އިންޑޮނޭޝިއާގެ ޑިފެންސް މިނިސްޓަރު ކަމަށް އިދިކޮޅު ލީޑަރު

އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ ވަނީ ޑިފެންސް މިނިސްޓަރު ކަމަށް އިދިކޮޅު ލީޑަރު ޕްރަބޮވޯ ސުބިއަންޓޯ އައްޔަން ކުރައްވާފަ -- ފޮޓޯ: ޓުވިޓާ

ޖަކާޓާ (އޮކްޓޯބަރު 23): އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ އެގައުމުގެ ޑިފެންސް މިނިސްޓަރު ކަމަށް އިދިކޮޅު ލީޑަރު ޕްރަބޮވޯ ސުބިއަންޓޯ އައްޔަންކުރައްވައިފި އެވެ.

އިންޑޮނޭޝިއާގައި މިދިޔަ އޭޕްރިލް މަހު ބޭއްވި އާއްމު އިންތިހާބު ކާމިޔާބު ކުރައްވައިގެން ދެވަނަ ދައުރަކަށް އިންތިހާބުވި ވިޑޯޑޯ ވަނީ މިއަދު އާ ކެބިނެޓުގެ މެމްބަރުން އިއުލާން ކުރައްވާފަ އެވެ. އޭގެ ތެރޭގައި ފާއިތުވި ދެ އާއްމު އިންތިހާބުގައި ވިޑޯޑޯއާ ވާދަ ކުރެއްވި ކެންޑިޑޭޓެއް ކަމަށްވާ ޕްރަބޮވޯވެސް ހިމެނިވަޑައިގަތެވެ.

އިންޑޮނޭޝިއާގެ އަސްކަރިއްޔާގެ ކުރީގެ ޖެނެރަލެއް ކަމަށްވާ ސުބިއަންޓޯ ޑިފެންސް މިނިސްޓަރު ކަމަށް އައްޔަން ކުރައްވަމުން ވިޑޯޑޯ ވަނީ، އެ މަގާމުގެ މަސްއޫލިއްޔަތުތަކާ ބެހޭ ގޮތުން އޭނާއަށް ވުރެ ބޮޑަށް ސުބިއަންޓޯއަށް އެނގިލައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ސުބިއަންޓޯ ވަނީ މަގާމުގެ ހުވާ ކުރެއްވުމަށް ފަހު ވަގުތުން މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ވިޑޯޑޯގެ ކެބިނެޓުގައި މައި އިދިކޮޅު ލީޑަރު ހިމެނުމުން، އިންޑޮނޭޝިއާގެ ޕާލިމެންޓުގައި ސަރުކާރަށް އޮތް ތާއިދު 74 ޕަސެންޓަށް އިތުރު ވާނެ އެވެ.

ނަމަވެސް މީގެ ކުރިން އެގައުމުގައި ހުދުމުހުތާރު ވެރިކަމެއް ކުރެއްވި ޖެނެރަލް މުހައްމަދު ސުހާޓޯގެ ދަނބިދަރިކަލުން ކަމަށްވާ ސުބިއަންޓޯގެ މައްޗަށް ވަނީ އަސްކަރިއްޔާގައި ހުންނެވި އިރު އިންސާނީ ހައްގުތަކަށް އަރައިގަނެފައިވާ ކަމުގެ ތުހުމަތުކޮށްފަ އެވެ. އެގޮތުން ސުހާޓޯގެ ސަރުކާރާ ދެކޮޅު އެކްޓިވިސްޓުން ވަގަށް ނަގާ، އެމީހުންނަށް އަނިޔާ ކުރި ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ބުންޏެވެ. ނަމަވެސް އެމައްސަލަތަކުގައި އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް ކޮށްފައި ނުވެ އެވެ.

comment ކޮމެންޓް