ދެ ކުލަބުގެ އެދުމުގެ މަތިން އެލްކްލެސިކޯ ޑިސެމްބަރު 18 އަށް ލަސްކޮށްފި

ބާސެލޯނާއާއި ރެއާލް މެޑްރިޑު ބައްދަލު ކުރި މެޗެއްގެ ތެރެއިން --- ފޮޓޯ// މެޓް ޑޯމަން

ސްޕެއިންގެ ކެޓަލޯނިއާގައި ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން ސްޕެނިޝް ލަލީގާގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑް ބައްދަލުކުރާ އެލް ކްލެސިކޯ މެޗު ޑިސެމްބަރ 18 އަށް ފަސްކޮށްފި އެވެ.

ކުލަބު ފުޓުބޯޅައިގެން އެންމެ ވާދަވެރި ދެ ކުލަބު ކަމަށްވާ ބާސެލޯނާއާއި ރެއާލް މެޑްރިޑް ބައްދަލު ކުރާ މެޗަކީ ފުޓުބޯޅައަށް ލޯބި ކުރާ ގިނަ ބަޔަކު ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުން އަންނަ މެޗެކެވެ. ނަމަވެސް ފަހަކަށް އައިސް އެ ދެ ކުލަބުގެ ދެމެދުގެ ވާދަވެރިކަން ވަނީ ކޮންމެސް ވަރަކަށް ކުޑަ ވެފަ އެވެ. އެއީ ރެއާލް މެޑްރިޑްގެ ރެކޯޑް ޓޮޕް ސްކޯރާ ކުރިސްޓިއާނޯ ރޮނާލްޑޯ އެ ކުލަބު ދޫކޮށްލުމާ ގުޅިގެން އޭނައަށް ސަޕޯޓް ކުރާ ގިނަ ބަޔަކު ވެސް އޭނައާ އެކު އެ ކުލަބު ދޫކޮށްލުމުންނެވެ.

އަންނަ ހޮނިހިރު ދުވަހު ކުޅުމަށް ހަމަޖެހިފައި އޮތް އެލްކުލެސިކޯ މެޗު ޑިސެމްބަރ 18 ވަނަ ދުވަހު ކުޅެން ނިންމާފައިވަނީ ބާސެލޯނާގައި މިހާރު ކުރިޔަށްދާ މުޒާހަރާތަކާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައެވެ. ބާސެލޯނާގައި މުޒާހަރަތައް ބާއްވަން ފެށީ ކެޓަލޯނިއާގެ ސިޔާސީ ލީޑަރުންތަކެއް ޖަލަށް ލާން ސްޕެއިންގެ ކޯޓުން ހުކުމް ކުރުމުންނެވެ. އެއާ އެކު ކެޓަލޯނިއާގެ ސިޓީ ތަކުގައި ގިނަ ހަމަނުޖެހުންތަކެއް ވެސް އަންނަނީ ހިނގަމުންނެވެ.

މި މެޗު ބާސެލޯނާ ދަނޑުގައި ކުޅެން ހަމަޖެހިފައިވާއިރު، މެޗުގެ ކުޅުން ރެއާލްގެ ދަނޑަށް ބަދަލުކުރުމަށް ދެ ކްލަބުންވެސް އެއްބަސްވެފައެއް ނުވެއެވެ. އެގޮތުން މެޗު ކުޅޭ ގޮތަށް ނިންމާފައިވަނީ ކުރިންވެސް ނިންމި ގޮތަށް ބާސާގެ ކޭމްޕް ނޫ ސްޓޭޑިއަމުގަ އެވެ.

"ބާސެލޯނާއާއި ރެއާލް މެދްރިޑް ބައްދަލު ކުރަން އޮތް މެޗު ދެ ކުލަބުގެ އެދުމުގެ މަތިން ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހަށް ވަނީ ލަސްކުރެވިފައި. މިއީ ދެ ކުލަބުން ވެސް އެ މެޗު ކުޅެން ބޭނުންވި ތާރީހު." ސްޕެނިޝް ފުޓުބޯޅަ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ސްޕެނިޝް ލީގު ތާވަލުގައި ވެސް މިވަގުތު އެންމެ ވާދަވެރިކޮށް އޮތް ދެ ކުލަބުގެ ދެމެދުގައި އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތެކެވެ. އެއްވަނައިގައި ބާސެލޯނާ 19 ޕޮއިންޓާ އެކު އޮތް އިރު ރެއާލް އޮތީ 18 ޕޮއިންޓާ އެކު ދެވަނައިގަ އެވެ.

comment ކޮމެންޓް