ފަނޑިޔާރުކަމުން ރާޣިބު ވަކި ކުރުމަށް މަޖިލީހަށް ފޮނުވަން ފާސްކޮށްފި

ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހްމަދު: ފަނޑިޔާރު ކަމުން އޭނާ ވަކިކޮށްދިނުމަށް މަޖިލީހަށް ފޮނުވުމަށް ވަނީ ނިންމާފައި --- ސަން ފައިލް ފައިލް ފޮޓޯ/ މުހައްމަދު އަފްރާހު

ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު އަހްމަދުގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެފައިވާތީ އޭނާ އެ މަގާމުން ވަކި ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން އެގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ޖޭއެސްސީގެ ރައީސް އަދި ސުޕްރޫމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް އެވެ.

ޖޭއެސްސީން ބުނީ، ފަނޑިޔާރު ކަމުން ރާޣިބު ވަކިކޮށްދިނުމަށް މަޖިލީހަށް ފޮނުވުމަށް ނިންމާފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ މަރުހަލާއެއް ފުރިހަމަކުރުމަށްފަހު ކަމަށެވެ.

ފަނޑިޔާރު ކަމުން ރާޣިބު ވަކި ކުރުމަށް މަޖިލީހަށް ހުށަހަޅަން ނިންމާފައި މިވަނީ އޭނާގެ ސުލޫކީ މައްސަލަ ބެއްލެވުމަށް ޖޭއެސްސީން އެކުލަވާލި ކޮމެޓީން އެ މައްސަލަ ރާޣިބުގެ މައްޗަށް ސާބިތުވާ ކަމަށް ނިންމުމުންނެވެ.

އެނގިފައިވާ ގޮތުގައި ރާޣިބުއާ ގުޅޭގޮތުން ޖޭއެސްސީން ބަލާފައިވަނީ އެކި ކޯޓުތަކުގެ މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެކެވެ. އެ މައްސަލަތަކާ ގުޅިގެން ޖޭއެސްސީން ވަނީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ މީހުންގެ ބަޔާން ނަގާފަ އެވެ. އަދި ރާޣިބުއާ ސުވާލުކޮށް އޭނާގެ ބަޔާނެއް ވެސް ނެގި އެވެ.

އޭގެ ތެރެއިން ޖިނާއީ ކުށްތަކެއް ފާހަގަވެފައިވާތީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅެމަށް ޖޭއެސްސީން ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް