ގައިދީންގެ ބޮލުގެ އިސްތަށިގަނޑާއި ތުނބުޅި ދިގުކުރެވޭ ގޮތް ހަދައިފި

ޖަލުގެ ގައިދީންތަކެއް: ސަން ފައިލް ފޮޓޯ

ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުށްވެރިއެއް ނުވަތަ ގައިދީންގެ ބޮލުގެ އިސްތަށިގަނޑާއި ތުނބުޅި ދިގުކުރެވޭ ގޮތަށް ޖަލުގައި ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަން ޖެހޭ ގޮތުގެ އުސޫލަށް ބަދަލުގެނެސްފި އެވެ.

ޖަލުތަކާ ޕެރޯލްގެ ގާނޫނުގެ ދަށުން ހަދާފައިވާ އުސޫލުގައި ކުރިން ބުނެފައި ވަނީ ގައިދީންގެ ތުނބުޅި ހުންނަންވާނީ ބާލާފައި ނުވަތަ ދެ އިންޗިއަށް ވުރެއް ދިގު ނުވާ ވަރަށް ކަމަށެވެ. އަދި ޖަލުގައި ތިބޭ ފިރިހެން ގައިދީންގެ ބޮލުގެ އިސްތަށިގަނޑު ހުންނަންވާނީ ވަށައިގެން ދެ ސެންޓިމީޓަރަށް ވުރެ ދިގު ނުވާވަރަށް ކޮށާފައި ކަމަށް ވެސް އުސޫލުގައި ބުނެފައިވެ އެވެ.

ނަމަވެސް މިއަދު ގެޒެޓުކުރި އިސްލާހުގައި ބުނެފައި ވަނީ ޖަލުގައި ތިބޭ ފިރިހެން ގައިދީންނާއި ބަންދު މީހުންގެ ބޮލުގެ އިސްތަށިގަނޑާއި ތުނބުޅި މަތިމަސް ބަހައްޓަން ވާނީ ސާފުތާހިރުކޮށް ކަމަށެވެ.

ތުނބުޅި މަތިމަހާއި އިސްތަށިގަނޑު ވަކި ދިގުމިނެއްގައި ބަހައްޓަން އިސްލާހުގައި ބުނެފައެއް ނުވެ އެވެ.

ހަމައެއާ އެކު އަންހެން ގައިދީންގެ އިސްތަށިގަނޑު ކޮނޑުހުޅަށް ވުރެ ކުރުނުވާވަރަށް ކޮށިދާނެކަމަށް ކުރިން ބުނެފައިވާ މާއްދާ މިހާރު ވަނީ އުނިކޮށްފަ އެވެ.

ޖަލު އޮފިސަރުންނާއި އެކިއެކި ހިދުމަތްތައް ދިނުމަށާއި ޕްރޮގްރާމްތައް ހިންގުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ޖަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ގައިދީންނާއި ބަންދުމީހުން މުހާތަބުކުރަންވާނީ މަޑުމައިތިރިކަމާ އެކު ރިވެތި ބަހުން ކަމަށް އުސޫލުގައިވެ އެވެ.

ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުށްވެރިއެއް ނުވަތަ ގައިދީންގެ ތުނބުޅި ދެ އިންޗިއަށް ވުރެއް ދިގު ނުކުރެވޭ ގޮތަށް ޖަލުގައި ބަންދުކުރެވޭ މީހުންގެ ސުލޫކީ މިންގަނޑު ބަހައްޓަން ޖެހޭ ގޮތުގެ އުސޫލެއް އެކުލަވާލީ 2015 ވަނަ އަހަރު އެވެ.

comment ކޮމެންޓް