ހަނގުރާމައަށް ދިވެހީން ފޮނުވާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ސީރިއާގައި ހަނގުރާމަ ކުރަމުންދަނިކޮށް މަރުވެފައިވާ ކަމަށް ބުނާ ދިވެއްސެއް

ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހީން ފޮނުވައި، ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓުކުރާކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި މީހާއަކީ ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހީން ފޮނުވައި، އަދި ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓުކުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

އަދި ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރުކަށި ފިކުރު ފެތުރުމުގެ ތުހުމަތުވެސް މީނާއަށް ކުރެވޭކަމަށް ފުލުހުން ބުންޏެވެ.

މިހާތަަނަށް ފުލުހުން އާންމު ކުރި މައުލޫމަތުތަކުން އެނގޭ ގޮތުގައި މިއީ އަލަށް ތަސްދީގު ކުރެވުނު ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ އިސްލާހުތަކާއެކު ހައްޔަރުކުރެއްވުނު ފުރަތަމަ މީހާއެވެ.

އަލަށް ގެނައި އިސްލާހުތަކާއެކު ޓެރަރިޒަމްގެ ގާނޫނުގައިވާ ގޮތުން ހަނގުރާމައަށް މީހަކު ފޮނުވުމާއި ހަނގުރާމައަށް މީހުން ފޮނުވަން މަސައްކަތްކުރުން ނުވަތަ އެކަމަށް ހިތްވަރު ދިނުމަކީ ކުށެކެވެ. އެ ކުށް ސާބިތުވެެގެން ލިބޭ އަދަބެއްގެ ގޮތުގައި ހިމަނާފައިވަނީ، 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އެއީ އެގާނޫނުގައި އެންމެ ބޮޑު އަދަބެއް ކަނޑައަޅާފައިވާ ކުށެވެ.

https://sun.mv/123783

އެ ގާނޫނުގެ ދަށުން ފުލުހުންނަށް ވަނީ ބޮޑެތި ބާރުތަކެއްވެސް ދީފައެވެ. އެގޮތުން ކުށުގެ ތުހުމަތު ކުރެވޭ މީހަކު ކޯޓު އަމުރާ ނުލާ ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ލިބިގެންވެއެވެ. ނަމަވެސް މިރޭ ހައްޔަރުކުރި މީހާ ހައްޔަރުކުރީ ކޯޓު އަމުރަކާއެކުކަން ނުވަތަ ނޫންކަން ފުލުހުން ހާމައެއް ނުކުރެއެވެ.

ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ގޮސްފައި ވަނިކޮށް ޖަލްސާތައް ބާއްވައިގެން ޓެރަރިޒަމްގެ ގާނޫނަށް އިސްލާހުތަކެއް ގެނެސްފައިވާ އިރު، އެ އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ބުނި ގޮތުގައި މިހާތަނަށް 60 އަށް ވުރެ ގިނަ ދިވެހީން ބޭރުގައި ހިނގާ ހަނގުރާމަތަކުގައި ބައިވެރިވުމަށް ގޮސްފައިވެއެވެ.

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން ދާދި ފަހުން ހާމަކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ދީނީ ހަރުކަށި ވިސްނުން ވަނީ ފެތުރިފައެވެ.

ކޮމިޝަނުން ބުނީ އެފަދަ ޖަމާއަތްތަކުން ގަތުލުއާންމުތަކާއި ބޮޑެތި ވައްކަންތައް ކުރާ ކަމަށާއި، މިސްކިތްތަކަށް އެކަނި ދާ ޅަފުރައިގެ ކުދިންނަށް އޮޅުވާލައި، މަގުފުރައްދައިގެން އެކުދިންވެސް ހަރުކަށި ވިސްނުމުގެ ތެރެއަށް ވެއްދުމަށްފަހު ހަނގުރާމައަށް ފޮނުވާ ހަދާކަމަށެވެ.

comment ކޮމެންޓް