އޮލިމްޕިކް ކޮމިޓީގެ ޙިޔާލާ އިދިކޮޅު، ބޭނުމީ ރަން މެޑަލް: ބައްސާމް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް، ގައުމީ ފުޓްބޯޅަ ޓީމާ ގަތަރުގައި ބައްދަލުކުރެއްވުން-- ފޮޓޯ: އެފްއޭއެމް

އަންނަ ޑިސެމްބަރު މަހު ނޭޕާލުގައި ބާއްވާ ސައުތު އޭޝިއަން ގޭމްސް އަކީ ޑިވެލޮޕްމެންޓަށް ބޭނުން ކުރެވޭނެ މުބާރާތެއްގެ ގޮތުގައި އޮލިމްޕިކް ކޮމިޓީން ގެންގުޅޭ ވިސްނުމާ ދެކޮޅު ކަމަށާއި އެ މުބާރާތުގައި ވާދަކުރާ ގައުމީ އަންހެން ފުޓްބޯޅަ ޓީމާއި ފިރިހެން ޓީމުގެ އަމާޒަކަށްވާނީ ރަން މެޑަލް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

ގައުމީ ޓީމަށާއި އެފްއޭއެމްގެ އެކްސްކޯއަށް ލަފާ ދިނުމަށް އެކުލަވާލި ކޮމިޓީން ރޭ އަންހެން ފުޓުބޯޅަ ޓީމުތަކުގެ ކުޅުންތެރިންނާ ބައްދަލު ކުރެއްވުމަށް ހޮޓެލް ޖެންގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ، ރާއްޖެއިން މިހާރު އެއްވެސް މުބާރާތެއްގައި ރަން މެޑަލް ނޫން އެހެން އެއްޗެއް ބޭނުން ނުވާ ކަމަށެވެ. އަދި އޮލިމްޕިކް ކޮމިޓީން ކުރިއަށް އޮތް ސައުތު ގޭމްސްއަކީ ޑިވެލޮޕްމެންޓް ޕްރޮގުރާމަކަށް ހެދުމަށް ގެންގުޅޭ ވިސްނުމާ މެދު ހިތާމަކުރާ ކަމަށެވެ.

"އަޅުގަނޑު ވަރަށް ހިތާމަ ކުރަން އޮލިމިޕިކް ކޮމިޓީގައި އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި މަޝްވަރާތެރޭގައި ވާހަކަ ދެކެވިގެން ދިޔައީ ސާފް ގޭމްސް ބޭނުން ކުރާށޭ ޑިވަލަޕްމެންޓް އެއްޗަކަށް. އަޅުގަނޑުމެން ބޭނުމެއް ނެތް މި މުބާރާތް ޑިވްލަޕްމެންޓް މުބާރާތަކަށް ހަދާކަން، އަޅުގަނޑުމެން ބޭނުންވީ މި މުބާރާތް ކާމިޔާބު ހޯދާ އެއްޗަކަށް ވާން." ބައްސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުރިމަތީގައި އޮތް ސާފް ގޭމްސްގައި ވާދަ ކުރުމަށް އަންހެން ފުޓުބޯޅަ ޓީމާއި ފިރިހެން ފުޓުބޯޅަ ވެސް ރަނގަޅަށް ތައްޔާރުވާނެ ކަމަށެވެ. އެގޮތުން ގޭމްސްއަށް ތައްޔާރު ވުމަށް އަންހެން ޓީމުން އަރަބި އެމިރޭޓްސްގައި އަންނަ މަހު ޓްރޭނިންއަށް ކޭމްޕް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ބައްސާމް ވިދާޅުވި އެވެ.

"އެފްއޭއެމްގެ މިހާރުގެ އަމާޒަކީ ދާ ކޮންމެ މުބާރާތެއްގެ އެންމެ މަތީ ވަނަ ހޯދުން. އަޅުގަނޑުމެންގެ ޒުވާން އުމުރުފުރާގެ ކުޅުންތެރިން 16 އަހަރުން ދަށުގެ ކަމުގައި ވިޔަސް 19 އަހަރުން ދަށުގެ ކަމުގައި ވިޔަސް އަދި އަންހެން ޓީމު ވިޔަސް ސީނިއާ ޓީމު ވިޔަސް މިހާރުގެ ވިސްނުމަކީ އެ ދާ މުބާރާތެއްގެ ކާމިޔާބުކުރަން ކުރުން. ސާފް ގޭމްސް އަޅުގަނޑުމެންގެ ދެ ޓީމު. އަންހެން އަދި ފިިރިހެން ޓީމު ދާން ހަމަޖެހިފައިވާ އިރު ވިސްނުމަކީ މި މުބާރާތް ކާމިޔާބުކުރުން،" ބައްސާމް ވިދާޅުވި އެވެ.

މީގެ އިތުރުން އަންހެން ފުޓްބޯޅަ ލީގެއް އަންނަ މަހު އައްޑޫގައި ފެށިގެންދާނެ ކަމަށާއި ފެބްރުއަރީ މަހު މާލޭގައި އަންހެން އެއިޓް ސައިޑް ފުޓްބޯޅަ މުބާރާތެއް ބާއްވާނެ ކަމަށް ބައްސާމް ވަނީ ވިދާޅުވެފަ އެވެ.

އިންޑިއާގެ ގުވަހާޓީ އާއި ޝިލޮންގައި 2016 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަންހެން ޓީމާއި ފިރިހެން ޓީމުން ވަނީ އުންމީދީ ކުޅުމެއް ދައްކާފަ އެވެ. އެ ފަހަރުގެ މުބާރާތުގައި ދެ ޓީމަށް ވެސް ލިބުނީ ހަތަރު ވަނަ އެވެ. އެފަހަރުގެ ފިރިހެން ފުޓްބޯޅަ އިވެންޓުގެ ސެމީގައި ނޭޕާލް އަތުން ރާއްޖެ ބަލިވި އިރު، ތިން ވަނަ ހޮވާ މެޗުން ބަންގްލަދޭޝް އަތުން ވެސް ވަނީ ޕެނަލްޓީ ޖަހައިގެން ބަލިވެފަ އެވެ.

comment ކޮމެންޓް