ހިޔާނާތުގެ ތުހުމަތުވާ ވަޒީރުން އިސްތިއުފާ ދޭންޖެހޭ: އާޒިމް

-- ފައިލް ފޮޓޯ/ މަޖިލިސް

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ތުހުމަތުވާ ވަޒީރުން އިސްތިއުފާ ދެއްވައި، މަގާމުން ދުރަށް ޖެހިވަޑައިގަތުމަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް މިއަދު ގޮވާލައްވައިފި އެވެ.

އާޒިމް މިހެން ވިދާޅުވީ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ޝާމިލުވާ މީހުންގެ ނަންތަކާއި، ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގައި ޝާމިލުވާ މީހުންގެ ނަންތައް ހާމަކޮށް ފިޔަވަޅު އަޅަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައި ވަނީ އެމްއެމްޕީއާރްސީގެ ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަންގެ މައްސަލައިގައި ޝާމިލްވާ ފަރާތްތަކުގެ ތެރޭގައި ދައުލަތުގެ ވަޒީރުންނާއި ކޯޓުތަކުގެ ފަނޑިޔާރުންނާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އަދިވެސް އެނޫން އެތައް ބައިވަރު ފަރާތްތަކެއް ހިމެނޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމް ވިދާޅުވުމާ ގުޅިގެންނެވެ.

މައްސަލައަށް ބަހުސް ކުރައްވަމުން ވަކި މަގާމެއްގައި ހުރި، ވަކި މީހަކަށް ވީތީ އެމީހަކު ކުރާ ކުށަށް އަދަބު ނުދެވި އޮވެގެން ނުވާނެ ކަމަށް އަލީ އާޒިމް ވިދާޅުވި އެވެ.

އެކަމުގައި ވަޒީރެއް، ފަނޑިޔާރެއް އަދި މަޖިލިސް މެމްބަރެއް އިސްތިސްނާ ނުވާނެ ކަމަށާއި، ކުށެއް ކޮށްފިނަމަ އެކަމަށް ހައްގު އަދަބު ލިބޭނެ ކަމަށް ވިދާޅުވި އެވެ.

"އަދި އެމީހަކާ ދޭތެރޭ ޝައްކެއް ނުވަތަ އެވާހަކަ ދައްކަން ފަށާ ހިސާބުން، އަޅުގަނޑު ގަބޫލުކުރަނީ ހަގީގަތުގައި އިސްތިއުފާ ދީފަ ދާންޖެހޭނެ ކަމަށް. އެހެންވީމަ އަޅުގަނޑުމެންގެ ތެރޭގައި ތިބި ވަޒީރުންވެސް އަޅުގަނޑު ގަބޫލުކުރަނީ މި ވާހަކައިގައި ވާނަމަ، މިކަމުގައި އުޅޭނަމަ އެބަ ޖެހޭ ދުރަށް ޖެހިވަޑައިގަންނަވަން،" އާޒިމް ވިދާޅުވި އެވެ.

ހާމަވެފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ޕީޖީ ތުހުމަތު ކުރެއްވި މި ސަރުކާރުގެ ވަޒީރުންނަކީ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އަދި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލް އެވެ.

އާޒިމް ވިދާޅުވީ މިހާރު ސަރުކާރުން މިސްރާބު ޖަހާފައި ވަނީ ނުހައްގު މުއްސަނދިކަން ހޯދާ މީހުން ހޯދާ، އެމީހުންނަށް ހައްގު އަދަބު ދިނުމަށް ކަމަށެވެ. އަދި އެފަދަ ކަމެއްގެ ތުހުމަތުވާ މީހުން މަގާމުގައި ތިބޭނަމަ ސަރުކާރުން ބޭނުންވާ ނަތީޖާ ހޯދަން ފަސޭހަ ނުވާނެ ކަމަށާއި އަދި ދާން ބޭނުންވާ ދިމާލަށް މިސްރާބު ޖެހުމަކީ ވެސް ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައުލޫމާތު ހޯދުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި މާލިއްޔަތު ކޮމިޓީއަށް ޕީޖީ ހާޒިރުކޮށް ސުވާލުކުރުމުން އޭނާ ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ބޭފުޅުން މާލިއްޔަތު ކޮމިޓީގެ މެންބަރުންގެ ގޮތުގައި އެބަތިބި ކަމަށާއި އެ މެންބަރުން ތިއްބަވަނިކޮށް މައުލޫމާތު ހިއްސާ ނުކުރައްވާނެ ކަމަށެވެ. އަދި ޕީޖީ އެދިވަޑައިގަތީ އެ މައްސަލަ ތަހުގީގު ކުރާތީ އެބޭފުޅުންގެ މައުލޫމާތު ކޮމިޓީ ސިއްރުކޮށް ހާމަކުރުމަށެވެ.

އެ އެދުމާ އެއްގޮތަށް ކޮމިޓީ ސިއްރުކޮށް އެކަމުގައި ތުހުމަތުވާ ކޮމިޓީއިން ތަނާޒުލްވުމަށް ފަހު ޕީޖީ ސިއްރު ކޮމިޓީގައި ދެއްކެވި ވާހަކަތައް ފަހުން ވަނީ މީޑިއާއަށް ލީކްވެފަ އެވެ.

އެކަމާ ގުޅިގެން ކޮމިނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހްގެ ނަން ޕީޖީ ކޮމިޓީގައި ވިދާޅުވިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މިނިސްޓަރު މަލީހް އިއްޔެ ވަނީ ވިދާޅުވެފަ އެވެ. މަލީހް ވިދާޅުވީ އެ މައްސަލައިގައި ޕީޖީ ބިޝާމް އާދެކޮޅަށް އަބުރުގެ ދައުވާ ކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް