އެމްޑީއެން އުވާލަންދެން ސަރުކާރަށް ޕްރެޝަރު ކުރާނަން: އިދިކޮޅު

އިދިކޮޅު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: އެމްޑީއެން އުވާޅަންދެން ސަރުކާރަށް ޕްރެޝަރު ކުރާނެ ކަމަށް ބުނޭ --- ސަން ފޮޓޯ

އިސްލާމް ދީނާ ހިލާފު ވާހަކަތަކެއް ހިމެނޭ، ރިޕޯޓެއް ނެރުނު މޯލްޑިވްސް ޑީމޮކްރަސީ ނެޓްވޯކް(އެމްޑީއެން) ޖަމިއްޔާ އުވާލަންދެން މި ސަރުކާރަށް ޕްރެޝަރު ކުރާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބުނެފި އެވެ.

އެމްޑީއެންއިން 2016 ވަނަ އަހަރު ނެރުނު "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ރިޕޯޓަކީ، ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި، އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށަގެންފައިވާ މިންވަރު ބެލުމަށްޓަކައި އެ ޖަމިއްޔާއިން ކުރި ދިރާސާއެއްގެ މައްޗަށް ނެރުނު ރިޕޯޓެކެވެ. ރިޕޯޓުގައި، އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ބައެއް ވާހަކަތައް ހިމެނޭތީ އެ ޖަމިއްޔާ އުވާލުމަށް ބައެއް ފަރާތްތަކުން ދަނީ ގޮވާލުަމުންނެވެ. އެމްޑީއެންގެ މައްސަލަ ފުލުހުންވެސް މިހާރު އަންނަނީ ބަލަމުންނެވެ.

އެކަމާ ގުޅިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އެ ކޯލިޝަންގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ، މި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރަނީ މުޅި މައްސަލައިގެ ފޯކަސް ގެއްލުވާލުމަށް ކަމަށެވެ. އެ ރިޕޯޓަކީ ސީރިއަސް މައްސަލައަކަށްވާއިރު އެކަން ސީރިއަސް ކަމެއްގެ ގޮތުގައި ސަރުކާރާއި މަޖިލީހުން ނުދެކޭ ކަމަށް އެނާ ފާހަގަ ކުރެއްވި އެވެ.

"އެމްޑީއެންގެ އެ ރިޕޯޓަކީ ވަރަށް ބިރުވެރި ރިޕޯޓެއް. އެމްޑީއެންއަކީ ހަމައެކަނި ޖަމިއްޔާއެއް ނޫންކަން މި އެނގެނީ. އެ މީހުންނަކީ މި ސަރުކާރަށް ބާރުގަދަ، މި ސަރުކާރުތެރޭ މޫލާފައި އޮތް ޖަމިއްޔާއަކަށްވުރެއް ބޮޑު އެއްޗެއްގެ ގޮތުގައި މި ޖަމިއްޔާ މި ފެންނަނީ. ރާއްޖެއިން އިސްލާމް ދީން ފޮހެލަން ރޭވުންތެރިކަމާއެކު އުޅޭ ޖަމިއްޔާއެއްގެ ގޮތުގައި މި ފެންނަނީ،" ޝިޔާމް ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޝީޔާމް ވާހަކަ ދައްކަވަނީ: އެމްޑީއެން ރިޕޯޓަކީ ބިރުވެރި ރިޕޯޓެއް ކަަމަށް ވިދާޅުވި --- ސަން ފޮޓޯ

ޝިޔާމް ވިދާޅުވީ، ރައްޔިތުން އެ ޖަމިއްޔާ އުވާލުމަށް އަޑު އުުފުލަމުންދާއިރު ރައީސުލްޖުމްހޫރިއްޔާ އެ އަޑު ނާއްސަވާ ކަމަށެވެ. އަދި އެ ޖައްމިއްޔާ އުވާލަން ސަރުކާރަށް ކެރިވަޑައިނުގެން އުޅުއްވަނީ ކީއްވެގެންތޯ ރައްޔިތުން ސުވާލު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ސަރުކާރަށް ސާފު ކުރަން ބޭނުން، ކޮން ޕްރެޝަރެއްތޯ އޮތީ މި ސަރުކާރަށް. ކޮބައިތޯ އެމްޑީއެން އުވާނުލަން ސަރުކާރަށް ނުކުރިގެން އުޅޭ ސަބަބަކީ،" ޝިޔާމް ވިދާޅުވި އެވެ.

ޝީޔާމް ވިދާޅުވީ، މި ސަރުކާރުން އެމްޑީއެން އުވާލާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި ފެންނަނީ އެމްޑީއެންއާ ދެކޮޅަށް އެއްޗެއް ބުނާ މީހަކާ ދޭތެރޭ ފިޔަޅު އަޅާތަން ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ހުއްޓާލަން ނެތިން. އެމްޑީއެން އުވާލަންދެން ސަރުކާރުން ޕްރެޝަރު ކުރާނަން. އަޅުގަނޑުމެންގެ ހަރަކާތްތައް މިއަށްވުރެ ފުޅާކުރާނަން،" ޝީޔާމް ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަންނުން މިއަދު ވަނީ މާދަމާ ރޭ އެޕާޓީ އޮފީހުގައި އެމްޑީއެން އުވާލުމަށް ގޮވާލާ އެއްވުމެއް ބާވާނެ ކަމަށް އިއުލާން ކޮށްފަ އެވެ. އެ އެއްވުމުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެ ކޯލިޝަނުން ބުންޏެވެ.

އެމްޑީއެން އުވާލުމަށް ގޮވާލާ އިދިކޮޅުން އެއްވުމެއް ބޭއްވުމަށް ނިންމި އިރު، ފުލުހުން މިދިޔަ އާދިއްތަ ދުވަހު ނެރުނު ނޫސް ބަޔާނުގައި ބުނީ، އެމްޑީއެން ރިޕޯޓުގެ މައްސަލަ އިން ބަޔަކު ނާޖާއިޒް ފާއިދާ ނަގަމުންދާ ކަމަށެވެ.

"ބައެއް ފަރާތްތަކުން މި މައްސަލައިގެ ބޭނުން ނަހަމަގޮތުގައި ކޮށް ރައްޔިތުންގެ ތެރޭގައި ފިތުނަ ފަސާދައާއި ބައިބައިވުމާއި ހަމަނުޖެހުމަށް މަގުފަހިވާ ފަދަ ކަންކަން ކުރަމުން އަންނަކަން ދަނީ ފާހަގަކުރެވެމުންނެވެ،" ފުލުހުންގެ ބަޔާނުގައި ވެއެވެ.

އެ ރިޕޯޓާ ގުޅިގެން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ، އެ އަކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެ މައްސަލަ ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި ސަރުކާރުން ވަނީ އެ މައްސަލަ ބަލައި ނިމެދެން ވަގުތީ ގޮތުން އެ ޖަމިއްޔާ ސަސްޕެންޑްކޮށްފަ އެވެ. އަދި ފުލުހުން ހިންގަމުން ގެންދާ ތަހުގީގަށް ހާޒިރުވާން ބައެއް މީހުންނަށް ވަނީ ޗިޓު ފޮނުވައިފަ އެވެ.

ފުލުހުން މިހަރު ދަނީ ތަހުގީގުގެ ބޭނުމަށްޓަކައި ތިން ދީނީ އިލްމުވެރިއެއް ލައްވައި އެ ރިޕޯޓް ދިރާސީ ރިޕޯޓް ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެ މައްސަލައިގައި ފިޔަވަޅު އަޅާނީ އެ ދިރާސީ ރިޕޯޓަށް ފަހު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް