އަންނަ މަސް ނިމުމުގެ ކުރިން ގުޅީފަޅު ހިއްކަން ފަށާނެ

ގުޅީފަޅު ހިއްކުމާ ގުޅޭގޮތުން ސަރުކާރުން ބޭއްވި ޕްރެސް -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

މާލޭ ކޮމާޝަލް ޕޯޓް ބަދަލުކުރުމަށް ގުޅީފަޅުން ބިން ހިއްކުމުގެ މަސައްކަތް އަންނަ މަހު ފަށާނެކަމަށް ސަރުކާރުން ބުނެފި އެވެ.

ގުޅީފަޅު ބިން ހިއްކުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ ބޮސްކާލިސް ވެސްޓްމިންސްޓާ ކޮންޓްރެކްޓިން ލިމިޓެޑާ އެވެ. ޖުމްލަ 53 މިލިއަން ޑޮލަރަށް އަށް އެ މަސައްކަތް އެކުންފުންޏާ ހަވާލުކުރީ ބިޑަކާ ނުލައެވެ.

ބިޑަކާނުލާ ގުޅީފަޅު ހިއްކުމުގެ މަސައްކަތް ކުންފުންޏަކާ ހަވާލުކުރި މައްސަލަ ބޮޑުވެފައިވަނިކޮށް ޕްލޭނިން މިނިސްޓްރީ އާއި ފިނޭންސް އަދި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ގުޅީފަޅު ހިއްކުމުގެ މަސައްކަތް ބޮސްކާލިސް އާއި ހަވާލުކުރީ އަންސޮލިސިޓެޑް ޕްރޮޕޯޒަލްގެ އުސޫލުން ކަމަށެވެ.

"ދުނިޔޭގެ ހުރިހާ ގައުމުތަކެއްގައިވެސް އަންސޮލިސިޓެޑް ޕްރޮޕޯޒަލްސް (ޔޫއެސްޕީ) ގެ ޒަރިއްޔާއިން ހުށަހެޅި ސަރުކާރުން އެ މަސައްކަތްތައް ކުރިއަށްގެންދޭ،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ ޕްރޮޖެކްޓުތަކަށް ބޭރުގެ ކޮންޓްރެކްޓަރުން ނުވަތަ އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކޮށްފިނަމަ، އެފަރާތްތަކަށް ވެސް ޖާގަ ދޭގޮތަށް ޔޫއެސްޕީގެ ދޮރު ހުޅުވާލާފައިވާކަމަށެވެ.

ބިޑުކުރުމުގެ ދައުވަތަކާނުލާ އަންސޮލިސިޓެޑް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލެއް މި ސަރުކާރުން އާންމުކޮށްފައިވާ ކަމަށާއި އެ އުސޫލުގެ ދަށުން މިހާތަނަށް ޕްރޮޕޯޒަލް ހުށަހެޅީ ބޮސްކާލިސް އިން އެކަނި ކަމަށް އަމީރު ވިދާޅުވި އެވެ.

"ޔޫއެސްޕީ ހިނގާގޮތަކީ ޕްރޮޖެކްޓު ހުށަހެޅީމައި، އަޅުގަނޑުމެން ބަލާފައި، ޕްރޮޖެކްޓަކީ ޑިވެލޮޕްމެންޓް އެޖެންޑާ އަށް ބޭނުންވާ ޕްރޮޖެކްޓެއްކަމަށް ފެންނަ ނަމަ ދެގޮތަކަށް ކުރިއަށް އެބަގެންދަން. އެއްގޮތަކީ އެ ޕްރޮޖެކްޓް އަލުން އޯޕަން ބިޑަކަށް ހުޅުވާލުން. ނޫނީ އެ ޕްރޮޖެކްޓަކީ ކޮމްޕެޓިޓިވް ބިޑިންއަކަށް ނުގޮސްް އިކޮނޮމިކް ކައުންސިލުގެ ތެރެއިން އަންސޮލިސިޓެޑް ޕްރޮޕޯޒަލް ބޭނުންކޮށްގެން ކުރިއަށް ގެންދެވޭނެ ޕްރޮޖެކްޓެއްނަމަ އެގޮތަށްވެސް ގެންދަން. އަޅުގަނޑުމެން އަންސޮލިސިޓެޑް ޕްރޮޕޯޒަލްގެ ގޮތުގައި އިވެލުއޭޓް ކޮށްގެން އިކޮނޮމިކް ކައުންސިލުން ނިންމާފައިވަނީ އެއް ޕްރޮޖެކްޓު. އެއީ ގުޅީފަޅު ޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމަށް ބޮސްކާލިސް އާ ހަވާލުކުރީ،" މިނިސްޓަރު ވިދާޅުވި އެވެ.

