ކުޑަކުދިން ކުށުގެ ވެށިން ނެރެން ސިޔާސަތުތަކެއް އެބައޮތް: އިމްރާން

ޖުވެނައިލް ޖަސްޓިސް ޓްރެއިނިންގ ނިންމުމުގެ ރަސްމިއްޔާތުގައި އިމްރާން--- ފޮޓޯ: ހޯމް މިނިސްޓްރީ

ކުޑަކުދިން ކުށުގެ ވެށިން ނެރެ އެ މީހުންގެ ހާލަތު ބަދަލުކުރުމުގައި ސިޔާސަތުތަކަކާއި، އަމާޒުތަކެއް އެބައޮތްކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޖުވެނައިލް ޖަސްޓިސް ޔުނިޓުން ރޭ ބޭއްވި 27 ވަނަ ޖުވެނައިލް ޖަސްޓިސް ޓްރެއިނިން ޕްރޮގްރާޟް ނިންމުމުގެ ރަސްމިއްޔާތުގައި އިމްރާން ވިދާޅުވީ ކުޑަކުދިން ކުށުގެ ވެށީގައި އުޅޭވަރު ބިރުގަންނަ ހާލަތަކަށް ގޮސްފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެކަން ބަދަލުކުރުމުގައި ސަރުކާރުގައި އިސްނަގައި ހާލަތު ރަނގަޅުކުރުމަށް ސަރުކާރުގެ އަމާޒުތަކެއް އަދި ސަރުކާރުގެ ޕޮލިސީތަކެއް އެބަހުރިކަމަށް އިމްރާން ވިދާޅުވި އެވެ.

އެގޮތުން ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް އާއި ޖުވެނައިލް ޖަސްޓިސް ޔުނިޓާއި ކޯޓްތަކާ ސްކޫލްތަކާއި މުޅި އެޑިއުކޭޝަން ސިސްޓަމާ ހުރިހާ އެންމެން ގުޅިގެން އެކުގައި ކުރެވޭ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ޕޮލިސީތައް ތަންފީޒުކުރެވިގެންދާނެކަމަށް އިމްރާން ވިދާޅުވި އެވެ.

"ކޮންމެ ރަށެއްގެ، ކޮންމެ ފެންވަރެއްގެ ކޮންމެ ފަންތިއަކަށް ނިސްބަތްވާ ކުއްޖަކަށް ވިޔަސް އެއީ ހަމަ އަޅުގަނޑުމެންގެ ހިތުގެ ބައެއް. އެވިސްނުން އަޅުގަނޑުމެންގެ ތެރޭގައި އިސްކުރެވުނީމަ އަޅުގަނޑުމެން މުޖުތަމައުގައި ހަމަޖެހުމާ މަސްލަހަތު އޮންނާނެ. އުފާފާގަތިކަން އޮންނާނެ. ކުޑަކުދިން ކުށްތަކުން ސަލާމަތްކުރެވި އަޅުގަނޑުމެންގެ މުޖުތަމައުއަށް އުފާވެރިކަމާ ހިތްހަޖެހުން ގެނެސްދެވޭނެ" މިނިސްޓަރު ވިދާޅުވި އެވެ.

ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ހާލަތާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ މަސައްކަތްތައް ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކުރެވޭތޯ މަސައްކަތްކުރައްވަމުންގެންދަވާކަމަށެވެ.

އެގޮތުން ކުރެވުނު މަސައްކަތްތައް ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މުވައްޒަފުންގެ އަދަދު އެންމެ ބޮޑަށް އިތުރުކުރެވުނު އެއްތަނަކީ ޖުވެނައިލް ޖަސްޓިސް ޔުނިޓްތައް ކަމަށެވެ. އަދި މަސައްކަތްކުރުމުގެ ޖާގަ އިތުރުކޮށް، ދަތުރުތަކަށް ވެހިކަލް ހޯދުމުގެ މަސައްކަތް ކުރެވުނުކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ކުޑަކުދިންގެ އަދުލުގެ މުޅި ނިޒާމް ހަރުދަނާކުރުމަށްޓަކައި ކުޑަކުދިންގެ އަދުލުގެ ނިޒާމްގެ ބިލް، ގާނޫނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއްކޮށް އެ ބިލް މިހާރު މަޖިލީހަށް ފޮނުވާފައިވާކަމަށްވެސް އިމްރާން ވިދާޅުވި އެވެ.

comment ކޮމެންޓް