ޖޭއެސްސީގެ އާންމު މެމްބަރުކަމަށް ހަ ނަމެއް ފޮނުވައިފި

މަޖިލިސް: ޖޭއެސްސީ އިން އާންމުގެ ތެރެއިން މެމްބަރަކު ހޮވުމަށް ހަ ނަމެއް ކޮމިޓީއަށް ވަނީ ފޮނުވާފައި --- ފޮޓޯ/ މަޖިލިސް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު ކަމަށް އާންމުންގެ ތެރެއިން މެމްބަރަކު ކަނޑައަޅުމަށް ހަ މީހެއްގެ ނަން ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވައިފި އެވެ.

ޖޭއެސްސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލީ އާންމުގެތެރެއިން ކަނޑައަޅާފައިވާ ކޮމިޝަންގެ މެންބަރު، އަބްދުލް ހަންނާން އަހްމަދުގެ ދައުރު ހަމަވާތީ އެވެ.

އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް އެދި ހުށަހެޅި ހަ މީހުންގެ ނަން މިއަދު މަޖިލީހުގައި އިއްވައި، ނަންތައް ދިރާސާކުރަން ކޮމިޓީއަށް ވަނީ ފޮނުވައިފަ އެވެ.

ދިރާސާ ކުރަން ފޮނުވި ނަންތައް:

  • ޒުބައިރު އަހުމަދު މަނިކު، ގ. މަލްވިނަ
  • އަލީ މުހައްމަދު މަނިކު، ދަފްތަރު ނަމްބަރު 1851
  • އަހުމަދު މިޒްމާދު، މއ. ލޫޕިން
  • އަހުމަދު ސާވީ، ދަފްތަރު ނަމްބަރު 5295
  • މިރުފަތު ފާއިޒު، މއ.ރަންފޮށި
  • ހުސެއިން އަމްރު، ވ. ރޯޝަން

ގާނޫނު އަސާސީ އާއި ޖޭއެސްސީގެ ގާނޫނުގައިވާ ގޮތުން އެ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކަށް އެ ކޮމިޝަންގައި ހުރެވޭނީ ފަސް އަހަރު ދުވަހުގެ އެއް ދައުރެވެ. އަދި އެ ދައުރު ހަމަވުމުން އެ މީހަކު އަލުން ކޮމިޝަނަށް އައްޔަން ނުކުރެވޭނެ އެވެ.

ޖޭއެސްސީ އެކުލެވިގެންވަނީ 10 މެމްބަރުންގެ މައްޗަށެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް:

  1. ރައްޔިތުންގެ މަޖިލީހުގެ ރައީސް
  2. އުއްތަމަ ފަނޑިޔާރުފިޔަވާ ސުޕްރީމްކޯޓްގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބު ކުރާ ފަނޑިޔާރަކު
  3. ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިހާބު ކުރާ ފަނޑިޔާރަކު
  4. ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެތެރެއިން، އެކޯޓުން އިންތިހާބު ކުރާ ފަނޑިޔާރަކު
  5. އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައެޅާ މީހެއް
  6. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅާ މެންބަރަކު
  7. ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު
  8. ސިވިލް ސާވިސް ކޮމިޝަންގެ ރައީސް
  9. ބަންޑާރަ ނައިބު
  10. ވަކީލުންގެ ފަރާތުން އިންތިހާބު ކުރާ މެމްބަރަކު
comment ކޮމެންޓް