ވާވޭގެ ފަތްޖަހާލެވޭ ފޯނު 2،400 ޑޮލަރަށް

ވާވޭގެ ފަތް ޖަހާލެވޭ ފޯނު، "މޭޓް އެކްސް" --- ފޮޓޯ : މެޝެބަލް

ޗައިނާގެ މަޝްހޫރު މޯބައިލް ކުންފުނިން ނެރުމަށް ތައްޔާރުވަމުންދާ ފުރަތަމަ ފަތްޖަހާލެވޭ ފޯނު ގަންނަން ހިތުލައިގެން ހުރި ނަމަ އެ ހިޔާލާ މެދު އަދި ކުޑަކޮށް ފިކުރުކޮށްލާށެވެ. އެކުންފުނީގެ ފަތްޖަހާލެވޭ ފޯނުގެ އަގުތައް ވަނީ ދާދި ފަހުން އާންމުކޮށްފަ އެވެ. މިއީ އަގުހެޔޮ ޓެކްނޮލޮޖީއެއް ނޫން ކަން ގިނަ ބަޔަކަށް އެނގިއްޖެ އެވެ.

ވާވޭއިން ދާދި ފަހުން އާންމުކޮށްފައިވާ ގޮތުގައި އަންނަ މަހު ނެރުމަށް ހަމަޖެހިފައިވާ ވާވޭ މޭޓް އެކްސް ވިއްކަން ފަށާނީ 2،403 ޑޮލަރުން ފެށިގެންނެވެ.

މޭޓް އެކްސް އަކީ މިއަހަރުގެ ޖޫން މަހުގައި ނެރުމަށް ހަމަޖެހިފައިވާ ފޯނެކެވެ. ނަމަވެސް ތަފާތު ސަބަބުތަކާ ގުޅިގެން ފޯނު ރިލީޒްކުރުން ވަނީ އެކި ފަހަރުތަކުގެ މަތީން ލަސްވެފަ އެވެ. އޭގެތެރޭގައި ވާވޭ އާއި އެމެރިކާއާ ދެމެދުގައި ކުރިއަށްދާ ވިޔަފާރީގެ ހަމަނުޖެހުން ހިމެނެ އެވެ.

ވާވޭގެ ފަތް ޖަހާލެވޭ ފޯނު ކުރިން ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2،600 ޑޮލަރަށެވެ. ނަމަވެސް ޑިޒައިންނަށް ބައެއް ބަދަލުތައް ގެނެސް މިހާރު ފޯނު ވަނީ ކުރިއަށްވުރެ އަގުހެޔޮ ކޮށްފަ އެވެ.

މޭޓް އެކްސް ރިލީޒްކުރުމަށް އެންމެ ފަހުން ނިންމާފައިވާ ތާރީހަކީ އަންނަ މަހުގެ 15 އެވެ.

އެކުންފުނީގެ އިތުރުން ސެމްސަންގް އިން ވެސް ވަނީ ފަތް ޖެހޭ ފޯނެއް ތައްޔާރުކޮށްފަ އެވެ. ސެމްސަންގް ފޯލްޑް އެތެރެއަށް ފަތް ޖެހޭއިރު މޭޓް އެކްސްގެ ސްކްރީން ފަތް ޖެހެނީ ބޭރަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް