ރިސޯޓުގައި މާކަނާ މަރާލާފައެއް ނުވޭ: އީޕީއޭ

މަސްމާރުކޭޓު ފުރާޅުމައްޗަށް ތިރިކުރާ މާކަނާތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަނަންތާރާ ދިގު ރިސޯޓުގައި މާކަނާއެއް މަރާލި ކަމަށް ބުނެ ރިޕޯޓެއް ލިބުނު ނަމަވެސް، މާކަނާ މަރާލާފައި ނުވާކަން އެނގިފައިވާ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

އީޕީއޭ އިން މިއަދު ބުނީ ރިސޯޓުގެ ކޮޓަރިއެއްގެ ތެރޭގައި މާކަނާ މަރާލިކަމަށް ބުނެ އާންމުވި ވީޑިއޯގެ މައްސަލަ ތަހުގީގުކޮށް ނިމިފައިވާ ކަމަށެވެ.

އަދި އެ މާކަނާ މަރާލާފައި ނުވާކަމުގެ ޔަގީންކަން ދޭ ކަމަށް އީޕީއޭ އިން ވަނީ ބުނެފަ އެވެ.

ހަމައެއާ އެކު އަނަންތާރާ ދިގު ރިސޯޓާ ގުޅިގެން ރިސޯޓުގެ ސްޓާފުންނާއި ގެސްޓުން ހޭލުންތެރިކުރުވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިދިޔަ ހަފްތާގައި އާންމުވި ވީޑިއޯގައި ފެންނަނީ އަންނަތާރާ ދިގު ރިސޯޓުގައި ފަތުރުވެރިން ތިބި ކޮޓަރިއަކަށް މާކަނާ ވަނުމުން، ކުޑައަކުން އޭތި ފައްސަން މަސައްކަތް ކުރާތަނެވެ. އަދި އިރުކޮޅަކުން މާކަނާގެ ފިޔަގަނޑުގައި ހިފައިގެން ކޮޓަރިން ނެރެގެން ގެންދާތަން ފެނެ އެވެ.

މާކަނާ އަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ދޫންޏެކެވެ. ހިމާޔަތްކޮށްފައިވާ ދިރޭ ތަކެއްޗަށް އަނިޔާކޮށް، ގެއްލުންދީ، އެ ތަކެތި އާންމުކޮށް އުޅޭ މާހައުލަށް ގެއްލުން ލިބޭ ފަދަ ކަންކަން ކުރުމަކީ އެ ގާނޫނުގެ ދަށުން މަނާ ކަމެކެވެ.

comment ކޮމެންޓް