ބަހަނާއެއް ނެތް، ކައުންސިލްތަކުގައި އަންހެނުން ތިބެން ޖެހޭ!

އަންހެނުންތަކެއް: ސިޔާސީ މައިދާނުގައި އަންހެނުންގެ ދައުރު އިތުރު ކުރަން ފިޔަވަޅު އަޅަން ޖެހޭ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ލޯކަލް ކައުންސިލުތައް ބާރުވެރިކުރުވުމަށްޓަކައި ގާނޫނުއަސާސީއަށާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން މިވަނީ ބޮޑެތި އިސްލާހުތަކެއް ހުށަހަޅާފަ އެވެ.

އެގޮތުން އެންމެ ފާހަގަކޮށްލެވޭ އިސްލާހަކީ ކައުންސިލުތަކުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް، ކައުންސިލްތަކަށް އިންތިހާބުކުރެވޭ މެންބަރުންގެ 33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމަށް ހިމަނާފައިވާ އިސްލާހެވެ. ބިލް ހުށަހަޅާފައިވަ ގޮތަށް ފާސްވެއްޖެ ނަމަ ދެން އޮންނަ ލޯކަލް ކައުންސިލް އިންތިހާބަކަށް ފަހު ކޮންމެ ކައުންސިލެއްގައި ވެސް އަންހެން މެމްބަރަކު އިންނާނެ އެވެ.

މިއީ ސިޔާސަތު ކަނޑައަޅާ މަގާމުތަކަށް އަންހެނުން ގެނެސް، އަންހެނުން ބާރުވެރިކުރުމަށް ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް މިހާރު އަމަލުކުރަމުން އަންނަ އުސޫލެކެވެ. މިއީ ދާއިމަށް ދެމިގެންދާނެ ކަމެއް ނޫނެވެ.

މިފަދަ ހާއްސަ އުސޫލެއް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާއިރު، މިކަމާ މެދު ހިޔާލުތަފާތުވުންތަކެއް ވެސް އެބަހުއްޓެވެ. އެއް ބަޔަކު ބުނަމުން އަންނަނީ، އަންހެނުންނަށް ގޮނޑިއެއް ހާއްސަ ކުރުމަކީ ތަފާތު ކުރުމެއް ކަމަށެވެ. އަދި އިސް މަގާމުތަކަށް އައްޔަން ކުރަން ވާނީ ޖިންސަކަށް ބެލުމެއްނެތި، ކަމަށް އެންމެ ގާބިލް މީހާ ކަމަށެވެ.

ސިޔާސީ މައިދާނުގައި އަންހެނުން ބާރުވެރިކުރުވަން ފަސް ޖެހޭ -- ސަން ފޮޓޯ: ފަޔާޒު މޫސާ

އަނެއް ބަޔަކު ބުނަމުން އަންނަނީ ކައުންސިލުތަކުގެ 33 ޕަސެންޓު އަންހެނުންނަށް ދޭނަމަ، އިތުރު އެހެން ގޮނޑިއަކަށް އަންހެނަކު އިންތިހާބުވެގެން ނުވާނެ ކަމަށެވެ.

ނަމަވެސް މި ވާހަކަތަކާ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު މުޅިން ދެކޮޅެވެ. ޖީހާން ވިދާޅުވީ ކައުންސިލްތަކުން އަންހެނުންނަށް ވަކި އަދަދެއް ހާއްސަ ކުރުމަކީ މިހާރު ކޮންމެހެން ވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށެވެ.

ސަބަބަކީ ރާއްޖޭގައި މަތީ މަގާމުތަކުގައި، ހާއްސަކޮށް އިންތިހާބުކުރާ މަގާމުތަކުގައި އަންހެނުން މަދުވަނީ އެމީހުން އަންހެނުންނަށް ވީތީ އެވެ. އަންހެނުންނަށް އެފަދަ މަސްއޫލިއްޔަތެއް އަދާކުރެވޭނެ ކަމާމެދު މީހުން ސުވާލުއުފައްދާތީ އެވެ. އެއްވެސް ވަރަކަށް އަންހެނުން ގާބިލު ނުވެގެނެއް ނޫނެވެ.

"އަންހެނުންގެ ގާބިލުކަމާ އަންހެނުންގެ ތަޖުރިބާ އާއި އަންހެނުންގެ ހިންގުންތެރިކަމާ އަންހެނުންގެ ކޮމިޓްމަންޓް، ކަމަށް ހުންނަ ގަދަރާ އިހްތިރާމް ކިތަންމެ ވަރަކަށް ދެއްކިޔަސް އަންހެނުންނަކަށް ހަގީގަތުގައި މީހުން ވޯޓެއް ނުލާ،" ޖީހާން ވިދާޅުވި އެވެ.

