ޓްރާންސްޕޯޓުގެ ފަރުވާކުޑަ މުވައްޒަފުންނަށް ފިޔަވަޅު އަޅަން ފަށައިފި

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 33 ވަނަ ޖަލްސާގައި މިނިސްޓަރު ނަހުލާ -- ފޮޓޯ، މަޖިލިސް

ޓްރާންސްޕޯޓު މިނިސްޓްރީގައި ގިނައީ، ވަރަށް ދަށް ފެންވަރުގައި މަސައްކަތް ކުރާ މުވައްޒިފުން ކަމަށާއި އެފަދަ މުވައްޒިފުންނާ މެދު ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެފައިވަނިކޮށް އެފަދަ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅަން ފަށައިފި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ މުވައްޒަފުންގެ ތެރެއިން މަސައްކަތަށް ފަރުވާކުޑަ މުވައްޒަފުންނަށް ވަޒިފާއިން ވަކިކުރުމުގެ ނޯޓިސް ދޭން ފަށާފައިވާއިރު މިހާތަނަށް ކިތައް މުވައްޒަފުންނަށް ނޯޓިސް ފޮނުވާފައިވާކަމެއް ސާފެއް ނުވެ އެވެ.

ޓްރާންސްޕޯޓުން މީގެ ކުރިން ބުނެފައިވަނީ ހާޒިރީއިން ފަރުވާކުޑަކަމަށް ފާހަގަކުރެވޭ މުވައްްޒަފުންނާ މެދު ސިވިލް ސާވިސްގެ ގާނޫނާއި ގަވާއިދުގެ ތެރެއިން "އަމަލު" ކުރާނެ ކަމަށެވެ.

ޓްރާންސްޕޯޓު މިނިސްޓްރީ އިން މުވައްޒަފުން ވަކިކުރަން އުޅޭކަމަށްބުނެ އެ މިނިސްޓްރީގެ ބައެއް މުވައްޒަފުން ވަނީ ރައީސް އޮފީހަށް ޕެޓިޝަނެއްވެސް ހުށަހަޅައިފަ އެވެ.

މަސައްކަތަށް ފަރުވާކުޑަ މުވައްޒަފުންނާމެދު ފިޔަވަޅު އަޅުއްވާނެ ކަމަށާއި އެކަމަށް ފަސް ޖެހިވަޑައިނުގަންނަވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާވެސް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

comment ކޮމެންޓް