ހިޔާނާތުގައި ހިމެނޭ މީހުންގެ ނަންތައް ހާމަކޮށް ފިޔަވަޅު އަޅަން ގޮވާލައި ކުއްލި މައްސަލައެއް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ މަޖިލިސް

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި ޝާމިލުވާ މީހުންގެ ނަންތަކާއި، ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގައި ޝާމިލުވާ މީހުންގެ ނަންތައް ހާމަކޮށް ފިޔަވަޅު އަޅަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ކުއްލި މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ޗެއާޕާސަން އަދި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން ހަސަން ލަތީފް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގަޔާއި 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ދިވެހި ރައްޔިތުން އެމްޑީޕީއަށް އަގުލަބިއްޔަތުދީ ތާއީދު ކުރި އެންމު މުހިންމު ސަބަބަކީ ދައުލަތުގެ ހަޒާނާއިން ވައްކަން ކުރި މީހުންނާއި ގޮތް ނޭނގޭ ގޮތަށް މަރާލާ އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގައި ޝާމިލްވާ މީހުން ދެނެގަނެ އެމީހުންނާ ދޭތެރޭ ފިޔަވަޅު އެޅުން ކަމަށެވެ.

އަދި އެމްއެމްޕީއާރްސީގެ ވައްކަމާއި ހިޔާނާތާއި ކޮރަޕްޝަންގެ މައްސަލައިގައި ޝާމިލްވާ ފަރާތްތަކުގެ ތެރޭގައި ދައުލަތުގެ ވަޒީރުންނާއި ކޯޓުތަކުގެ ފަނޑިޔާރުންނާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އަދިވެސް އެނޫން އެތައް ބައިވަރު ފަރާތްތަކެއް ހިމެނޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމް ވިދާޅުވެފައިވާކަން ވެސް ހަސަން ވަނީ ފާހަގަކުރައްވައިފައެވެ.

ހަސަން ވިދާޅުވީ އެ ބޮޑު ހިޔާނާތުގައި ބައިވެރިވެފައިވާ ފަރާތްތަކާއި ގޮތް ނޭނގޭ މަރުތަކުގައި ޝާމިލްވާ މީހުންނަކީ ކޮބައިކަން ދެނެގަތުމަށް ދިވެހި ރައްޔިތުން ކެތްމަދުވެފައިވާ ކަމަށާއި އެ ފަރާތްތަކުގެ ތަހުގީގު ހިންގައި އިންސާފު ގާއިމު ކުރުމަށް އަބަދުމެ ދިވެހި ރައްޔިތުން އެދެމުން ދާ ކަމަށެވެ.

"..އެމްއެމްޕީއާރުސީގެ މައްސަލައިގައި ހިމެނޭ އެންމެހާ ފަރާތްތަކުގެ ނަންތަކާއި ގޮތް ނޭނގޭ ގޮތަށް މަރާލާ އަދި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގައި އެކި ގޮތްގޮތުން ޝާމިލުވާ ފަރާތްތަކުގެ ނަންތައް ހާމަކޮށް، އެފަރާތްތަކުގެ މައްޗަށް ވަގުތުން ފިޔަވަޅު އެޅުމަށް ސަރުކާރަށް އިލްތިމާސް ކުރަމެވެ." ގަރާރުގައިވެ އެވެ.

މި ކުއްލި މައްސަލަ މިއަދު މަޖިލީހަށް ބަލައިގެންފައި ވަނީ 42 މެމްބަރުންގެ އިއްތިފާގުންނެވެ.

comment ކޮމެންޓް