މީގެ އެންމެ ބޮޑު ހެއްކަކީ ރައްޔިތުންގެ މަޖިލީހުގެ ވޭތުވެދިޔަ ތިން އިންތިހާބާއި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުތަކެވެ. އިންތިހާބުތަކުގައި ވާދަކުރާ އަންހެނުން އަންނަނީ އިންތިހާބަކަށްފަހު އިންތިހާބެއް އިތުރުވަމުންނެވެ. ނަމަވެސް ވޯޓުން ހޮވެނީ ވަރަށް މަދު އަންހެނުންނެވެ.

ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު

ދެހާސް ސަތާރަ ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއަށް ބަލާއިރު، 653 ކައުންސިލަރުންގެ ތެރޭގައި ހިމެނެނީ 41 އަންހެނުންނެވެ. އެއީ އެންމެ ހަ ޕަސެންޓެވެ. ރައްޔިތުންގެ މަޖިލީހަށް ބަލާއިރު، 87 މެމްބަރުންގެ ތެރޭގައި ތިބީ އެންމެ ހަތަރު އަންހެން މެމްބަރުންނެވެ.

ޖީހާން ވިދާޅުވީ ފިރިހެނުންނާ އަޅާބަލާއިރު، މަގާމުތަކަށް ކުރިމަތިލާ އަންހެނުން މާބޮޑަށް ވެސް ގާބިލު ކަމަށެވެ. ތައުލީމާއި ތަޖުރިބާގެ ގޮތުން ބެލިޔަސް، ދިވެހި އަންހެނުން މިހާރު އުޅެނީ ފިރިހެނުންނަށް ވުރެ ކުރީގައި ކަމަށާއި، އެހެން ނަމަވެސް ވޯޓު ފޮށްޓާ ހަމައިން އަންހެނުން މާޔޫސްވާން ޖެހޭ ކަމަށެވެ.

"ސަބަބަކީ ހަމަ މީހުން އަންހެނުންނަށް ވޯޓު ނުލުން. އެއީ ގާބިލް އަންހެނުން ނެތިގެންނެއް ނޫން. އަންހެނުންގެ ކިބައިގައި ގާބިލްކަން ނެތިގެނެއް ވެސް ނޫން. އަދި އަންހެނުންނަށް ތަޖުރިބާ ނެތިގެނެއް ވެސް ނޫން،" ޖީހާން ވިދާޅުވިއެވެ.

ޖީހާން ގަބޫލުކުރައްވާ ގޮތުގައި އަންހެނުންނަށް އިންތިހާބީ މަގާމުތަކަށް ނާދެވިގެން އުޅެނީ، އެ ހިސާބަށް ދާން ކޮށަން ޖެހޭ މަގުގައި ހުރި ހުރަސްތައް ގިނަކަމުންނެވެ. އަންހެނުންނަކީ ގެ ބަލަހައްޓަން ތިބޭ ބައެއް ކަމަށާއި، ދަރިންގެ ކަންކަން ބަލަމުން، ގޭތެރޭގެ މަސައްކަތްތައް ކުރަމުން އެފަދަ މަގާމެއް އަންހެނުންނަށް އަދާނުކުރެވޭނެ ކަމަށް ދެކޭ ދެކުން އަދިވެސް ދިވެހީންގެ ތެރެއިން ފިލައިގެން ނުދިއުމަކީ ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ.

އެފްރިކާގެ ގިނަ ގައުމުތަކާއި އަދި މި ސަރަހައްދުގެ ބައެއް ގައުމުތަކުގައި ވެސް އިންތިހާބީ މަގާމުތަކަށް ހޮވާ މީހުންގެ ވަކި ޕަސެންޓެއް އަންހެނުން ހާއްސަ ކޮށްފައި ވަނީ ވަގުތީ ފިޔަވަޅެއްގެ ގޮތުންނެވެ. މިފަދަ މަގާމުތަކުގައި އަންހެނުންނަށް ހަމަހަމަކަން ލިބެން ފެށުމުން މި ހަމަޖައްސާ ހާއްސަ އުސޫލު، ނިމުމަކަށް އަންނަ ގޮތަށެވެ.

