ޖަޕާނުގައި ރާއްޖެ އިޝްތިހާރުކުރުން ފުޅާކޮށްފި

" ޓޫރިޒަމް އެކްސްޕޯ ޖަޕާން" ގައި ރާއްޖޭގެ ސްޓޭންޑް--- ފޮޓޯ: އެމްއެމްޕީއާރުސީ

ޖަޕާނުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ނިންމައިފި އެވެ.

އެގޮތުން ޖަޕާންގައި މިހާރު ކުރިއަށްދާ "ޓޫރިޒަމް އެކްސްޕޯ ޖަޕާން" ގައި ބައިވެރިވެ އެ ގައުމުގަައި ރޯޑްޝޯއެއް ބޭއްވުމަށްވެސް މިހާރު ނިންމައިފައިވާ ކަަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ "ޓޫރިޒަމް އެކްސްޕޯ ޖަޕާން" އަކީ އެ ގައުމުގައި ބާއްވާ އެންމެ ބޮޑު ޓްރެވެލް ފެއާ އެވެ. އެ ފެއާގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ހަތަރު ކުންފުންޏަކުން ވެސް ވަނީ ބައިވެރިވެފަ އެވެ.

އެކްސްޕޯގައި ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެކިއެކި ޕްރޮމޯޝަނަލް ހަރަކާތްތައް ބޭއްވުމުގެ އިތުރުން ރާއްޖޭގެ ކާތަކެތީގެ ރަހަތައްވެސް ދައްކާލުމަށް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން ބާއްވާ "ޖާނީ ޓު ދަ ސަނީ ސައިޑް"، ރޯޑްޝޯ އަންނަ ހޯމަ ދުވަހު ފަށާނެ އެވެ. މިމަހުގެ ނިޔަލަށް ކުރިއަށްދާ އެ ރޯޑް ޝޯ ޖަޕާނުގެ ނަގޯޔާ އާއި ޓޯކިޔޯ އާއި ފުކުއޯކާ އާއި އޮސާކާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައިވެ އެވެ

އެމްއެމްޕީއާރްސީން ބުނި ގޮތުގައި މިއީ ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން ރާއްޖެއިން ބޭރުގައި ބާއްވާ 10 ވަނަ ރޯޑް ޝޯ އެވެ.

ޖަޕާނަކީ ރާއްޖެއަށް ނުވަ ވަނައަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ. މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ޖަޕާނުގެ 30،000 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. މިދިޔަ އަހަރު ޖަޕާނުން ރާއްޖެ އައިސްފައިވަނީ 42،000 ޓޫރިސްޓުންނެވެ.

comment ކޮމެންޓް