ބޮޑު ހިޔާނާތުގައި ތުހުމަތުވާ ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީން ބަލަނީ

ޖޭއެސްސީގެ މެމްބަރުންތަކެއް -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ ފަނޑިޔާރުންތަކެއް ހިމެނޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް ވިދާޅުވެފައިވާތީ، އެ ތުހުމަތުކުރެވޭ ފަނޑިޔާރުންގެ މައްސަލަ ތަހުގީގުކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ޕީޖީއިން މިހާރު ކުރަމުންދާ މަސައްކަތްތައް ބެލުމަށް ޕީޖީ އާއިޝަތު ބިޝާމް ހާޒިރުކުރި އިރު، އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ އިތުރުން ސަރުކާރުގެ ބައެއް ވަޒީރުންނާއި އަދި ބައެއް ފަނޑިޔާރުންނަށް އެމްއެމްޕީއާރުސީ ހިޔާނާތުގެ ތުހުމަތުވާ ކަމަށެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުން މިއަދު ބޭއްވި ބައްދަލުވުމަށްފަހު ނެރުނު ބަޔާނުގައި ބުނީ، އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލައިގައި ބައެއް ފަނޑިޔާރުން ބައިވެރިވާކަމަށް މާލިއްޔަތު ކޮމިޓީގައި ޕްރޮސެކިއުޓަ ޖެނެރަލް ވިދާޅުވެފައިވާތީ، އެ ފަނޑިޔާރުންގެ މައްސަލަ ތަހުގީގުކުރުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އަދި އެ ފަނޑިޔާރުންނާއި، އެކަމާ ގުޅޭ ހެކިތައް ޖޭއެސްސީއަށް ހިއްސާކޮށްދިނުމަށް ކަމާ ގުޅުންހުރި އިދާރާތަކުގައި މިއަދު ދެންނެވުމަށްވެސް ކޮމިޝަނުން ނިންމާފައިވާކަމަށް އެ ބަޔާނުގައި ވެއެވެ.

https://sun.mv/126210

ހޯމަ ދުވަހު އޮތް މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ޕީޖީ ބިޝާމް ވިދާޅުވީ، އެމްއެމްޕީއާރުސީ މައްސަލައިގައި ތުހުމަތުވާ ބައެއް މެމްބަރުން މާލިއްޔަތު ކޮމިޓީގައިވެސް ތިއްބެވި ކަމަށާއި އެހެންކަމުން ބައެއް މައުލޫމާތު ހާމަކުރަން ދަތިކަމަށެވެ.

އެހެންކަމުން އެ ކޮމިޓީ ސިއްރުކުރުމަށްފަހު ހިޔާނާތުގައި ތުހުމަތުވާކަމަށް މެމްބަރުންގެ ނަންތައް ހާމަކޮށް، ކޮމިޓީ ކުރިއަށް ގެންދިޔައީ އެ މެމްބަރުން ނުލައެވެ.

ނަމަވެސް ސިއްރުކުރި ކޮމިޓީގައި ހާމަކުރިކަމަށް ބެލެވޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ނަންތަކަކާއި ބައެއް ވަޒީރުންގެ ނަންތައް އިއްޔެ އާންމުވިއެވެ. އެ ނަންތައް ލީކުވި މައްސަލަ މާލިއްޔަތު ކޮމިޓީން ބެލުމަށްވެސް ވަނީ ނިންމާފައެވެ.

comment ކޮމެންޓް