މިފަދަ ހާއްސަ އުސޫލެއް ހަމަޖައްސަނީ އެ ސަބަބަށްޓަކަ އެވެ. މަގާމުތަކަށް އަންހެނުން އިންތިހާބުކޮށް، އަންހެނުންނަކީ ކަން ކުރެވޭ ވަރުގެ ގާބިލް ބައެއްކަން ސާބިތުކޮށްދިނުމަށް ފުރުސަތެއް ދިނުމަށެވެ. މިހާރު އަންހެނުންނަށް ނުލިބެނީ އެ ފުރުސަތެވެ.

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެންނަ އިސްލާހު ވެގެން މިދަނީ، އެފަދަ ފުރުސަތަކަށް ފެން ބޮވައިގެންފައި ތިބި އެތައް އަންހެނުންނަކަށް ލިބޭ އުންމީދަކަށެވެ. އަންހެނުންގެ ފެންވަރު ދައްކާލުމުން، އެމީހުންގެ ގާބިލް ކަމާމެދު ޝައްކުކޮށް، ސުވާލު އުފައްދާނެ ފުރުސަތެއް ދެން ނުލިބޭނެ އެވެ. އަދި އިސް މަގާމުތަކަށް އަންހެނުން އިންތިހާބު ނުކުރަން ދައްކާނެ ހުއްޖަތެއް ވެސް ދެން ނޯންނާނެ އެވެ.

މީގެ އިތުރުން މި އިސްލާހުގެ ސަބަބުން، އިންތިހާބު ތަކުގައި ވާދަކުރުމަށް އަންހެނުންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބި، އިންތިހާބުތަކުގައި ވާދަކުރާ އަންހެނުންގެ ނިސްބަތް ބޮޑުތަން އިތުރުވާނެ ކަމަށް ޖީހާން ގަބޫލުކުރައްވަ އެވެ.

"އަޅުގަނޑު ދެކޭގޮތުގައި ވަކި އަދަދެއް، ވަކި ޕަސެންޓޭޖެއް އަންހެނުންނަށް ހާއްސަ ކުރުމަކީ މިހާރު ޑިސްއެޑްވާންޓޭޖެއް ލިބިފައި ތިބި ބަޔަކަށް، ފަހަތަށް ޖެހެން މަޖުބޫރުވެފައި ތިބި ބަޔަކު މައްޗަށް ހިއްލާލަން، ހަމަހަމަކަމާ ހަމައަށް ހިއްލާލަށް މިވަގުތު ނަގަން ޖެހޭ ފިޔަވަޅެއް،" ޖީހާން ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހާ ގުޅޭގޮތުން ކުރީގެ ވަޒީރު އަދި ހޯޕް ފޯ ވިމެންގެ ފައުންޑާ އަނީސާ އަހްމަދު "ސަން" އަށް ވިދާޅުވީ ލޯކަލް ގަވަންނެންސް ޑިމޮކްރަސީއެއްގައި ހުރިހާ އެންމެން ތަމްސީލްވާން ޖެހޭނެ ކަމަށެވެ. އާބާދީގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުން ކަމުގައިވާއިރު، ސިޔާސަތު ކަނޑައެޅުމުގައި އަންހެނުންގެ ބައިވެރިވުން ކުޑަ ނަމަ، ނުވަތަ ދެ ޖިންސުގެ ފިކުރާ ހިޔާލު ހަމަހަމަކޮށް ގެނެސްނުދެވޭ ނަމަ ހަގީގީ މާނައިގައި ލޯކަލް ގަވަންނެންސް ޑިމޮކްރަސީއެއް ނުހިންގޭނެ އެވެ.

ކުރީގެ ހެލްތު މިނިސްޓަރު އަދި ހޯޕް ފޯ ވިމެންގެ އަނީސާ އަހްމަދު -- ސަން ފައިލް ފޮޓޯ

އަނީސާ ވިދާޅުވީ މިހާރު މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް ބަހުސްގައި ބައެއް މެމްބަރުން ދައްކަވާ ވާހަކަތަކާ ގުޅިގެން އަނީސާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި ބިލް ހުށަހެޅިފައިވާ ގޮތަށް ފާސްވާނެ ކަމާމެދު ވެސް އަނީސާ ވަނީ ސުވާލުއުފައްދަވައިފަ އެވެ.

