ފޮނަދޫގެ އާބާދީގައި ރަޖިސްޓްރީ ވެގެން 3000 ރުފިޔާގެ އިނާމެއް

ލ. ފޮނަދޫ-- ސަން ފައިލް ފޮޓޯ

ލ. ފޮނަދޫގެ އާބާދީގައި ރަޖިސްޓްރީވެގެން 3000 ރުފިޔާގެ އިނާމެއް ދޭނެ އުސޫލެއް އެރަށުގެ ކައުންސިލުން ނިންމައި އިއުލާންކޮށްފި އެވެ.

ފޮނަދޫގެ ކައުންސިލްގެ ފޭސްބުކްޕޭޖްގައި ޝާއިއުކުރި ލިޔުމެއްގައި ބުނީ އެ ފުރުސަތު ހުޅުވާލައިފައިވަނީ އެރަށުގެ އާބާދީގައި ރަޖިސްޓްރީނުވެ ރަށުގައި ދިރިއުޅޭ ފަރާތްތަކަށް ކަމަށެވެ.

އެގޮތުން މިއަހަރު ނިމުމުގެ ކުރިން ރަޖިސްޓްރީކުރާ ފަރާތްތަކުގެ ތެރެއިން ފަސް ނަސީބުވެރިއަކު ހޮވައި ފަސް މީހަކަށް 3000 ރުފިޔާގެ އިނާމެއް ދޭނެކަމަށް ކައުންސިލްއިން ބުންޏެވެ.

ފޮނަދޫ ކައުންސިލްއިން ބުނީ މިއީ އެރަށުގެ އާބާދީ 3000 އަށް އިތުރުކުރުަމށް ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.

ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒް "ސަން" އަށް ވިދާޅުވީ މިހާރުވެސް އެ ރަށުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ރަށުގައި ރަޖިސްޓްރީކޮށްފައި ނުވާ ކަމަށެވެ.

"އެބަ އުޅޭ މަންމަ ނުވަތަ ބައްޕަ އެހެން ރަށެއް ވީމާ އެހެން ރަށެއްގައި ރަޖިސްޓްރީވެފައި. އެކަމަކު ދިރިއުޅެނީ ރަށުގައި. އާބާދީ އިތުރުވީމާ ދޮއްތޯ އިތުރު ފުރުސަތުތައް ލިބޭނީ. ސަރުކާރުންވެސް ކަންކަން ރާވާއިރު އެބަ ބަލާ އާބާދީއަށް" ރިޔާޒް ވިދާޅުވި އެވެ.

ފޮނަދޫގެ އާބާދީގައި މިހާރު ތިބެނީ 2870 މީހުންނެވެ.

މީގެ ކުރިން ފޮނަދޫއާ އެއްފަޅުގައި އޮންނަ ގާދޫގެ މީހުން ފޮނަދޫއަށް ބަދަލުވެސް ކޮށްފައިވެ އެވެ. ގާދޫ މީހުން ފޮނަދޫއަށް ބަދަލުކޮށް ނިންމީ 2016 ވަނަ އަހަރު އެވެ.

comment ކޮމެންޓް