްތިސާދުގެ މުހިއްމު ސިނާއަތްތަކުގެ މަސައްކަތް ހުރިގޮތް ބަލާ އިގްތިސާދީ ދުވެލި ހުންނާނެ މިންވަރު ދެނެގަންނަ ސާވޭއެކެވެ.
މި ސާވޭގައި ބައިވެރިވަނީ ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކެވެ.
ތިންވަނަ ކުއާޓަރުގެ ސާވޭ ކުރިއަށް ގެންގޮސްފައިވަނީ ސެޕްޓެމްބަރު 25 އިން މިމަހުގެ ހަވަނަ ދުުވަހުގެ ނިޔަލަށެވެ. މި ސާވޭގެ ސުވާލުތައް ރާއްޖޭގެ ބޮޑެތި 174 ވިޔަފާރިއަކަށް ފޮނުވި ނަމަވެސް ސާވޭގައި ބައިވެރިވެފައިވަނީ 99 ވިޔަފާރިއަކުން ކަމަށް އެމްއެމްއޭ އިން ބުންޏެވެ.