އަނީސާ ވިދާޅުވީ ގިނަ ފިރިހެނުންނަށް ހީވެފައި އޮންނަނީ ފިރިހެނުން މަގާމުތަކަށް ހޮވެނީ އަންހެނުންނަށް ވުރެ އެމީހުން ގާބިލް ވާތީ ކަމަށެވެ. ނަމަވެސް ފިރިހެނަކު އިންތިހާބަކަށް ކުރިމަތިލުމުން އެމީހުން ގާބިލުތޯ ނުވަތަ ނޫންތޯ ސުވާލު އުފައްދާ މީހުން ނޫޅޭ ކަމަށާއި އެހެން ނަމަވެސް އަންހެނަކު މަގާމަކަށް ކުރިމަތިލައިފިނަމަ އެމީހެއްގެ ގާބިލުކަން ސާބިތުކޮށްދޭން ޖެހޭކަން އަނީސާ ފާހަގަކުރެއްވި އެވެ.

"އަންހެނުންގެ ގާބިލްކަން ވެސް އެނގޭނީ އަންހެނުންނަށް އެ ފުރުސަތު ދިނީމަ. އަންހެނުންނަކީ ވެސް ފިރިހެނުންނާ އެއްވަރަށް ގާބިލް ބައެއް. ބައެއް ފަރާތްތަކަށް ހާއްސަކޮށް ފިރިހެނުންނަށް ގަބޫލުކުރެވިފައި އޮންނަނީ ފިރިހެނެއް ވިއްޔާ ގާބިލް ވާނޭ. އަންހެނެއް ވިއްޔާ އެބަޖެހޭ ގާބިލްކަން ސާބިތުކޮށްދޭން. މި ވިސްނުން ބަދަލުކޮށްގެން ނޫނިއްޔާ ބަދަލެއް ނުގެނެވޭނެ،" އަނީސާ ވިދާޅުވި އެވެ.

އަންހެނުންނަށް ކައުންސިލްތަކުގެ ވަކި މިންވަރެއް ހާއްސަ ކުރަނީ ވަގުތީ ގޮތުންކަން ފާހަގަކުރައްވައި އަނީސާ ވިދާޅުވީ މި މުއްދަތުގެ ތެރޭގައި އަންހެނުން މަގާމުތަކަށް ގެނެސްގެން، އިންތިހާބު މަސްއޫލިއްޔަތުތައް އަދާކުރަން ފަށައި އެމީހުންގެ ގާބިލުކަން ސާބިތުކޮށްދެވިއްޖެ ނަމަ، ދެން އެފަދަ އިންތިހާބީ މަގާމުތަކަށް ކުރިމަތިލާން އަންހެނުން ޖެހިލުން ނުވާނެ ކަމަށެވެ. އެހެންކަމުން މިފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް އަނީސާ ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

"ސިޔާސީ ދާއިރާއަށް ނުކުންނަން ބޭނުންވާ އަންހެން ބޭފުޅުންނަށް މިއީ ސްޓެޕިން ސްޓޯން އެއް. ކުރިއަށް އޮތް 10 ވަރަކަށް އަހަރު ތެރޭގައި އަޅުގަނޑު ގަބޫލުކުރަނީ މީގެ ނަތީޖާ ފެނިގެންދާނެ ރައްޔިތުންގެ މަޖިލީހުން. މަޖިލީހަށް އިންތިހާބުވާ އަންހެނުންގެ އަދަދު އިތުރުވެގެންދާނެ،" އަނީސާ ވިދާޅުވި އެވެ.

އަނީސާ ވިދާޅުވީ އަދި މި ބިލް ފާސްވެގެން އައި ނަމަވެސް، ބިލުގައި ބުނެފައިވާ ކަންކަން ތަންފީޒު ނުވާނަމަ ބަދަލެއް ނާންނާނެ ކަމަށެވެ.

ހދ. ކުޅުދުއްފުށި ކައުންސިލް މެމްބަރު ސަމާ އަލީ އަކީ އެ ކައުންސިލުގައި ހިމެނޭ ހަމައެކަނި އަންހެން ކައުންސިލަރެވެ. ސަމާ ވިދާޅުވީ، ކައުންސިލްތަކުގައި އަންހެން މެމްބަރަކު އިނުމަކީ މިހާރު މަޖުބޫރު ކަމެއް ކަމަށެވެ.

"ރަށެއްގެ ކަންކަމުގައި އަންހެނުންގެ ބަހަކީ ވަރަށް މުހިންމު އެއްޗެއް. އެހެންވީމަ ކައުންސިލުގައި އަންހެނުންގެ ފަރާތުން، އަންހެނުން ތަމްސީލުކޮށް، އަންހެނުންގެ އަޑު އިއްވަން އަންހެނަކު އިނުން ލާޒިމް،" ސަމާ ވިދާޅުވިއެވެ.

