ތެޔޮ އަޅަން ނުޖެހޭ ޓޯކީޑޯ އިންޖީނު ރާއްޖެއަށް ތައާރަފްކޮށްފި

ޑީޓެކްއިން ތައާރަފުކުރި ތިމާވެއްޓާ ރައްޓެހި، ޓޯކީޑޯ އިލެކްޓްރިކް އައުޓްބޯޑް އިންޖީން--

ތިމާވެއްޓާ ރައްޓެހި، ކަރަންޓުން ޗާޖުކޮށްލެވޭ އައުޓްބޯޑު އިންޖީނެއް ޑީޓެކްއިން ތައާރަފްކޮށްފި އެވެ

ޓޯކީޑޯ ބްރޭންޑުގެ އެ އިންޖީން ޑީޓެކުން ތައާރަފްކުރީ މިހާރު ކުރިއަށްދާ މެރިން އެކްސްޕޯގެ ތެރެއިންނެވެ.

ޓޯކީޑޯ އިލެކްޓްރިކް އިންޖީނުގެ ބައެއް މުހިންމު ސިފަތައް

  • ކަރަންޓުން ޗާޖުކޮށްލެވޭ
  • ސޯލާ ޕެނަލްތަކަށް ގުޅާލެވޭ
  • 2-4 ގަޑިއިރުގެ ތެރޭގައި ޗާޖުކޮށްލެވޭ
  • ތިމާވެއްޓާ ރައްޓެހި

އެ އިންޖީނާ ބެހޭގޮތުން ޓޯކީޑޯ އޭޝިއާ ޕެސިފިކްގެ ސޭލްސް މެނޭޖަރު ކޯ މެކްޑޮނަލްޑް "ސަން" އަށް ވިދާޅުވީ، ކަރަންޓުން ޗާޖްކޮށްގެން އިންޖީނު އޮޕަރޭޓް ކުރެވުމުގެ އިތުރަށް، އުޅަނދުގައި ސޯލާ ޕެނަލް ހަރު ކުރުމަށްފަހު އެ ޕެނަލްތައް މެދުވެރިކޮށް ވެސް އިންޖީނު ޗާޖުކޮށްލެވޭނެ ކަމަށެވެ.

ޖޯ ވިދާޅުވީ އެއް ޗާޖަރަށް ވުރެ ގިނަ ޗާޖަރު ބޭނުން ކުރުމުން ޗާޖު ކުރަން ނަގާ ވަގުތު ކުޑަކުރެވޭނެ ކަމަށެވެ. އެގޮތުން ފަސް ހޯސްޕަވަރުގެ އިންޖީނެއް އެއް ޗާޖަރު މެދުވެރިކޮށް ދެ ގަޑިއިރުގެ ތެރޭގައި ފުލް ޗާޖުކޮށްލެވޭނެ ކަމަށާއި އިތުރު ޗާޖަރަކާއެކު އެއް ގަޑިއިރުގެ ތެރޭގައި ޗާޖުކޮށްލެވޭނެ ކަމަށެވެ.

މީގެ އިތުރުން ޖޯ ވިދާޅުވީ މިއީ ތިމާވެއްޓާ ވަރަށް ރައްޓެހި އިންޖީނެއް ކަމަށެވެ. އެގޮތުން 80 ހޯސްޕަވަރުގެ އިންޖީނެއްގެ ބަދަލުގައި ޓޯކީޑޯ އިންޖީނެއް ބޭނުން ކުރުމުން 350 ކާރުން ދޫކުރާ ވިހަ ގޭސް ނައްތާލުމާ އެއްވަރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑީޓެކްއިން ރާއްޖެއަށް ތައާރަފް ކޮށްފައިވަނީ ޓޯކީޑޯގެ އެއް ހޯސްޕަވަރުން ފެށިގެން 320 ހޯސްޕަވަރާ ދެމެދުގެ އިންޖީނުތަކުގެ ބަދަލުގައި ބޭނުންކުރެވޭ އިންޖީނުތަކެކެވެ. މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 90،000 ކަނޑު އުޅަނދުފަހަރުގައި ޓޯކީޑޯ އިންޖީނު ދަނީ ބޭނުން ކުރަމުންނެވެ.

comment ކޮމެންޓް