އެ މަސައްކަތް ބޮސްކާލިސްއާ ހަވާލުކުރުމުގެ ކުރިން އެހެން ކުންފުނިތަކުން އެ މަސައްކަތް ކޮށްދޭނެ އަގުތައްވެސް ބެލިކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެއީ ސަރުކާރުގެ ޕްރިޔޮރިޓީ ޕްރޮޖެކްޓަކަށް ވާތީ އަޅުގަނޑުމެން އެބަ ބޭނުންވޭ އެމަސައްކަތް އަވަސް ކުރަން. އިންޑިއަން އެގްޒިމް ބޭންކުގެ ކްރެޑިޓް ލައިންގެ ތެރެއިން އަޅުގަނޑުމެން އެބަ ބޭނުންވޭ އެ މަސައްކަތް ޖޫންމަހުގެ ކުރިން ޕޯޓު ޕްރޮޖެކްޓުގެ މަސައްކަތް ފަށަން،" އަމީރު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ޝިފާޒް އަލީ ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް އަވަހަށް ކުރިއަށްގެންދިޔުމަށް ސަރުކާރުން ބޭނުންވާ ކަމަށެވެ.

"ނޮވެމްބަރު މަސް ނިމުމުގެ ކުރިން ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ޕްލޭނިން މިނިސްޓްރީ އިން ބުނޭ،" އިޔާދު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ ގުޅީފަޅު ހިއްކުމުގެ މަސައްކަތަށް ނެދަލޭންޑްސްގެ އައިއެންޖީ ބެންކުން ލޯނު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްކަތް އެ ގައުމުގެ ކުންފުންޏަކާ ހަވާލުކުރުމަކީ ލޯނު ދިނުމުގެ ޝަރުތެއް ކަމަށެވެ.

"ޕްރޮޖެކްޓު ހިންގަން އަޅުގަނޑުމެން ބޭނުންވަނީ އައިއެންޖީ ބޭންކުގެ ފައިނޭންސުން. އެހެންވީމާ އަޅުގަނޑުމެން ބޭނުންވީ ބޮސްކާލިސް އާ އެ މަސައްކަތް ހަވާލުކުރަން. އެ މަސައްކަތް ހަވާލުކުރީ ރަނގަޅަށް އިވެލުއޭޓުކޮށްގެން،" މިނިސްޓަރު ވިދާޅުވި އެވެ. "އަޅުގަނޑު ޔަގީންކަން ދޭން ބޭނުންވޭ މި ޕްރޮޖެކްޓު ހަވާލުކޮށްފައިވަނީ ކޮރަޕްޝަންއަށް މަގުފަހިނުވާނެހެންކަން،"

ބިން ހިއްކުމުގެ މަސައްކަތް ތިން މަސް ތެރޭ ނިންމާލެވޭނެކަމަށް ބޮސްކާލިސް އިން ބުނެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ދެން އޮތް މުއްދަތަކީ ރިވެޓްމެންޓްގެ މަސައްކަތް ކުރުމަށް ހޭދަވާނެ މުއްދަތު ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

https://sun.mv/126172

މާލޭގެ ތޮއްޖެހުން ކުޑަކޮށް ކޮމާޝަލް ޕޯޓުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ސަރުކާރުން ނިންމާފައިވަނީ ކޮމާޝަލް ޕޯޓު ގުޅީފަޅަށް ބަދަލު ކުރުމަށެވެ. ޕޯޓު ބަދަލުކުރުމަށް ކުރަންޖެހޭ ފަންނީ ދިރާސާތައް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޑެންމާކާއި ހޮލެންޑުގެ ދެ ކޮންސަލްޓަންސީ ކުންފުންޏެއްގެ މައްޗަށް އެކުލެވޭ ޖޮއިންޓް ވެންޗާއަކަށެވެ. އެއީ ޑެންމާކްގެ ކުންފުނި ނީރާސްއާއި ހޮލެންޑުގެ މެރިޓައިމް އެންޑް ޓްރާންސްޕޯޓު ބިޒްނަސް ކުންފުންޏަށެވެ. މި މަސައްކަތުގެ ސަބް ކޮންސަލްޓެންޓުންނަކީ ވޯޓާ ސޮލިއުޝަންސް އަދި ކްލެރިއަން މޯލްޑިވްސް އަދި ބީޗް ރޮކް ވެންޗާސް އެވެ.

ގުޅީފަޅުގައި ޕޯޓު އެޅުމުގެ ކޮންސަލްޓެންސީ މަސައްކަތް އެވޯޑުކޮށްފައިވަނީ މިދިޔަ އޮގަސްޓުމަހުގެ 28 ވަނަ ދުވަހު އެވެ. މަސައްކަތުގެ ޖުމްލަ އަގަކީ 1.05 މިލިއަން ޑޮލަރެވެ. އެ ކުންފުނިން މިހާރު ވަނީ ދިރާސާގެ މަސައްކަތް ފަށައިފަ އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު މުހައްމަދު އިޔާދު މިއަދު ވިދާޅުވީ އެ ބަދަނރުގެ މަސައްކަތަށް ބޭނުންވާ އިންޖިނިއަރިން ކުރެހުންތަކުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީމަހުގެ ތެރޭ ނިންމާ، ބަނދަރުގެ މަސައްކަތް މެއި މަހުގެ ތެރޭ ބަޔަކާ ހަވާލު ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ ފެބްރުއަރީ މަހުގެ ތެރޭގައި ބަނދަރުގެ އިންޖިނިއަރިން ކުރެހުންތައް ނިންމާލުން އަދި މެއިމަހުގެ ތެރޭގައި ބަނދަރުގެ ކޮންސްޓްރަކްޝަން އެވޯޑު ކުރުން،" އިޔާދު ވިދާޅުވި އެވެ.

comment ކޮމެންޓް