މޯހަން ބަގާން އަތުންވެސް ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ކަޓައިފި

ޓީސީ ސްޕޯޓްސް ކުލަބު --- ފޮޓޯ// އެފްއޭއެމް

ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ޝެއިހް ކަމާލް ކުލަބު ކަޕްގައި އެންމެ ފަހުގެ ޗެމްޕިއަން ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް ކުޅުނު ދެވަނަ މެޗުގައި އިންޑިއާގެ މޯހަން ބަގާންގެ އަތުންވެސް ބަލިވެ، މުބާރާތުން ކަޓައިފިއެވެ.

ބަންގްލަދޭޝްގެ ބަންގަ ބަންދު ސްޓޭޑިއަމުގައި މިއަދު ހަވީރު ކުޅުނު މެޗުން ޓީސީގެ މައްޗަށް މޯހަން ބަގާން ކުރި ހޯދީ 0-2 ގެ ނަތީޖާ އަކުންނެވެ. މި ނަތީޖާއާއެކު ޓީސީ ކުޅުނު ދެ މެޗުން ވެސް ބަލިވެ މުބާރާތުން ވަނީ ކަޓައިފައެވެ. ޓީސީން ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝްގެ ޗިޓަގޮން އަބަހާނީ އަތުން 4-1 އިން ބަލިވިއެވެ. މި ގުރޫޕުގައި ދެން ހިމެނޭ ޓީމަކީ ލާއޯސްގެ ޔަންގް އެލެފެންޓްއެވެ. އެ ގްރޫޕްގައި ޓީސީ ފިޔަވައި ކޮންމެ ޓީމަކަށްވެސް ތިން ޕޮއިންޓް ލިބިފައިވާއިރު، ޓީސީއަށް އެއްވެސް ޕޮއިންޓެއް ނުލިބެއެވެ.

މިއަދުގެ މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި މޯހަން ބަގާންއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސައިރަސްއެވެ. އެޓީމުން ދެވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ 64 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކުރީ ކަމޯރޯއެވެ. ޓީސީއަށް މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނެވެ.

ޓީސީގެ ފަރާތުން މިއަދު އެންމެ ބޮޑަށް ފެނުނު އެއްކަމަކީ ކުޅުންތެރިންގެ ވަރުބަލިކަމެވެ. މެޗުގެ ފަހު އަތަށް އަޅާލި އިރު ޓީމު ބަލިވެފައި އޮތް ނަމަވެސް ކުޅުންތެރިންގެ ފަރާތުން މެޗުން މޮޅުވުމަށް އެކަށީގެންވާ ހިތްވަރު ކުރިތަން ނުފެނުނީ ކުޅުންތެރިން އާދަޔާ ޙިލާފަށް ވަރުބަލިވެފައި ތިބުމުންނެވެ.

މުބާރަތަށް އައުމުގެ ކުރިން ޓީސީގެ ކޯޗުކަމުގައި ހުރި މުހައްމަދު އާތިފް (އާތީ) މަގާމުން ވަކިވުމުން އެ ޓީމަށް މި މުބާރާތުގައި އިރުޝާދު ދެނީ އެސިސްޓަންޓް ކޯޗު އަހުސަން ރަޝީދާއި އާފިއު މުހައްމަދު ހާމިދު (އާފީ)އެވެ. ޓީސީ އަށް މި މުބާރާތް ކާމިޔާބުކޮށްދިން ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވަނީ މިދިޔަ ސީޒަނަށް ފަހު ޓީސީ ދޫކޮށްލައިފަ އެވެ. ނިޒާމްބެ މި ވަގުތު ހުރީ ގައުމީ 16 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށެވެ.

އަށް ޓީމު ވާދަކުރާ މި މުބާރާތުގައި ދެން ގްރޫޕް ސްޓޭޖުގައި ޓީސީ ކުޅޭ ފަހު މެޗުގައި ނުކުންނާނީ ލާއޯސްގެ ޔަންގް އެލެފަންޓާ ދެކޮޅަށެވެ.

comment ކޮމެންޓް