މިފަހަރު އޭބީޔޫ ސޯންގް ފެސްޓިވަލްގައި ރާއްޖެ ތަމްސީލުކުރާނީ ޒަކިއްޓެ

ހަސަން އިރުފާން (ޒަކިއްޓެ) --- ފޮޓޯ : ޒަކިއްޓެ / ފޭސްބުކް

އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން (އޭބީޔޫ)ގެ ފަރާތުން ކުރިއަށް ގެންދާ ރޭޑިއޯ ސޯންގް ފެސްޓިވަލްގައި، މޯލްޑިވިއަން އައިޑަލް އިން މަގުބޫލުކަން ހޯދި ހަސަން އިރުފާން (ޒަކިއްޓެ)، ރާއްޖެ ތަމްސީލުކުރުމަށް ނިންމައިފި އެވެ.

މޯލްޑިވިއަންގެ ދެވަނަ ސީޒަނުން ގިނަ ބައެއްގެ މެދުގައި މަގުބޫލުކަމެއް ހޯދާފައިވާ 27 އަހަރުގެ ޒަކިއްޓެ، އެންމެނަށް އެނގެނީ މަޖާ މީހެއްގެ ސިފައިގައެވެ.

ޒަކިއްޓެ ބުނެފައިވަނީ ޕީއެސްއެމްގެ ފަރާތުން އެ ފެސްޓިވަލުގައި ބައިވެރިވުމަށް ވަރަށް އަވަހަށް ރާއްޖެއިން ބޭރަށް ފުރާނެ ކަމަށެވެ.

އެ ފެސްޓިވަލްގައި ޒަކިއްޓެއާއެކު މިއުޒީޝަން އާއި ޕްރޮޑިއުސަރު ސަމޫހު ތައުފީގުވެސް ބައިވެރިވާނެއެވެ.

އެ ފެސްޓިވަލްގައި ޒަކިއްޓެ ހުށަހެޅުމަށް ނިންމާފައިވަނީ އޭނާގެ އެންމެ ފަހުގެ ސިންގަލް ލަވައެއް ކަމަށްވާ "ރާޅު މާލި" އެވެ.

ދާކާގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭބީޔޫ ފެސްޓިވަލް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 އިން 31 އަށެވެ.

އޭބީޔޫ ސޯންގް ފެސްޓިވަލްގައި ރާއްޖެ ތަމްސީލުކުރުމަށް ބައިވެރިޔަކު ހޮވަނީ އެކަމަށް ފުރުސަތު ހުޅުވާލައިގެންނެވެ. މިއަހަރުގެ ފެސްޓިވަލްގައި ތަމްސީލުކުރާނެ ފަރާތެއް ހޯދުމަށް އޭޕްރިލްގައި ވަނީ ފުރުސަތު ހުޅުވާލާފައެވެ.

އޭޝިއާ ސަރަހައްދުގެ "ޔޫރޯ ވިޝަން"ގެ ގޮތުގައި ސިފަކުރާ މި ފެސްޓިވަލްގައި ރާއްޖެއިން ބައިވެރިވާން ފަށާފައިވަނީ 2015 ވަނަ އަހަރުގައެވެ.

މިދިޔަ އަހަރުގެ ފެސްޓިވަލް ކަޒަކިސްތާނުގައި ކުރިއަށް ގެންދިޔައިރު އެ މުބާރާތުގައި ރާއްޖެ ތަމްސީލުކޮށްފައިވަނީވެސް މޯލްޑިވިއަން އައިޑަލްއިން މަގުބޫލުކަން ހޯދި ފަންނާނެކެވެ. އެއީ އަބްދުﷲ ޒިޔާއު (ޒިޔާ) އެވެ.

comment ކޮމެންޓް