ސަމާ ވިދާޅުވީ އަންހެނުންނަކީ ކޮންމެ ކަމެއް ވެސް ކުރެވޭނެ، ފެންވަރު ހުރި ގާބިލް މީހުން ކަމަށެވެ. އަދި މަސައްކަތުގައި ކުރިއަށް ދިއުމަށް، ފިރިހެނުންގެ މެޖޯރިޓީއެއް އޮތް އެރަށު ކައުންސިލުން ސަމާއަށް ލިބޭ އެހީތެރިކަން އޭނާ ފާހަގަ ކުރެއްވި އެވެ. ބައެއް ކަހަލަ ހިޔާލު ތަފާތުވުންތައް ކުރިމަތިވި ނަމަވެސް، ތަނެއްގެ ކުރިއެރުމަށް ތަފާތު ހިޔާލަކީ ވަރަށް މުހިންމު ކަމެއްކަން ސަމާ ފާހަގަ ކުރެއްވި އެވެ.

ލާމަރުކަޒީ ބިލާ ގުޅޭގޮތުން ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު، ޝަމާއު ޝަރީފް ވިދާޅުވީ އެއީ ހަމަހަމަކަން ކަނޑައެޅުމަށް ގެންނަ ބަދަލެއް ކަމަށާއި، ކައުންސިލްތަކުގެ ނިންމުން ތަކަށް އަންހެނުންގެ ބައިވެރިވުން ވަރަށް މުހިއްމު ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ އަދި ޑެޕިއުޓީ މޭޔަރު ޝަމާއު -- ސަން ފައިލް ފޮޓޯ

ޝަމާއުވެސް ވަނީ އިންތިހާބީ މަގާމުތަކަށް އައުމަށް އަންހެނަކަށް ވީތީ ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވާކަން ފާހަގަކުރައްވައިފަ އެވެ. އެހެންކަމުން މި ބިލުގެ ސަބަބުން އިންތިހާބީ މަގާމުތަކަށް އަންހެނުން ކުރިމަތިލާ، އިންތިހާބުވުމަށް ވަރަށް ބޮޑު ބާރެއް ލިބިގެންދާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

ކައުންސިލްތަކުގެ 33 ޕަސެންޓު އަންހެނުންނަށް ދިނުމުގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއެއް ކޮންމެ ރަށެއްގައި ވެސް އޮންނަން ވާނެ ކަމަށާއި އަދި އެ ކޮމިޓީގެ މެމްބަރުންނަކީ އުޖޫރައެއްގެ ދަށުން މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ބިލުގައި ވަނީ ހިމަނައިފަ އެވެ.

އެ ކޮމިޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ސިޔާސީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި، މަތީ ތައުލީމު ހާސިލްކުރާ އަންހެނުންގެ އަދަދު އިތުރުކުރުމަށް މަސައްކަތް ކުރުމާއި އަންހެނުންގެ ސިއްހީ ހާލަތު ރަނގަޅު ކުރަން މަސައްކަތް ކުރުން ހިމެނެ އެވެ.

މީގެ ކުރިން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުން ތިބެނީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ބައެއެއްގެ ގޮތުގަ އެވެ. އެހެންކަމުން މި ބަދަލަކީ ވެސް އަންހެނުން ބާރުވެރި ކުރުވަން އެޅޭ މުހިންމު ފިޔަވަޅަކަށް ވެގެންދާނެ އެވެ.

ހަމަ އެއާއެކު ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ބޯޑުގައި ވެސް ޖެންޑާ އީކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެމްބަރެއް އިނުން ބިލުގައި ލާޒިމު ކުރެ އެވެ.

އެހެންކަމުން ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަކީ ސިޔާސީ ގޮތުންނާއި އިޖުތިމާއީ ގޮތުން އަންހެނުން ބާރުވެރިކޮށް، މާލީގޮތުން ވެސް ފުދުންތެރި ބަޔަކަށް އަންހެނުން ހެދުމަށް މުހިންމު ބިލެކެވެ. އަދި ސިޔާސީ މައިދާނުގައި ކުރިއަށް ދާން މިހާރު އަންހެނުންނަށް ކުރިމަތިވެފައިވާ ހުރަސްތައް ނައްތާލައި، ގައުމުގެ ކަންކަމުގައި އަންހެނުންގެ އަޑު އިއްވަން ކޮށައިދެވޭ ރަނގަޅު މަގެކެވެ.

comment ކޮމެންޓް