އޯޕަން ބިޑަކަށް ނުގޮސްވެސް ސަރުކާރުގެ މުހިއްމު ޕްރޮޖެކްޓުތައް ހިންގެން ވާނެ: އަމީރު

ވިލިމާލެއިން ގުޅިފަޅު ފެންނަ މަންޒަރެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުން ކުރިއަށްގެންދަން ބޭނުންވާ މުހިއްމު ޕްރޮޖެކްޓުތައް އޯޕަން ބިޑަކަށް ނުގޮސް ވެސް ކުރިއަށްގެންދިޔުމުގެ އިހުތިޔާރު ސަރުކާރަށް އޮންނަންވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ގުޅީފަޅު ބިން ހިއްކުމުގެ މަސައްކަތް ބިޑަކާނުލާ ބޮސްކާލިސް ވެސްޓްމިންސްޓާ ކޮންޓްރެކްޓިން ލިމިޓެޑާ ހަވާލުކުރި މައްސަލައާ ގުޅިގެން މިއަދު ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބިޑަކަށް ނުގޮސް މަޝްރޫއުތައް ހަވާލުކުރުމަކީ ކޮރަޕްޝަނަށް މަގުފަހިވެދާނެ ކަމަކަށްވާތީ، އެ އުސޫލު ބަދަލު ކުރުމަކީ މުހިއްމުކަމެއް ނޫންތޯ "ސަން" އިން ސުވާލު ކުރުމުން މިނިސްޓަރު ވިދާޅުވީ ސަރުކާރުން ބޭނުންވާ ޕްރޮޖެކްޓުތައް އަވަހަށް ކުރިއަށް ގެންދިޔުމަށް އޯޕަން ބިޑަކަށް ނުގޮސް ކުރިއަށް ގެންދެވޭނެ އުސޫލެއް އޮތުން މުހިއްމު ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ސަރުކާރަކަށް އޮންނަން ޖެހޭނެ ސަރުކާރުގެ ޕްރަޔޮރިޓީ ބޮޑެތި ޕްރޮޖެކްޓުތަކުގެ ޑިސްކްރެޝަން އޮންނަން ޖެހޭނެ. އެ ޑިސްކްރެޝަން އެއްކޮށް ބަންދު ކުރުމަކީ އެއީ ރަނގަޅު ގޮތެއްކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މީގެ ކުރިން އިދިކޮޅުގައި ތިބި އިރު އެ އުސޫލު ގޯސްވެގެން ވާހަކަ ދެއްކީ، އެފަދަ ޕްރޮޖެކްޓްތައް ދޭއިރު ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް އޭރު ސަރުކާރުން ފުރިހަމަ ނުކޮށް އުސޫލުތަކުގެ ބޭރުން ކަންކަން ކުރުމުން ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުން އޯޕަން ބިޑަކަށް ނުގޮސް މަޝްރޫއުތައް ދެނީ، މާލިއްޔަތު ގަވާއިދުގައި ބުނާ ހުރިހާ މަރުހަލާތަކެއް ފުރިހަމަ ކުރުމަށް ފަހު ކަމަށެވެ. އެގޮތުން އެފަދަ ފަރާތަކުން ހުށަހަޅާފައިވާ އަގަކީ މާކެޓްގެ އަގުތަކާ އެއްވަރުގެ އަދަދެއްތޯ އާއި އެކަމުން ދައުލަތަށް ކުރަނީ ފައިދާތޯ ވެސް ބަލައި އެކަން ކަށަވަރު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން މިނިސްޓަރު ވަނީ ބޮސްކާލިސް އަށް ޕްރޮޖެކްޓު އެވޯޑުކުރުމުގއި ކޮރަޕްޝަން ނުހިމެނޭނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

މާލިއްޔަތު ގަވައިދުގެ 10.27 (ށ) ގައި ބުނާގޮތުން ބޭރުގެ ގައުމެއްގެ އެހީގައި ހިންގާ ނުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫއުތަކާއި ސަރުކާރުން ހިންގަން ކަނޑައަޅާ މަޝްރޫއެއް ހިންގުމުގައި ބިޑްކުރުމަކާ ނުލައި ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކާ ހަވާލުކޮށްގެން އެ މަޝްރޫއެއް ހިންގިދާނެކަމަށެވެ. މިގޮތުން މަޝްރޫއު ހަވާލުކުރެވޭއިރު އެ ފަރާތަކީ މާލީގޮތުންނާއި ފަންނީގޮތުން އެ މަޝްރޫޢެއް ހިންގުމަށް އެކަށީގެންވާ ފަރާތެއްކަން ކަށަވަރު ކުރަންވާނެ ކަމަށް ބުނެފައިވެއެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ ގުޅީފަޅު ހިއްކުމުގެ މަސައްކަތަށް ނެދަލޭންޑްސްގެ އައިއެންޖީ ބެންކުން ލޯނު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްކަތް އެ ގައުމުގެ ކުންފުންޏަކާ ހަވާލުކުރުމަކީ ލޯނު ދިނުމުގެ ޝަރުތެއް ކަމަށެވެ.

