ހިޔާނާތުގައި ހިމެނޭ ބޭފުޅުންގެ ނަން ލީކްވި މައްސަލަ ބަލަނީ

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޕީޖީ ބިޝާމް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ/ މަޖިލިސް

ޕްރޮސެކުޓާ ޖެނަރަލް އައިޝަތު ބިޝާމް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ސިއްރުން ހާމަކުރެއްވި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ބޭފުޅުންގެ ނަންތައް ލީކްވި މައްސަލަ ބެލުމަށް އެކޮމިޓީން ނިންމައިފި އެވެ.

މިދިޔަ ހޯމަ ދުވަހު މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި ޕީޖީ ބިޝާމް ވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތުހުމަތު ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި ބައެއް ވަޒީރުން ހިމެނިވަޑައިގަންނަވާ ކަމަށެވެ. ކޮމިޓީ ބައެއް ސިއްރުކޮށްގެން ގެންދިޔަ އިރު، ބިޝާމް ވަނީ އެ ނަންތައް ހާމަ ކުރައްވާފަ އެވެ. ނަމަވެސް ފަހުން ބިޝާމް ސިއްރު ބައްދަލުވުމުގައި ދެއްކި ވާހަކަތައް ކޮމިޓީ މެމްބަރުން ވަނީ ފަހުން މީޑިއާއާ ހިއްސާ ކުރައްވާފަ އެވެ.

އެކަމާ ގުޅިގެން މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ހުޅުދޫ ދާއިރާ މެމްބަރު އިލްޔާސް ލަބީބު ހުށަހެޅުވުއްވީ ކޮމިޓީގެ ސިއްރު މައުލޫމާތު އާންމުވި މައްސަަލަ ބެލުމަށެވެ. އޭނާ ވިދާޅުވީ، ސިއްރު ކޮމިޓީގައި ދައްކާ ވަހާކަތައް ލީކްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހިތަދޫ އުތުރު ދާއިރާ މެމްބަރު އަހްމަދު އަސްލަމް ވިދާޅުވީ، ސިއްރު ކޮމިޓީތަކުގައި ދެކެވޭ ވާހަކަތައް ލީކުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި އެކަން އެގޮތަށް ތަކުރާރުވާނަމަ ކޮމިޓީތަކާ މައުލޫމަތު ހިއްސާ ކުރުމަށް މުއައްސަސާތަކުން ފަސް ޖެހި އެ މައްސަލަތައް ބެލުމަށް ގޮންޖެހުންތަކެއް ކުރިމަތި ވާނެ ކަމަށެވެ.

"ކޮމިޓީން ސިއްރު ހެފެހެއްޓެން ވާނެ. ބައެއް މައުލޫމަތުތަކަކީ އެގޮތައް ނިކުތުމުން [އާންމުވުމުން]، ބައެއް ކަންކަމަކީ ސާބިތުވާން ހުންނަ ހެކިތައް ފުރިހަމަވުމަށް ލިގެން މެނުވީ އާންމުވާން ޖެހޭ ކަހަލަ ވާހަކަތަކެއް ނޫން،" އަސްލަމް ވިދާޅުވި އެވެ.

ޕީޖީން ސިއްރުގެ ގޮތުގައި ކޮމިޓީގައި މައުލޫމާތު ހިއްސާކުރިއިރު، އެ މައުލޫމާތު ލީކްވުމަކީ ވަރަށް ދެރަކަމެއް ކަމަށް އަސްލަމް ވިދާޅުވި އެވެ.

ކުޑަހުވަދޫ ދާއިރާ މެމްބަރު އަހްމަދު އާމިރު ވިދާޅުވީ، ކޮމިޓީގެ ބައެއް ހުޅުވާލައިގެން އަދި އަނެއްބައި ސިއްރުކޮށްގެން ގެންދިޔުމުން އެކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

"އެހެން މާނަ އެއް ނުކުރެވޭނެ ކޮމިޓީން ވަކި ގޮތެއް ނިންމައިގެން ނޫނީ.... ކޮމިޓީއެއް ސިއްރުކުރުމުގެ މައިގަނޑު ބޭނުމަކީ، ކޮންމެވެސް ކަހަލަ ކަމެއް އޭގެ ތެެރޭގައި ހިފެހެއްޓުމަށްޓަކައި. މިހާރު މި ފެނިގެންދަނީ ސިއްރުކުރުމުގެ އެއްވެސް މާނައެއް ނެތް ކަން،" އާމިރު ވިދާޅުވި އެވެ.

ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާ މެމްބަރު އަހުމަދު ނާޝިޒް ވިދާޅުވީ، ކޮމިޓީގެ ސިއްރު ހިފެހެއްޓުން އޮންނަނީ ކޮމިޓީގެ މެމްބަރުންގެ އަތްމަތީގައި ކަމަށެވެ. އޭނާ ވިދާޅުވީ، އެ މައްސަލަ ކަމާ ބެހޭ ކޮމިޓީތަކަށް ފޮނުވާ އެ މައްސަލަ ބަލާނެ ކަމަށެވެ.

މާލިއްޔަތު ކޮމިޓީގައި ދެއްކެވި ވާހަކަތައް ލީކް ވެފައިވާއިރު، މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ދާންދޫ ދާއިރާ މެމްބަަރު ޔައުގޫބު އަބްދުﷲ ވިދާޅުވީ، ކޮމިޓީން ސިއްރު ކުރި ނަމަވެސް އެފަދަ ކަމެއް ސިއްރުކޮށްގެންވާނެ ކަމަކަށް ގަބޫލު ނުކުރައްވާކަމަށެވެ. ވައްކަމުގެ ހިމެނޭ ބޭފުޅުންގެ ލިސްޓެއް ސިއްރު ކުރި ނަމަވެސް އެކަން ހާމަ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އެމްޑީޕީ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަަރު އަދި މެދު ހެންވޭރު ދާއިރާ މެމްބަރު އަލީ އާޒިމް ވިދާޅުވީ، ސިއްރު ކޮމިޓީގައި ދައްކަވާ ވާހަކަތައް ސިއްރު ކުރަން ޖެހޭ ކަމަށާއި މެމްބަރުން ހުވައެެއް ކޮށްގެން ތިއްބަވާއިރު އެ ހުވައަށް އިހުތިރާމް ކުރަން ޖެހޭ ކަމަށެވެ.

comment ކޮމެންޓް