ހަނގުރާމައަށް މީހުން ފޮނުވާތީ ހަޔްޔަރުކުރީ ޓެރަރިސްޓުންގެ ލިސްޓުގައި ހިމެނި އަމީން

ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހީން ފޮނުވައި، ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓުކުރާކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކޮށްފައި ވަނީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ހިމެނި މުހައްމަދު އަމީންކަން ޔަގީންވެއްޖެއެވެ.

އަމީންއަކީ ޓެރަރިސްޓުންގެ ލިސްޓެއްގައި ހިމެނި ފުރަތަމަ ދިވެއްސެވެ. އޭނާއާއެކު 15 މީހެއްގެ މައުލޫމާތު ހާމަކޮށް އެމެރިކާއިން ވަނީ އެމީހުންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ.

ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހީން ފޮނުވައި، އަދި ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކޮށްފައި ވަނީ 35 އަހަރުގެ މީހެކެވެ. އަދި ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރުކަށި ފިކުރު ފެތުރުމުގެ ތުހުމަތުވެސް މީނާއަށް ކުރެވޭކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާއާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އަމީން އާ ބެހޭގޮތުން އެމެރިކާއިން ބުނެފައި ވަނީ އަފްޣާނިސްތާން އަދި ޕާކިސްތާނުގައި އައިއެސް އިން ހިންގަމުން އަންނަ ގޮތްޕަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ މީހެއް ކަމަށެވެ.

އެގޮތުން ފައިސާގެ އެހިތެރިކަމާއި، މުދަލާއި، ޓެކްނޮލޮޖީގެ ދާއިރާއިން ވެސް އަމީން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އަމީން މި އަހަރުގެ އޭޕްރީލް މަހުގެވެސް އައިއެސްއަށް މީހުން ރެކްރޫޓުކުރުމުގައި ވަރަށް އިސްކޮށް މަސައްކަތް ކޮށްފައިވާ ކަމަށާއި، ކޮންމެ ހަފްތާއަކުވެސް ދީނީ ކްލާސްތަކެއްގެ ނަމުގައި މާލޭގައި 10 ވަރަކަށް ރެކްރޫޓްމަންޓް ސެޝަންތައް ކުރިއަށް ގެންގޮސްފައިވާކަން އޯއެފްއޭސީން ބުނެއެވެ.

މި ސެޝަންތައް ކުރިއަށް ގެންދަނީ މާލޭގެ އެކި ތަންތަނުގެ އިތުރުން އަމީންގެ ގޭގައެވެ. އަމީންއާއި އޭނާއަށް މަދަދުވެރިވާ ގްރޫޕުން އައިއެސްއަށް ރެކްރޫޓު ކުރަނީ ގޭންގުތަކުގެ މީހުން ކަމަށް އެމެރިކާއިން ތުހުމަތު ކުރެއެވެ.

އަމީންއަކީ ރާއްޖޭގައި އައިއެސްއަށް މީހުން ރެކްރޫޓުކުރުމުގައި އެންމެ އިސްކޮށް އުޅޭ އެކަކެވެ. އަމީން ކުރިން މަސައްކަތް ކުރީ ސީރިއާއަށް ހަނގުރާމަވެރިން ފޮނުވާށެވެ. ނަމަވެސް މިހާރު މަސައްކަތް ކުރަމުން ދަނީ އަފްޣާނިސްތާނަށް ހަނގުރާމައަށް ފޮނުވާނެ މީހުން ހޯދާށެވެ.

އަމީންއަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލައިގައި ތުހުމަތު ކުރެވުނު އެކަކެވެ. މައްސަލައިގައި ހައްޔަރު ކުރަން އުޅުމުން އަމީން ވަނީ ފިލައިގެން ލަންކާއަށް އެތެރެވެފަ އެވެ. އަދި އޭނާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސްވެސް އޭރު ނެރުނެވެ.

ލަންކާއިން ހައްޔަރުކޮށް މާލެ ގެނެސް ދެ މަސް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު 2012 ވަނަ އަހަރު އޭނާ ވަނީ ދޫކޮށްލައިފައެވެ.

މަރުތައް ބަލާ ކޮމިޝަނުން ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މަރުގެ މައްސަލައިގައި އެކުލަވާލި ޑްރާފްޓް ރިޕޯޓުގައިވެސް ރާއްޖޭގެ އައިއެސް ގޮފީގެ ލީޑަރަކީ، އޭނާ ކަމަށް ބުނެފައިވެއެވެ.

އަމީންއަކީ އަލަށް ތަސްދީގު ކުރެވުނު ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ އިސްލާހުތަކާއެކު ހައްޔަރުކުރެއްވުނު ފުރަތަމަ މީހާއެވެ.

comment ކޮމެންޓް