"ޕްރޮޖެކްޓު ހިންގަން އަޅުގަނޑުމެން ބޭނުންވަނީ އައިއެންޖީ ބޭންކުގެ ފައިނޭންސުން. އެހެންވީމާ އަޅުގަނޑުމެން ބޭނުންވީ ބޮސްކާލިސް އާ އެ މަސައްކަތް ހަވާލުކުރަން. އެ މަސައްކަތް ހަވާލުކުރީ ރަނގަޅަށް އިވެލުއޭޓުކޮށްގެން،" މިނިސްޓަރު ވިދާޅުވި އެވެ. "އަޅުގަނޑު ޔަގީންކަން ދޭން ބޭނުންވޭ މި ޕްރޮޖެކްޓު ހަވާލުކޮށްފައިވަނީ ކޮރަޕްޝަންއަށް މަގުފަހިނުވާނެހެންކަން،"

ބިން ހިއްކުމުގެ މަސައްކަތް ތިން މަސް ތެރޭ ނިންމާލެވޭނެކަމަށް ބޮސްކާލިސް އިން ބުނެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ދެން އޮތް މުއްދަތަކީ ރިވެޓްމެންޓްގެ މަސައްކަތް ކުރުމަށް ހޭދަވާނެ މުއްދަތު ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މާލޭގެ ތޮއްޖެހުން ކުޑަކޮށް ކޮމާޝަލް ޕޯޓުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ސަރުކާރުން ނިންމާފައިވަނީ ކޮމާޝަލް ޕޯޓު ގުޅީފަޅަށް ބަދަލު ކުރުމަށެވެ. ޕޯޓު ބަދަލުކުރުމަށް ކުރަންޖެހޭ ފަންނީ ދިރާސާތައް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑެންމާކާއި ހޮލެންޑުގެ ދެ ކޮންސަލްޓަންސީ ކުންފުންޏެއްގެ މައްޗަށް އެކުލެވޭ ޖޮއިންޓް ވެންޗާއަކަށެވެ. އެއީ ޑެންމާކްގެ ކުންފުނި ނީރާސްއާއި ހޮލެންޑުގެ މެރިޓައިމް އެންޑް ޓްރާންސްޕޯޓު ބިޒްނަސް ކުންފުންޏަށެވެ. މި މަސައްކަތުގެ ސަބް ކޮންސަލްޓެންޓުންނަކީ ވޯޓާ ސޮލިއުޝަންސް އަދި ކްލެރިއަން މޯލްޑިވްސް އަދި ބީޗް ރޮކް ވެންޗާސް އެވެ.

ގުޅީފަޅުގައި ޕޯޓު އެޅުމުގެ ކޮންސަލްޓެންސީ މަސައްކަތް އެވޯޑުކޮށްފައިވަނީ މިދިޔަ އޮގަސްޓުމަހުގެ 28 ވަނަ ދުވަހު އެވެ. މަސައްކަތުގެ ޖުމްލަ އަގަކީ 1.05 މިލިއަން ޑޮލަރެވެ. އެ ކުންފުނިން މިހާރު ވަނީ ދިރާސާގެ މަސައްކަތް ފަށައިފަ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު މުހައްމަދު އިޔާދު މިއަދު ވިދާޅުވީ އެ ބަނދަރުގެ މަސައްކަތަށް ބޭނުންވާ އިންޖިނިއަރިން ކުރެހުންތަކުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީމަހުގެ ތެރޭ ނިންމާ، ބަނދަރުގެ މަސައްކަތް މެއި މަހުގެ ތެރޭ ބަޔަކާ ހަވާލު ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ ފެބްރުއަރީ މަހުގެ ތެރޭގައި ބަނދަރުގެ އިންޖިނިއަރިން ކުރެހުންތައް ނިންމާލުން އަދި މެއިމަހުގެ ތެރޭގައި ބަނދަރުގެ ކޮންސްޓްރަކްޝަން އެވޯޑު ކުރުން،" އިޔާދު ވިދާޅުވި އެވެ.

ގުޅީފަޅުން ހަ މިލިއަން ކިއުބިކް މީޓަރުގެ ބިން 53 މިލިއަން ޑޮލަރަށް ހިއްކުމަށް ބޮސްކާލިސް ވެސްޓްމިންސްޓާ ކޮންޓްރެކްޓިން ލިމިޓެޑާ ހަވާލުކުރި އިރު އެކުންފުންޏަކީ މީގެ ކުރިންވެސް ރާއްޖޭގައި ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވާ ކުންފުންޏެކެވެ. ޕްލޭނިން މިނިސްޓްރީން ބުނީ، ހަ މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކަނީ، މާލޭޭ ވިޔަފާރީ ބަނދަރު ގުޅީފަޅަށް ބަދަލުކުރާއިރު އެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކަމަށެވެ.

https://sun.mv/126290

comment ކޮމެންޓް