ޓެރަރިމްގެ ތުހުމަތުގައި ހައްޔަރު ކުރި އަމީންގެ ބަންދަށް 15 ދުވަސް

ހައްޔަރު ކުރި އަމީން: އޭނާގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފައި ---

ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހީން ފޮނުވައި، ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓުކުރާކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މުހައްމަދު އަމީންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމެނާފައިވާ އަމީން ޓެރަރިޒަމްގެ ތުހުމަތުތަކައެކު ހައްޔަރުކޮށްފައިނީ މިދިޔަ ބުދަ ދުވަހުގެ ރޭގައެވެ.

ފުލުހުން މިއަދު ބުނީ، މިދިޔަ ބުދަ ދުވަހު ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރު ކުރި 35 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދަށް 15 ދުވަސް ރޭ ކްރިމިނަލް ކޯޓުން ޖަހާފައިވާ ކަމަށެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެނާގެ މައްޗަށް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރުކަށި ފިކުރު ފެތުރުމުގެ ތުހުމަތުވެސް ކުރެވެއެވެ. ނަމަވެސް އޭނާގެ ވަނަރަވަރު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ

.ހައްޔަރު ކުރި މީހާގެ ވަނަވަރު މިހާތަނަށް ފުލުހުން ހާމަ ނުކުރި ނަމަވެސް "ސަން" އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ އަމީނެވެ.

އަމީންއަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލައިގައި ތުހުމަތު ކުރެވުނު އެކަކެވެ. މައްސަލައިގައި ހައްޔަރު ކުރަން އުޅުމުން އަމީން ވަނީ ފިލައިގެން ލަންކާއަށް އެތެރެވެފަ އެވެ. އަދި އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސްވެސް އޭރު ނެރުނެވެ.

ލަންކާއިން ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު 2012 ވަނަ އަހަރު އޭނާ ވަނީ ދޫކޮށްލައިފައެވެ.

އަމީން އާ ބެހޭގޮތުން އެމެރިކާއިން ބުނެފައި ވަނީ އަފްޣާނިސްތާން އަދި ޕާކިސްތާނުގައި އައިއެސް އިން ހިންގަމުން އަންނަ ގޮތްޕަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ މީހެއް ކަމަށެވެ. އެގޮތުން ފައިސާގެ އެހިތެރިކަމާއި، މުދަލާއި، ޓެކްނޮލޮޖީގެ ދާއިރާއިން ވެސް އަމީން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އަމީން މި އަހަރުގެ އޭޕްރީލް މަހުގެވެސް އައިއެސްއަށް މީހުން ރެކްރޫޓުކުރުމުގައި ވަރަށް އިސްކޮށް މަސައްކަތް ކޮށްފައިވާ ކަމަށާއި، ކޮންމެ ހަފްތާއަކުވެސް ދީނީ ކްލާސްތަކެއްގެ ނަމުގައި މާލޭގައި 10 ވަރަކަށް ރެކްރޫޓްމަންޓް ސެޝަންތައް ކުރިއަށް ގެންގޮސްފައިވާކަން އޯއެފްއޭސީން ބުނެއެވެ.

އެންމެ ފަހުން ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުތަކުގައި ވާގޮތުން ޓެރަރިސްޓް ޖަމައާތަތްތަަކަށް ތާއީދުކޮށް، އެފަދަ ޖަމާއަތްތަށް ޕްރޮޕޯޓު ކުރުމަކީ ގާނޫނީ ކުށެކެވެ.

މިހާތަަނަށް ފުލުހުން އާންމު ކުރި މައުލޫމަތުތަކުން އެނގޭ ގޮތުގައި މިއީ އަލަށް ތަސްދީގު ކުރެވުނު ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ އިސްލާހުތަކާއެކު ހައްޔަރު ކުރެއްވުނު ފުރަތަމަ މީހާއެވެ.

އަލަށް ގެނައި އިސްލާހުތަކާއެކު ޓެރަރިޒަމްގެ ގާނޫނުގައިވާގޮތުން ހަނގުރާމައަށް މީހަކު ފޮނުވުމާއި ހަނގުރާމައަށް މީހުން ފޮނުވަން މަސައްކަތް ކުރުން ނުވަތަ އެކަމަށް ހިތްވަރު ދިނުމަކީ ކުށެކެވެ. އެ ކުށް ސާބިތުވެެގެން ލިބޭ އަދަބެއްގެ ގޮތުގައި ހިމަނާފައިވަނީ، 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އެއީ އެގާނޫނުގައި އެންމެ ބޮޑު އަދަބެއް ކަނޑައަޅާފައިވާ ކުށެވެ.

https://sun.mv/126312

comment ކޮމެންޓް