މެރަނާގެ މައުލޫމާތު ދޭން ޓްރެވިންޑުރަމްގައި އުޅޭ ދިވެހިންނާ ބައްދަލު ކުރަނީ

ހުސްނުވާ އާސަންދައިގެ މިންގަނޑުތަކާ އެއްގޮތަށް ފާމަސީތަކުން ހިދުމަތް ނުދޭނަމަ ފިޔަވަޅު އަޅާނެ ކަމަށް އާސަންދައިން ވަނީ ބުނެފައި -- ސަން ފައިލް ފޮޓޯ

އާސަންދަ ކުންފުނިން އިންޑިއާގައި އުޅޭ ދިވެހިންނާ ބައްދަލު ކުރަން ނިންމައިފި އެވެ.

އާސަންދައިން ބުނީ އިންޑިއާގެ ޓްރެވިންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓުގައި މިއަދު ބާއްވާ މި ބައްދަލުވުމުގައި އެކުންފުނީގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރު އިބްރާޙިމް ރަޝީދާއި އެސިސްޓެންޓް ޖެނެރަލް މެނޭޖަރި އާމިނަތު ޒީނިޔާވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

މި ބައްދަލުވުމުން އޮންނާނީ އިންޑިއާ ގަޑިން މިއަދު ހަވީރު ފަހެއް ޖަހާއިރު އެވެ.

މި ބައްދަލުވުމުގައި 'މެރަނާ' ސްކީމްގެ މަޢުލޫމާތުދިނުމުގެ އިތުރުން، ސްކީމްގެ ހިދުމަތް ހޯދުމުގައި ރައްޔިތުންނަށް ހުރި ދަތިތައް އޮޅުންފިލުވައި އެކަންކަން ހައްލުކުރާނެ ގޮތްތަކާމެދު މަޝްވަރާ ކުރެވޭނެ ކަމަށް އާސަންދަ އިން ބުންޏެވެ.

މެރަނާ އަކީ އިންޑިއާ އާއި ސްރީ ލަންކާ އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ދައުލަތުގެ ހަރަދުގައި ސިއްހީ ހިދުމަތް ދިނުމަށް ތައާރަފްކުރި ހެލްތު އިންޝުއަރެންސް ސްކީމެވެ. އޭޕްރީލް މަހު ތައާރަފުކުރި މި ސްކީމުގެ ދަށުން ރާއްޖެއިން ބޭރުގައި އުޅޭ ދިވެހިންނަށް ބޭސް ފަރުވާއަށް އަހަރަކު 150،000 ރުފިޔާ ކަނޑައަޅާފައިވެ އެވެ. އަދި އެނދުމަތިނުކޮށް ހޯދާ ނުވަތަ އައުޓްޕޭޝަންޓް ހިދުމަތަށް 10،000 ރުފިޔާ ކަނޑައަޅާފައިވާ އިރު، އެޑްމިޓްކޮށްގެން ދޭ އިމްޕޭޝަންޓް ހިދުމަތްތަކަށް އެޑްމިޝަން ހިމަނައިގެން ޖުމްލަ ކަވަރޭޖާ އެއްވަރުގެ އަދަދެއް ލިބޭނެ އެވެ.

ސްކީމްގެ އުސޫލު އޮންނަ ގޮތުން، އައުޓްޕޭޝަންޓް ހިދުމަތް ހޯދާ ވަގުތު ޕޭޝަންޓް ހޮސްޕިޓަލަށް ފައިސާ ދައްކަން ޖެހޭނެ އެވެ. އަދި 60 ދުވަހުގެ ތެރޭގައި ލިޔެކިޔުންތައް އާސަންދަ އަށް ހުށަހެޅުމުން އެ ހަރަދުވި ފައިސާ އެ ކުންފުނިން އެމީހަކަށް ޖަމާކޮށްދޭނެ އެވެ. އެހެން ނަމަވެސް އެޑްމިޓްކޮށްގެން ފަރުވާއެއް ހޯދާ ނަމަ ފައިސާ ނުދައްކައި ހަމައެކަނި އައިޑީކާޑް ދެއްކުމުން ހިދުމަތް ލިބޭނެ އެވެ.

މެރަނާ ސްކީމްގައި ބައިވެރިވެވެނީ އެ ގައުމެއްގައި ދިރިއުޅޭތާ ހަ މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ ދިވެހިންނަށެވެ.

އާސަންދަ އިން އިންޑިއާ އަށް ކުރާ މި ދަތުރުގައި އިންޑިއާގައި އާސަންދަ އަދި މެރަނާ ސްކީމްގެ ހިދުމަތްދޭ ހޮސްޕިޓަލުތަކަށް ޒިޔާރަތްކޮށް، ހިދުމަތް ދިނުމުގައި ރައްޔިތުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބިދެވޭނެ ގޮތަތަކެއް ހޯދުމަށް މަޝްވަރާކުރާނެ ކަމަށްވެސް އާސަންދަ އިން ބުންޏެވެ.

އާސަންދަ އިން ބުނީ އެ ކުންފުނީގެ އަމާޒަކީ ރައްޔިތުންނާ ވީހާވެސް ގާތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާވެސް އެކު ޒަމާނީ ވަސީލަތްތަކާ ޓެކްނޮލޮޖީގެ އެހީގައި ލުއި ފަސޭހަ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.

comment ކޮމެންޓް