އިންސާފު ގާއިމުކޮށްދިނުން ލަސްކަމަށް ބުނެ މީކާއީލްގެ ނުރުހުން ސަރުކާރަށް

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމު -- ފޮޓޯ/ މަޖިލިސް

ޒަމާނުއްސުރެ އިންސާފަށްޓަކައި އެންމެ ބޮޑު މަސައްކަތެއް ކުރި އެމްޑީޕީން މިއަދު ވެރިކަމުގައި އޮވެ، އިންސާފު ގާއިމުކޮށްދިނުން ލަސްވާތީ ދެރަވެ ލަދުގަންނަ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ޝާމިލުވާ މީހުންގެ ނަންތަކާއި، ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގައި ޝާމިލުވާ މީހުންގެ ނަންތައް ހާމަކޮށް ފިޔަވަޅު އަޅަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުން މީކާއީލް ވިދާޅުވީ ރިޔާސީ އިންތިހާބުގައި މިއަދުގެ ސަރުކާރު ވެރިކަމަށް ގެންނަން ވޯޓު ދިނީ ހަމައެކަނި އިންސާފު ހޯދަން ބޭނުންވާތީ ކަމަށެވެ.

"މިސަރުކާރަށް ވޯޓު ދިނީ މަގެއް އަޅާކަށް ނޫން، ބުރިޖެއް އަޅާކަށް ނޫން، އުމްރާނީ ތަރައްގީއެއް ހޯދާކަށް ނޫން. ހަމަ އެންމެ ބޭނުމެއްގައި. އިންސާފު ހޯދަން،" މީކާއީލް ވިދާޅުވިއެވެ.

އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އެންމެ މުހިންމު އެއް ވައުދަކީ އިންތިގާލީ އިންސާފު ގާއިމުކޮށްދީ، އިންސާފު ހޯދުމަށް އެދި އެތައް އަހަރެއް ވަންދެން އާދޭސް ކުރަމުން އަންނަ އާއިލާތަކަށް އިންސާފު ހޯދައި ދިނުމަށް ކަމަށެވެ.

އެހެންކަމުން މި ސަރުކާރުގެ އެންމެ މުހިންމު ވާޖިބަކަށް ވާންވާނީ ވައްކަން ކޮށްފައި ތިބި މީހުން ޖަލަށް ލައި، އެމީހުންގެ މައްޗަށް ހުކުމް ތަންފީޒުކޮށްދިނުން ކަމަށް މީކާއީލް ވިދާޅުވިއެވެ.

"އެހެން ނަމަވެސް އެމްޑީޕީ މެމްބަރެއްގެ ހައިސިއްޔަތުން، މަޖިލިސް މެމްބަރެއްގެ ހައިސިއްޔަތަކުން ނޫން، އެމްޑީޕީ މެމްބަރެއްގެ ހައިސިއްޔަތުން މިއަދު އަޅުގަނޑު އެންމެ ދެރަވާ ސަބަބަކީ، އަޅުގަނޑު އެންމެ ހިތާމަކުރާ އެއް ސަބަބަކީ މި ރާއްޖޭގައި އިންސާފަށްޓަކައި މަސައްކަތް ކުރި، ޒަމާނުއްސުރެ އިސްލާހީ ހަރަކާތުގައި އެންމެ ކުރީ ސަފުގައި ތިބި އަޅުގަނޑުމެންގެ ޕާޓީ މިއަދު ސަރުކާރުގައި އޮވެމެ، އަޅުގަނޑުމެންނަށް މިކަންކަމާ މެދު ފިޔަވަޅު އެޅުން ލަސްވަމުން ދާތީ،" މީކާއީލް ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަންގެ މައްސަލައިގައި ޝާމިލްވާ ފަރާތްތަކުގެ ތެރޭގައި ދައުލަތުގެ ވަޒީރުންނާއި ކޯޓުތަކުގެ ފަނޑިޔާރުންނާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އަދިވެސް އެނޫން އެތައް ބައިވަރު ފަރާތްތަކެއް ހިމެނޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމް ވަނީ މަޖިލީހުގެ ކޮމިޓީއެއްގައި ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން މިކާއީލް ވިދާޅުވީ އެއިން އެއްވެސް މީހަކު އިންސާފުގެ ކުރިމައްޗަށް އަންނާނެ ކަމާމެދު އެއްވެސް ވަރެއްގެ އުންމީދެއް ނެތް ކަމަށެވެ.

"އެކަމަކުވެސް އަޅުގަނޑަކަށް މިއަދު ހަމަ އެއްވެސް އުންމީދެއް ނެތޭ އެމީހުން އިންސާފުގެ ކުރިމައްޗަށް އަންނާނެ ކަމުގެ،" މީކާއީލް ވިދާޅުވިއެވެ.

މީކާއިލް މިހެން ވިދާޅުވީ ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން އާންމުކުރި ރިޕޯޓާ ގުޅިގެން ވެސް އެކަށީގެންވާ ފިޔަވަޅެއް އެޅިފައި ނުވާތީ އެވެ.

"މަރުތަކުގެ ވާހަކަ ހަމަ ތަކުރާރުކޮށް ރިޔާސީ ކޮމިޝަނުން ވެސް ހެއްކާ ގަރީނާއާ އެ ހުންނަންވާ ހުރިހާ އެއްޗަކާ އެއްކޮށް ބޮޑު ރިޕޯޓެއް ނެރެ މި ރާއްޖޭގައި ހާމަކުރި އިރު، އޭގެ ފަހުން މިހާރު ދެ މަސް ތިން މަސް ވެގެން ދަނީ، ހަމަ އެޅުނު އެއްވެސް ފިޔަވަޅެއް ނެތޭ،" މީކާއީލް ވިދާޅުވިއެވެ.

މީކާއީލް ވިދާޅުވީ މަރު ކޮމިޝަނުގެ ރިޕޯޓަށް އެކަށީގެންވާ ފިޔަވަޅު އެޅުނު ނަމަ މަގުމަތީގައި ހިނގާފައި ދާއިރު ރައްކާތެރިކަމުގެ އިހްސާސް ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑެއް ނުޖެހޭނެ އެމްއެންޑީއެފްގެ އޮފިސަރެއް ގޮވައިގެން މިއަދު މަގުމަތީ ހިނގާކަށް. އެ އިހްސާސް އަޅުގަނޑުމެންނަށް ކުރެވޭނެ،" މީކާއީލް ވިދާޅުވިއެވެ.

މީކާއިލް ވިދާޅުވީ އިންސާފަށް އެދި އޭރުންސުރެ އާދޭސް ކުރަމުން ދިޔަ އާއިލާތައް މިއަދުވެސް ތިބީ ހަމަ މި އާދޭސް ކުރުމުގެ މަތީގައި ކަމަށެވެ. އަދި ރަހީނުކޮށް މަރާލި ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ އަށް އިންސާފު ލިބޭނެކަމަށް ގަބޫލުނުކުރާ ކަމަށް އޭނާގެ އާއިލާއިން މިއަދު ބުނަމުން ދާތީ އެކަމާ ލަދުގަނެ، ހިތާމަކުރާ ކަމަށް މީކާއީލް ވަނީ ވިދާޅުވެފައެވެ.

މީކާއީލް ވިދާޅުވީ ބަޖެޓު ފާސްކޮށްގެން އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދޭންވީ ބްރިޖާއި މަގު ހެދުމަށް ނޫން ކަމަށާއި، ސަރުކާރުގެ އެންމެ ބޮޑު ވާޖިބަކަށް ވާން ޖެހޭނީ ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ.

comment ކޮމެންޓް