ބާސެލޯނާ ހަނިގޮތަކަށް މޮޅުވި އިރު މެސީ ރެކޯޑުތަކެއް ހަދައިފި

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ: އޭނާ ވަނީ ރޭ ސްލަވިއާ ޕްރަގާ ކޮޅަށް ގޯލު ޖަހައި ރެކޯޑް ހަދައިފަ --- ފޮޓޯ// ޕެޓްރިކް ރިޖް

ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުގައި ރޭ ޗެކް ރިޕަބްލިކުގެ ސްލަވިއާ ޕްރާގް އަތުން ހަނިގޮތަކަށް ބާސެލޯނާ މޮޅުވި އިރު، އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ އެ މުބާރާތުގެ ދެ ރެކޯޑެއް ހަދައިފި އެވެ.

ޗެކް ރިޕަބްލިކްގެ ސިނޯބޯ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުން ބާސެލޯނާ ކުރި ހޯދީ 1-2ގެ ކުޑަ ކުޑަ ތަފާތަކުންނެވެ. އެ މޮޅާ އެކު އެ ޓީމުން ގުރޫޕް އެފްގެ އެއްވަނައިގައި އޮތީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެންނެވެ. އެ ގުރޫޕުގެ ދެވަނައިގައި އޮތް ބްރޮޝިއާ ޑޮޓްމަންޑަށް ހަތަރު ޕޮއިންޓް ލިބޭ އިރު ތިންވަނާގައި އޮތް އިންޓަ މިލާނަށް ވެސް ހަތަރު ޕޮއިންޓް ވަނީ ލިބިފަ އެވެ. ޑޮޓްމަންޑަށް ދަރަޖައިގެ ކުރިއެރުން ލިބެނީ ގޯލުގެ ތަފާތުންނެވެ. ރޭގެ މެޗުން ބަލިވި ޕްރަގާއަށް ލިބިފައި ވަނީ އެއް ޕޮއިންޓެވެ.

މި ސީޒަނުގައި މިހާތަނަށް ކުޅުނު ގިނަ މެޗުތަކުގައި އަނިޔާގެ ސަބަބުން ކުޅެފައި ނުވާ މެސީ ވަނީ ރޭގެ މެޗު ފެށިގެން ތިންވަނަ މިނަޓުގައި ބާސެލޯނާއަށް ލީޑު ނަގައިދީފަ އެވެ. މި ގޯލާ އެކު އޭނާ ވެގެންގޮސްފައި ވަނީ ވިދިވިދިގެން 15 ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

މީގެ އިތުރުން މެސީ ވަނީ އޭނަޔާ އެންމެ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ރެއާލް މެޑްރިޑްގެ ލެޖެންޑް ރައުލް ގާސިއާ ޗެމްޕިއަންސް ލީގުގައި ހަދާފައިވާ ރެކޯޑަކާ ވެސް އެއްހަމަ ކޮށްފަ އެވެ. މެސީ ރޭގެ މެޗުގައި ގޯލު ޖެހި ސްލަވިއާ ޕްރާގް އަކީ ޗެމްޕިއަންސް ލީގުގައި އޭނާ ގޯލު ޖެހި 33 ވަނަ ޓީމެވެ. ރޮނާލްޑޯއާއި ރައުލް ވެސް ވަނީ މީގެ ކުރިން 33 ޓީމު ކޮޅަށް ގޯލު ޖަހައިފަ އެވެ.

ރޭގެ މެޗުގައި ބާސެލޯނާއިން ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގި ނަަމަވެސް މެޗު ޑޮނިމޭޓް ކޮށްގެން މޮޅަށް ކުޅުނީ އިދިކޮޅު ޓީމެވެ. އެ ޓީމުން އެ މެޗުގައި ބާސެލޯނާއާއި އަޅާ ބަލާ އިރު ގިނަ ހަމަލާތަކެއް އުފެއްދި އިރު އެ ބޯޅަތައް ދިފާއު ކުރުމުގައި ބާސެލޯނާގެ ކީޕަރު ޓާ ސްޓެގަން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

ފުރަތަމަ ހާފު އެއް ގޯލުގެ ލީޑަކާ އެކު އޮވެ ބާސެލޯނާއިން ނިންމާލި އިރު ދެވަނަ ހާފު ފެށިގެން އިރަކޮޅެއް ތެރޭގައި ޕްރަގާ ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. ބާސެލޯނާއަށް އެނބުރި މެޗުގައި ލީޑު ލިބުނީ އެ ޓީމުގެ ފޯވާޑް ލުއިސް ސުއަރޭޒް ހުރަސްކޮށްލަން އުޅުނު ބޯޅައެއް އިދިކޮޅު ޓީމުގެ ކުޅުންތެރިއެއްގައިގައި ޖެހި ގޯލަށް ވަނުމުންނެވެ.

ބާސެލޯނާގެ ދެވަނަ ގޯލާ އެކު ވެސް އިދިކޮޅު ޓީމުން ވަނީ ހިތްވަރާ އެކު ކުޅެ ބާސެލޯނާގެ ޑިފެންސަށް އޮބި ނޯންނަވަރަށް ޕްރެޝަރު ކޮށްފަ އެވެ. ނަމަވެސް އެ ޓީމަށް އެ މެޗުގައި އިތުރު ގޯލެއް ޖެހޭ ގޮތް ނުވުމުން މެޗު ނިމުނީ ބާސެލޯނާއަށް ތިން ޕޮއިންޓް ލިބިގެންނެވެ.

މީގެ އިތުރުން ވެސް ފޯރިގަދަ މެޗުތަކެއް ޗެމްޕިއަންސް ލީގުގައި ރޭ ވަނީ ކުޅެފަ އެވެ. އެގޮތުން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން ރަށުން ބޭރުގައި ގެންކް ބަލިކުރީ 1-4ގެ ނަތީޖާ އަކުންނެވެ. އަދި އިންޓަ މިލާނުން ވަނީ 2-0 އިން ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށް އުއްމީދުއާ ކޮށްފަ އެވެ.

comment ކޮމެންޓް