ބަޖެޓަށް ވުރެ އިތުރަށް ދަތުރު ހަރަދަށް 14.8 މިލިއަން ރުފިޔާ ހަރަދުކޮށްފި

މާލޭގެ ދެކުނު ފަރާތު ޓީޖެޓީ އަދި ސުނާމީ ބިނާ ސަހައްދު މަތިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރުގެ ދަތުރުތަކަށް މިއަހަރުގެ ބަޖެޓްގައި ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް 14.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން ހަފްތާއަކު އެއް ފަހަރު އާންމު ކުރާ ދައުލަތުގެ މާލީ ހާލަތުގެ މިދިޔަ ހަފްތާގެ ރިޕޯޓުން ދައްކާ ގޮތުގައި ސަރުކާރުގެ ދަތުރުތަކަށް މިއަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ 142.1 މިލިއަން ރުފިޔާ އެވެ.

ނަމަވެސް މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް 156.9 މިލިއަން ރުފިޔާ ސަރުކާރުގެ ދަތުރުތަކަށް ހަރަދުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ރިކަރަންޓް ހަރަދުތަކުގެ ތެރޭގައި ހިމެނޭ އާސަންދައިގެ ހިދުމަތަށް މިއަހަރުގެ ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މިހާތަނަށް 835.7 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

މިއަހަރަށް 31.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާއިރު، 20.9 ބިލިއަން ރުފިޔާ މިހާތަނަށް ހަރަދުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

އޭގެ ތެރެއިން 15.1 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ހަރަދުތަކެވެ. އަދި ބާކީ 4.9 ބިލިއަން ރުފިޔާއަކީ ކެޕިޓަލް ހަރަދެވެ.

comment ކޮމެންޓް